ނޭޕާލުގެ ވެރިރަށް ކަތަމަންޑޫގައި ކުރިއަށްދިޔަ އަށާރަ އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ތަށި ސަރަހައްދުގެ ގަދަބާރު އިންޑިއާއިން އުފުލާލައިފި އެވެ.

އިންޑިއާއިން މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ކަތަމަންޑޫގެ އޭޕީއެފް ސްޓޭޑިއަމްގައި ކުޅުނު ފައިނަލް މެޗުގައި ބަންގުލަދޭޝްގެ މައްޗަށް 2-1 ގެ ނަތީޖާއަކުން ކުރިހޯދައިގެންނެވެ.

މެޗުގައި ފުރަތަމަ ގޯލުޖަހާ ލީޑުނެގީ އިންޑިއާ އެވެ. މި ގޯލު މެޗު ފެށިގެން މާގިނައިރުތަކެއް ނުވަނީސް ކާމިޔާބުކުރީ ބިކްރަމް ޕްރަތާބް ސިންގް އެވެ. މި ގޯލަށްފަހު ވެސް އިންޑިއާއިން ވަނީ ފުލުފުލުގައި ބަންގްލަދޭޝްގެ ގޯލަށް ބާރުބޮޑުކޮށްފައެވެ. ނަމަވެސް ފުރަތަމަ ހާފުގެ 38 ވަނަ މިނެޓުގައި ބަންގްލަދޭޝް ވަނީ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ގޯލު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޔާސިރު އަަރަފާތު އެވެ.

މެޗުގެ ފުރަތަމަ ހާފު ނިމުނީ 1-1 އިން ދެ ޓީމު އެއްވަރުވެގެންނެވެ. މެޗުން އިންޑިއާ މޮޅުވި ގޯލު ޖަހާފައިވަނީ ރަވީ ބަހާދުރް ރަނާ އެވެ. އޭނާ މި ގޯލު ޖެހީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ރެފްރީ ދެއްކި އިތުރުވަގުތުގެ ތެރޭގައެެވެ.

މުބާރާތުގައި މިފަހަރު ވާދަކުރި ރާއްޖޭގެ 18 އަހަރުންދަށުގެ ގައުމީ ޓީމު ވަނީ މުބާރާތުގެ ތިންވަނަ ހޯދާފައެވެ. މުބާރާތުގެ ތިންވަނަ ރާއްޖެ ހޯދީ ބޫޓާން ބަލިކޮށްގެންނެވެ. މިއީ ޒުވާން އުމުރުފުރައެއްގެ ޓީމަކުން މިހާތަނަށް ހޯދި ފުރަތަމަ އެންމެ ބޮޑު ކާމިޔާބެވެ.

މިއީ 18 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް ފެށި ފަހުން ކުޅުނު ތިންވަނަ މުބާރާތެވެ. ފުރަތަމަ ދެ މުބާރާތް ކާމިޔާބުކޮށްފައި ވަނީ ނޭޕާލެވެ.