އަފްޣާނިސްތާނުގައި ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ކާމިޔާބީ، އަފްޣާނިސްތާނުގެ ރައީސް އަޝްރަފް ޣަނީގެ އެންމެބޮޑު ވާދަވެރިޔާ ޑރ. އަބްދުﷲ އަބްދުﷲ އިޢްލާން ކުރައްވައިފިއެވެ.

ޑރ. އަބްދުﷲ އަބްދުﷲ އަކީ އަފްޣާނިސްތާނުގެ މިހާރުގެ ޗީފް އެގްޒެކެޓިވް ވެސް މެއެވެ.

ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ވޯޓު ގުނުން މިހާރުވެސް ކުރިއަށްދާއިރު، މިއަދު ބޭއްވި ނޫސް ކޮންފަރެންސެއްގައި އަބްދުﷲ ވިދާޅުވީ، އެންމެ ގިނަ ވޯޓް ލިބިވަޑައިގެންފައިވަނީ އޭނާއަށް ކަމަށެވެ.

"ނަތީޖާ އިޢްލާން ކުރާނީ އިންޑިޕެންޑެންޓް އިލެކްޝަން ކޮމިޝަނުން. އެކަމަކު އަޅުގަނޑުމެންނަށް އެންމެ ގިނަ ވޯޓް ލިބުނީ. އެހެންކަމުން، އިންތިޚާބު ދެވަނަ ބުރަކަށް ނުދާނެ" ޑރ. އަބްދުﷲ އަބްދުﷲ ވިދާޅުވިއެވެ.

އޭނާވަނީ މީގެކުރިން 2009 އަދި 2014 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގައިވެސް ވާދަކުރައްވައި ފެއިލްވެވަޑައި ގެންފައެވެ. މިއީ، އޭނާ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ތިންވަނަ ފަހަރެވެ.

އެހެންނަމަވެސް، މިފަހަރު އަފްޣާނިސްތާނުގައި އާ ސަރުކާރު އެކުލަވާލާނީ އޭނާގެ ޓީމުން ކަމަށް އަބްދުﷲ ވަރަށް ޔަގީންކަމާ އެކު ވިދާޅުވިއެވެ.

ޑރ. އަބްދުﷲ މިހެން ވިދާޅުވި ނަމަވެސް، އަފްޣާނިސްތާނުގެ ރިޔާސީ އިންތިޚާބުގެ ނަތީޖާ އިޢްލާން ކުރުމަށް ތާވަލް ކޮށްފައިވަނީ އޮކްޓޫބަރުމަހުގެ 19 ވަނަ ދުވަހުއެވެ.

އިންތިޚާބު ކާމިޔާބު ކުރެއްވުމަށް ކެންޑިޑޭޓުން ވޯޓުގެ %50 ކަމިޔާބު ކުރައްވަންޖެހެއެވެ. އެ އަދަދަށް އެއްވެސް ކެންޑިޑޭޓަކަށް ވޯޓް ލިބިވަޑައި ނުގެންފިނަމަ އެންމެ ގިނައިން ވޯޓް ހޯއްދެވި ދެ ކެންޑިޑޭޓުންގެ މެދުގައި ވޯޓުގެ ދެވަނަ ބުރެއް އޮންނާނެއެވެ. ދެވަނަ ބުރުގެ ވޯޓް ނަގަނީ ނޮވެމްބަރުމަހުއެވެ.

އަފްޣާނިސްތާނުގައި މިހާރުއޮތް ރައީސް އަޝްރަފް ޣަނީގެ އެއްބައިވަންތަކަމުގެ ސަރުކާރަކީވެސް ޑރ. އަބްދުﷲ އަބްދުﷲ ހިއްސާވާ ސަރުކާރެވެ. އެ ސަރުކާރުގެ ޗީފް އެޒްޒެކެޓިވްއަކީ އަބްދުﷲ އެވެ.

2014 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ކޮރަޕްޝަނާއި، މަކަރާއި ހީލަތް ހެދިކަމުގެ މައްސަލަތައް ފެންމަތިވެ، އެންމެފަހުން ސަރުކާރު އެކުލަވާލީ އެމެރިކާ މެދުވެރިވެގެންނެވެ.

މިދިޔަ ހޮނިހިރު ދުވަހު ރިޔާސީ އިންތިޚާބު ބާއްވާފައިވަނީ ތާލިބާނުން އިންތިޚާބު ބޮއިކޮޓް ކުރުމަށް އަފްޣާނިސްތާނުގެ އާންމުންނަށް ގޮވާލާފައި ވަނިކޮށެވެ. އެހެންވެ، ވޯޓްލާން ނުކުމެފައިވަނީ ވަރަށް މަދު ބައެކެވެ. އަދި ވޯޓުގެ ތެރޭގައި އޮޅުވާލުމާއި މަކަރު ހެދުމުގެ އެތައްކަމެއް ހިނގާފައިވާ ކަމުގެ ތުހުމަތުތަކާއި ޝަކުވާތައްވެސް އުފުލިފައި ވެއެވެ.