އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ޓްރާންސްފާގައި އިޓަލީގެ ޔުވެންޓަސްއަށް ކުޅެމުން އަންނަ ކްރޮއޭޝިއާގެ ފޯވާޑް މާރިއޯ މަންޒުކިޗް ހޯދުމަށް އިނގިރޭސިވިލާތުގެ މެންޗެސްޓަރ ޔުނައިޓެޑުން މަސައްކަތް ފަށައިފި އެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުން އުމުރުން 33 އަހަރުގެ ކުޅުންތެރިޔާ ހޯދުމަށް ޔުނައިޓެޑުން މިހާރު ވަނީ ޔުވެންޓަސްއާއެކު މަޝްވަރާތައް ފަށާފަ އެވެ. އަދި ދެފަރާތުންވެސް ތިބީ މި ޓްރާންސްފާގެ ކަންކަން ވީހާވެސް އަވަހަށް ނިންމުމަށް ކަމަށްވެސް ރިޕޯޓުތައް ބުނެ އެވެ.

މީގެކުރިންވެސް ޔުނައިޓެޑުން ވަނީ ޔުވެންޓަސްގެ ބައެއް ކުޅުންތެރިން ހޯދުމަށް ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. އެގޮތުން އެންމެ ބޮޑަށް މަސައްކަތްކޮށްފައިވަނީ ޔުވެންޓަސްގެ އާޖެންޓީނާގެ އުއްމީދީ ކުޅުންތެރިޔާ ޕައޮލޯ ޑިބާލާ ހޯދުމަށެވެ. ނަމަވެސް ޔުނައިޓެޑުން އޭނާ ހޯދުމަށް ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފަ އެވެ. އެއާއެކު ޔުނައިޓެޑުން ދެން މަސައްކަތް ފެށީ މަންޒޫކިޗް ހޯދުމަށެވެ.

ޔުނައިޓެޑުގެ އެޓޭކިން ލައިނުގައި މިހާރު ތިބީ ތިން ކުޅުންތެރިންނެވެ. އެއީ މާކަސް ރަޝްފޯޑް އާއި އެންތަނީ މާޝަލް އަދި މޭސަން ގްރީންވުޑް އެވެ.

ދާދިފަހުން އެ ޓީމުގެ ފޯވާޑް ލައިނުގައި ތިބި ގިނަ ކުޅުންތެރިންތަކަކަށް އަނިޔާވުމާ ގުޅިގެން ޔުނައިޓެޑަށް ވަނީ ގޮތް ހުސްވެފަ އެވެ. އެއާއެކު އެ ޓީމުން ވަނީ އިތުރު ފޯވާޑެއް ހޯދުމަށް ގިނަ މަސައްކަތްތަކެއް ފަށާފަ އެވެ.

ކޯޗު ސޯލްޝެއާ ވެސް ވަނީ އެ ޓީމުން ބާއްވާ ކޮންމެ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވެސް ރަނގަޅު ފޯވާޑެއް ބޭނުންވާ ކަމަށް ބުނެފަ އެވެ. އޭނާ އުއްމީދުކުރާ ވަރަށް އަދި ފޯވާޑުންގެ ފަރާތުން ކުޅުން ނުފެންނަ ކަމަށްވެސް ވަނީ ފާހަގަކޮށްފަ އެވެ.

މިއަހަރުގެ ފުޓުބޯޅަ ސީޒަނުގައި ޔުނައިޓެޑަށް ވަނީ ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފަ އެވެ. މިހާތަނަށް ލީގުގައި އެ ޓިމަށް ކާމިޔާބުކުރެވިފައިވަނީ އެންމެ 8 ގޯލެވެ. ނަމަވެސް ވާދަވެރި ސިޓީން ވަނީ މިއަހަރުގެ ސީޒަނުގައި 27 ގޯލު އަދި ލިވަޕޫލުން ވަނީ 18 ގޯލު ޖަހާފަ އެވެ.