ސްރީލަންކާ ސިފައިންގެ ކުރީގެ ކޮމާންޑަރ، ޖެނެރަލް މަހޭޝް ސެނަނަޔަކެވެސް ރިޔާސީ އިންތިޚާބުގެ ރޭހަށް ނުކުމެވަޑައި ގެންފިއެވެ.

ސްރީލަންކާގެ ސިޔާސީ ޕާޓީއެއް ކަމަށްވާ ނޭޝަނަލް ޕީޕަލްސް މޫވްމަންޓާއި، އަދި މަދަނީ ޖަމާއަތްތަކުން އެ ފަރާތްތަކުގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ޖެނެރަލް މަހޭޝް ސެނަނަޔަކެ ކަނޑައަޅައި އީޢްލާންކުރީ، ސުގަތަދާސަ އިންޑޯ ސްޓޭޑިއަމްގައި މިހާރު ކުރިއަށްދާ އެއްވުމުގައެވެ.

ރިޔާސީ އިންތިޚާބުގެ ފޯރި ވަރަށް ގަދަވާނޭ ކަމަށް ބެލެވޭއިރު، މިހާރު ވެރިކަންކުރާ ކޯލިޝަންގައި ހިމެނޭ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަގެ ޔުނައިޓެޑް ނޭޝަނަލް ޕާޓީ، ޔޫއެންޕީގެ ފަރާތުން ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ކެންޑިޑޭޓަކަށް އެ ޕާޓީގެ ޑެޕިއުޓީ ލީޑަރ ސާޖިތު ޕްރެމަދާސަ މިހާރުވަނީ ކަނޑައަޅާފައެވެ. ސާޖިތު ޕްރެމަދާސައަކީ ސްރީލަންކާގެ ކުރީގެ ބޮޑުވަޒީރު ރަނަސިންހަ ޕްރެމަދާސަގެ ދަރިކަލެކެވެ.

ސްރީލަންކާގެ މައި އިދިކޮޅު ޕާޓީ ކަމަށްވާ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ޕޮޑުޖަނަ ޕެރަމުނަ ޕާޓީން ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ކެންޑިޑޭޓަކަށް މަހިންދަ ރާޖަޕަކްސަގެ އެއްބަނޑު އެއްބަފާ ކޮއްކޯފުޅު އަދި ކުރީގެ ދިފާއީ ވަޒީރު ގޮޓަބާޔަ ރާޖަޕަކްސަ ވަނީ ކަނޑައަޅާފައެވެ.

އަނެއްކޮޅުން، ސްރީލަންކާގެ މިހާރުގެ ރައީސް މައިތުރިޕާލަ ސިރިސޭނާވެސް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނޭ ކަމަށް ބެލެވޭއިރު، ސިރިސޭނާ އެކަން އަދި ރަސްމީގޮތުން އިޢްލާނެއް ނުކުރައްވައެވެ.

ކޮޅުނބުގައި އިއްޔެ ބޭއްވި ހަފްލާއެއްގައި ވާހަކަފުޅު ދައްކަވަމުން ސިރިސޭނާ ވިދާޅުވީ، ސިޔާސީ މަސައްކަތްތަކުން ރިޓަޔާ ކުރައްވަން އަދި ގަސްތު ނުކުރައްވާ ކަމަށެވެ. އަދިވެސް ހުންނެވީ ފުރިހަމަ ސިއްހަތެއްގައި ކަމަށާއި، ސްރީލަންކާއަށާއި ސްރީލަންކާގެ ރައްޔިތުންނަށް ޚިދުމަތް ކުރެއްވުމުގައި ދެމިހުންނަވާނޭ ކަމަށްވެސް ވިދާޅުވިއެވެ.

"އަޅުގަނޑުގެ އަމާޒަކީ، އިހްތިރާމް ލިބިގެންދާ ގައުމެއްގައި، އަޚްލާގް ރަނގަޅު ދަރިންތަކެއް ހިމެނޭ ޖީލެއް ބިނާކުރުން. އެހެންވެ، އަޅުގަނޑު ރިޓަޔާ ނުކުރާނަން" ސްރީލަންކާގެ ރައީސް ވިދާޅުވިއެވެ.

ކުރިއަށްއޮތް ރިޔާސީ އިންތިޚާބަށް އިޝާރާތް ކުރައްވައި ސިރިސޭނާ ވިދާޅުވީ، އަންނަ ޑިސެމްބަރުމަހުގެ ފަހުން، ސްރީލަންކާގެ ތަރައްގީއަށް ކުރެވޭ މަސައްކަތްތަކަށް ބޮޑު އިންގިލާބެއް ގެންނަވާނޭ ކަމަށެވެ. ސްރީލަންކާގެ ތަރައްގީގެ އާ ފިޔަވަހީގެ ޕްރޮގްރާމް ފަށްޓަވާނޭ ކަމަށެވެ.

ސްރީލަންކާގެ ރިޔާސީ އިންތިޚާބު ބޭއްވުމަށް ހަމަޖެޖހިފައިވަނީ އަންނަ ނޮވެމްބަރުމަހުގެ 16 ވަނަ ދުވަހުއެވެ. ރިޔާސީ އިންތިޚާބުގައި 18 ވަރަކަށް ކެންޑިޑޭޓުން ވާދަކުރައްވާނޭ ކަމަށް ބެލެވޭއިރު، އިންތިޚާބުގައި ވޯޓްލުމުގެ ހައްގު 16 މިލިއަން މީހުންނަށް ލިބިގެންވެއެވެ.

ރިޔާސީ އިންތިޚާބު ބޯމަތިވަމުން އަންނައިރު، އިގްތިސާދީ ކުރިއެރުން މަޑުޖެހުމާއި، ގައުމީ ސަލާމަތާގުޅޭ މައްސަލަތަކާއި، ކޮރަޕްޝަނާއި، ދީނީ ހަމަނުޖެހުމުގެ މައްސަލަތަކަކީ ސްރީލަންކާގެ ސިޔާސީ މައިދާނުގައި ހުރި މައިގަނޑު މައްސަލަތަކެވެ.