އިމްޕީޗްކުރަން އުޅޭ މައްސަލާގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އިދިކޮޅު ޑިމޮކްރޭޓުންނަށް ވަރުގަދަ ބަހުގެ ހަމަލާތަކެއް ދެއްވައިފިއެވެ.
މިމައްސަލާގައި ޓްރަމްޕް މިއަދުވަނީ، ވީޑިއޯ މެސެޖަކާއި، ޓްވީޓްތަކެއް މެދުވެރިކޮށް އިދިކޮޅު ފަރާތްތަކުގެ މަސައްކަތް ކުށްވެރި ކުރައްވާފައެވެ.
ޓްރަމްޕް ޓްވިޓަރ މެދުވެރިކޮށް އާންމުކުރެއްވި ވީޑިއޯ މެސެޖެއްގައި އޭނާގެ ސަޕޯޓަރުންނަށް ވިދާޅުވީ، އެމެރިކާ މިހާރުއޮތީ މީގެކުރިން ދުވަހަކުވެސް ނެތްފަދަ ވަރުގަދަ ގައުމެއްގެ ގޮތުގައި، ބަދަހިކޮށް ކަމަށެވެ.
އިދިކޮޅު ޑިމޮކްރޭޓުން ގެންދަނީ އެމެރިކާ ރައްޔިތުންނަށް ލިބިފައިވާ ހައްގުތަކަށް ނުރައްކާ ކުރަމުން ކަމަށް ޓްރަމްޕްގެ މެސެޖްގައި ވިދާޅުވެފައި ވެއެވެ.
"ޑިމޮކްރޭޓުން އުޅެނީ ތިބޭފުޅުންގެ އަތުން ހަތިޔާރު އަތުލަން. އެމީހުން އުޅެނީ ތިބޭފުޅުންގެ ހެލްތު ކެއަރ އަތުލައިގަންނަން. އެމީހުން އުޅެނީ ތިބޭފުޅުންގެ ވޯޓް ޖަހައިގަންނަން. އެމީހުން އުޅެނީ ތި ބޭފުޅުންގެ މިނިވަންކަން، ތި ބޭފުޅުންގެ އަތުން އަތުލައިގަންނަން" ސަޕޯޓަރުންނާ މުޚާތަބު ކުރައްވާ ޓްރަމްޕް ވިދާޅުވެފައި ވެއެވެ.
އެހެން ނަމަވެސް، އެކަން ކުރިޔަ ނުދެއްވާނޭ ކަމަށާއި، އެމެރިކާ މިހާރުއޮތީ ވަރަށް ވަރުގަދަކޮށް ކަމަށް ޓްރަމްޕް ވިދާޅުވިއެވެ. އެހެންވެ، އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަނީ އެމެރިކާ ހަލާކުކޮށްލަން ކަމަށް ޓްރަމްޕް ތުހުމަތު ކުރެއްވިއެވެ.
ޓްރަމްޕް ވިދާޅުވީ، އިދިކޮޅު ޑިމޮކްރޭޓުން އޭނާ ހުއްޓުވަން އުޅެނީ އެމެރިކާ ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރައްވާތީ ކަމަށެވެ. އެކަމަކު، އިދިކޮޅު ފަރާތްތަކަށް އެ ކަން ނުކުރެއްވޭނޭ ކަމަށާއި، އެ ފުރުސަތުވެސް ނުދެއްވާނޭ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.
ޓްރަމްޕް މި މޭރުމުން ވާހަކަފުޅު މި ދެއްކެވީ، އިދިކޮޅު ޑިމޮކްރަޓިކް ޕާޓީގެ ފަރާތުން 2020 ގައި ޓްރަމްޕާ ވާދަކުރައްވާނެ ކަމަށް އެންމެބޮޑަށް ބެލެވޭ ކުރީގެ ނާއިބް ރައީސް ޖޯ ބައިޑެންގެ އަގު ވައްޓާލައި، ނަންފުޅު ކިލަނބުކޮށްލުމަށް ޓްރަމްޕް މަސައްކަތް ކުރައްވާކަން ހާމަވުމާ ގުޅިގެން ޓްރަމްޕް އިމްޕީޗްކުރަން ކޮންގްރެސްއިން ތައްޔާރުވަމުންދާތީއެވެ.
ޖޯ ބައިޑެންގެ ނަންފުޅަށް ހުތުރުއަރުވަން ޓްރަމްޕް އުޅުއްވާކަން ހާމަވީ، ޔޫކްރެއިންގެ ރައީސާ ފޯނުން ގުޅުއްވައި ބައިޑެންގެ މައްޗަށް ތަހްގީގު ހިންގަން ޓްރަމްޕް ބިރުދެއްކެވިކަން ލީކުކޮށްލާފައިވާ ފޯނުކޯލުން ހާމަވުމާ ގުޅިގެންނެވެ.
