ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް)ގެ އެހީއާ އެކު މެންޗެސްޓާ ޔުނައިޓެޑް އަތުން އާސެނަލް ހޯދި ޕޮއިންޓާއެކު، އިނގިރޭސި ޕްރިމިއާ ލީގުގެ ހަތަރު ވަނަ މަގާމަށް އާސެނަލް ޖެހިލައިފިއެވެ.

ޔުނައިޓެޑްގެ ދަނޑު، އޯލްޑް ޓްރެފަޑްގައި ރޭ ޔުނައިޓެޑާއި އާސެނަލް ބައްދަލުކުރި މެޗު ނިމިގެންދިޔައީ 1-1 ލަނޑުން ދެ ޓީމު އެއްވަރުވެގެންނެވެ.

ރޭގެ މެޗުގެ ފުރަތަމަ ލަނޑު ޖަހާ މެޗުގެ ލީޑް ނެގީ ޔުނައިޓެޑުންނެވެ. އެލަނޑު މެޗުގެ 45 ވަނަ މިނެޓުގައި ކަމިޔާބު ކޮށްދިނީ ސްކޮޓްލެންޑުގެ މިޑްފީލްޑަރު ސްކޮޓް މެކްޓޮމިނޭއެވެ.

ދެ ޓީމުގެ ފަރާތުން ވެސް ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މިމެޗުގައި އާސެނަލްއިން ލަނޑު ޖަހާ ނަތީޖާ ހަމަހަމަ ކުރީ މެޗުގެ 58 ވަނަ މިނެޓުގައެވެ. އެލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޕިއެރޭ އެމެރިކް އޮބަމަޔާންއެވެ.

އޮބާމަޔާން އާސެނަލްއަށް ނަތީޖާ ހަމަހަމަ ކުރި ލަނޑު ޖެހުމާ އެކު ލައިންސްމަން އޮފްސައިޑް ކަމަށް ދިދަ ނެގި ނަމަވެސް ވީއޭއާރް އިން ބެލުމަށްފަހު ރެފްރީ ނިންމީ ރަނގަޅު ލަނޑެއް ކަމަށެވެ.

ރޭގެ މެޗަށްފަހު ޔުނައިޓެޑްގެ ކޯޗު އޮލެ ގުނާ ސޯލްޝެއާ ބުނީ، ނަތީޖާއާ މެދު ހިތް ހަމަ ނުޖެހޭ ކަމަށައި ލީގުގައި އިތުރަށް ކުރިއަށްދާން ބޭނުން ނަމަ ޓީމުގެ ކުޅުން މިނޫން ގޮތަކަށް ބަދަލުކުރަން ޖެހޭ ކަމަށެވެ.

އާސެނަލްގެ ކޯޗު އުނާއި އެމެރީ ބުނީ ލީގުގެ ކުރީ ކޮޅުގައި ޓީމުން ދެއްކި ކުޅުމަށް ވުރެ މިހާރު ޓީމުން ދައްކަމުން އަންނަ ކުޅުން ރަނގަޅު ކަމަށާއި ޔުނައިޓެޑްގެ ދަނޑުގައި އާސެނަލަށް ޕޮއިންޓެއް ލިބުމަކީ ރަނގަޅު ނަތީޖާއެއް ކަމަށެވެ. އަދި ލީގުގައި ކުރިއަށް ހުރި މެޗްތައް ކާމިޔާބު ކުރާން އާސެނަލްއަށް މިހާރު އާ ހިތް ވަރެއް ލިބިގެން ހިގައްޖެ ކަމަށް ވެސް ކޯޗް އެމެރީ ބުންޏެވެ.

ރޭގެ ނަތީޖާއާއެކު ލީގް ތާވަލްގައި އާސެނަލް މިހާތަނަށް ކުޅުނު ހަތް މެޗުން ލިބުނު 12 ޕޮއިންޓާއެކު ތާވަލްގެ ހަތަރު ވަނަ މަގާމްގައި އޮތްއިރު، ޔުނައިޓެޑް އޮތީ މިހާތަނަށް ކުޅުނު ހަތް މެޗުން ލިބުނު ނުވަ ޕޮއިންޓާއެކު ތާވަލްގެ 10 ވަނަ މަގާމްގައެވެ. ލީގު ތާވަލުގެ އެއްވަނައިގައި އޮތް ލިވަޕޫލަށް ހަތް މެޗުން 21 ޕޮއިންޓް ލިބިފައިވާ އިރު، ދެވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީއަށް ހަތް މެޗުން ލިބިފައިވަނީ 16 ޕޮއިންޓެވެ.