ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްއިން ރައީސް ޑޮނަލްޑް ޓްރަމްޕް އިމްޕީޗްކުރަން ފާސްކޮށްފިނަމަ ޓްރަމްޕްގެ މައްޗަށް ސެނޭޓްގައި ޝަރީއަތް ހިންގުން ނޫންގޮތެއް ނޯންނާނޭ ކަމަށް، އެމެރިކާގެ ސެނޭޓްގެ މެޖޯރިޓީ ލީޑަރ މިޗް މެކޮނެލް ވިދާޅުވެއްޖެއެވެ.

އެމެރިކާގެ އިދިކޮޅު ޑިމޮކްރަޓިކް ޕާޓީގެ އަޣުލަބިއްޔަތު އޮންނަ ހައުސް އޮފް ރެޕްސްއިން މިހާރު ތައްޔާރުވަމުން ގެންދަނީ ޓްރަމްޕް އިމްޕީޗްކުރުމުގެ މަސައްކަތް ފެށުމަށެވެ.

ޓްރަމްޕް އިމްޕީޗްކުރުމާއިގެން ރަސްމީގޮތުން ކުރިއަށް ދިއުމަށް ޑިމޮކްރޭޓުން ނިންމީ، ސިޔާސީ މަގްސަދެއް ހާސިލްކުރުމަށްޓަކައި، އެމެރިކާއިން ޔޫކްރެއިންއަށް ދޭން ހަމަޖެހިފައިއޮތް 400 މިލިއަން ޑޮލަރުގެ އެހީ ޓްރަމްޕް ހިފަހައްޓަވައި، އަދި ޔޫކްރެއިންގެ ރައީސަށް ފޯނުން ގުޅުއްވައި ބިރުދެއްކެވި މައްސަލަ ފެންމަތިވުމާ ގުޅިގެންނެވެ.

މިމައްސަލާގައި ހައުސް އޮފް ރެޕްސްގައި ފުރަތަމަ ކުރިއަށްދާނީ އެ މައްސަލައާ ގުޅޭ ލިޔެކިއުންތައް ހުށަހެޅުމެވެ. އެޔަށް ކިޔަނީ "އާޓިކަލްސް އޮފް އިމްޕީޗްމަންޓް" އެވެ.

އެގޮތުން، ރައީސް ޓްރަމްޕާ ދެކޮޅަށް ހުށަހެޅޭ ލިޔެކިއުންތައް ތަހްގީގުކޮށް އެ ލިޔެކިއުންތައް ހައުސްއިން ފާސްކުރުމުން ދެން ދާނީ ސެނޭޓަށެވެ.

ޓްރަމްޕްގެ މައްޗަށް ރަސްމީގޮތުން ޝަރީއަތް ހިންގާނީ ސެނޭޓްގައެވެ. އެ މައްސަލާގައި ޓްރަމްޕް ކުށްވެރިވޭތޯ ނުވަތަ ނޫންތޯ ކަނޑައަޅާނީވެސް ސެނޭޓުންނެވެ.

އެމެރިކާގެ ސިއެންބީސީއަށް ދެއްވި އިންޓަރވިއުއެއްގައި ސެނޭޓްގެ މެޖޯރިޓީ ލީޑަރ މެކޮނެލް ވިދާޅުވީ، އެ މައްސަލަ ހައުސް އޮފް ރެޕްސްއިން ފާސްވެގެން ސެނޭޓަށް އަތުވެއްޖެނަމަ މައްސަލައާއިގެން ކުރިއަށް ދިއުން ނޫންގޮތެއް ނޯންނާނެ ކަމަށެވެ.

މިޗް މެކޮނެލް މި މޭރުމުން ވާހަކަފުޅު މިދެއްކެވީ، އޭނާއަކީ ރިޕަބްލިކަން ޕާޓީގެ ބޭފުޅަކަށްވެފައި، ޓްރަމްޕް ދިފާއުކުރައްވައި ވާހަކަފުޅު ދައްކަވަމުންވެސް ގެންދަވާތީ، ޓްރަމްޕް އިމްޕީޗްކުރުމުގެ މައްސަލަ ސެނޭޓާ ހަމައަށް ހިނގައްޖެނަމަ ޓްރަމްޕާ ދެކޮޅަށް ސެނޭޓްގައި ޝަރީއަތް ކޮށްފާނެތޯ ގިނަބަޔަކު ސުވާލު އުފައްދަމުން ގެންދަނިކޮށެވެ. ޓްރަމްޕާ ދެކޮޅަށް ސެނޭޓްގައި ޝަރީއަތް ނުހިންގައި ވާނެގޮތެއް އޮތްތޯ މިޗް މެކޮނެލް ބައްލަވާނެ ކަމުގެ ވާހަކަތަކެއްވެސް އެމެރިކާގައި ފެތުރެމުން ދަނިކޮށެވެ.

"އެކަމާއިގެން ކުރިއަށް ދިއުން ނޫން އިޚްތިޔާރެއް އަޅުގަނޑަކަށް ނޯންނާނެ. ސެނޭޓްގެ ގަވާއިދު ބުނާގޮތުން، އެކަން ހައުސް އޮފް ރެޕްސްއިން ނިންމައިފިނަމަ އަޅުގަނޑުމެންނަށް ޖެހޭނީ ކުރިއަށްދާން. ސެނޭޓްގައި ކަނޑައެޅިފައި އޮތް އިމްޕީޗްމަންޓް އުސޫލުތައް ވަރަށް ސާފު" މެކޮނެލް ވިދާޅުވިއެވެ.