ބެލެވޭގޮތުގައި، މިކަމަކީ ބައިޑެންއަށް ރިޔާސީ އިންތިޚާބު ކާމިޔާބުވިޔަނުދިމަށާއި އަދި ސިޔާސީ މަންފާއެއް ހޯއްދެވުމަށް ޓްރަމްޕް ކުރެއްވި ކަމެކެވެ.
ޓްވިޓަރގައި ޝާއިއުކުރެއްވި ވީޑިއޯގެ ފަހުން، ޓްރަމްޕްވަނީ އިމްޕީޗްކުރަން އުޅޭ މައްސަލާގައި ފުލުފުލުން ޓްވީޓްތަކެއް ކުރައްވާފައެވެ. އަދި ވިދާޅުވެފައިވަނީ، އެކަމަކީ އޭނާގެ ކުށް ހޯދައިގެން މަގާމުން ދުރުކުރަން ރާވައިގެން ކުރާ މަސައްކަތެއް ކަމަށެވެ.
ޓްރަމްޕް އިމްޕީޗްކުރުމުގެ މަސައްކަތުގައި އެންމެ އިސްކޮށްއުޅޭ ކޮންގްރެސްގެ ޑިމޮކްރޭޓް އެޑަމް ޝިފް ވަގުތުން މެމްބަރުކަމުން އިސްތިއުފާ ދެއްވުމަށްވެސް ޓްރަމްޕްވަނީ ގޮވާލައްވާފައެވެ. ވިދާޅުވީ، އެޑަމް އޭނާގެ އަބުރު ކަތިލައިފި ކަމަށެވެ.
ޓްރަމްޕްވަނީ، ޔޫކްރެއިންގެ މައްސަލާގައި އޭނާ ދިފާއުކޮށް އަދި ޑިމޮކްރޭޓުން ކުށްވެރިކޮށް ރިޕަބްލިކަން ޕާޓީގެ ކޮންގްރެސް މެމްބަރުންނާއި، މީޑިއާގެ ބައިވެރިން ދައްކަވާފައިވާ ވާހަކަތައް ހިމެނޭ އެތައް ވީޑިއޯ ކްލިޕެއް ރީޓްވީޓްވެސް ކުރައްވާފައެވެ.
އެކަމަކު، ޓްރަމްޕް ކުރެއްވި އަމަލަކީ، އެމެރިކާގެ ގައުމީ ސަލާމަތަށް ނުރައްކާވެދާނެ އަދި މަގާމުގެ ނާޖާއިޒް ބޭނުން ކުރެއްވުމުގެ އަމަލެއް ކަމަށް ބުނެ، ޓްރަމްޕް އިމްޕީޗް ކުރުމާއިގެން ކުރިއަށް ދިއުމަށް، ކޮންގްރެސްއިން ވަނީ ނިމްމާފައެވެ.
އެގޮތުން، ޓްރަމްޕް އިމްޕީޗްކުރަން ތައްޔާރުބަމުންދާ ކޮންގްރެސްގެ ކޮމިޓީން މިހާރުވަނީ، އެމެރިކާ ސަރުކާރާއި ޔޫކްރެއިން ސަރުކަރާ ދެމެދު ހިންގާފައިވާ މުއާމަލާތްތަކުގެ ހުރިހާ ލިޔެކިއުންތައް ދިނުމަށް، އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕޭއިއަށް އަމުރު ކޮށްފައެވެ.
އަދި އެ ކޮމިޓީއަށް ޚާރިޖިއްޔާގެ ފަސް އޮފިޝަލަކު ހާޟިރުވުމަށްވެސް މިހާރުވަނީ އަންގާފައެވެ. އޭގެ ތެރޭގައި، އެމެރިކާއިން ޔޫކްރެއިންއަށް ކަނޑައަޅާފައި ކުރިން ހުންނެވި އެމްބަސެޑަރ މާރީ ޔޮވަނޮވިޗްވެސް ހިމެނިވަޑައި ގަންނަވައެވެ.
މިއަހަރުގެ ކުރީގެކޮޅު ޓްރަމްޕް މާރީ އެމްބަސެޑަރުކަމުން ވަކިކުރެއްވީ، ޖޯ ބައިޑެންގެ ތަހްގީގު ކުރިއަށް ގެންދިއުމަށް ޔޫކްރެއިން ސަރުކާރަށް ފިއްތުންތައް ކުރިމަތި ކުރައްވަން އޭނާ ދެކޮޅު ހެއްދެވުމުންނެވެ.