މާލޭގެ ޓީޖެޓީ ސަރަހައްދުގައި އިއްޔެ ހިނގި އަލިފާނުގެ ހާދިސާގައި ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)ގެ އެއްވެސް އުޅަނދަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށް އެކުންފުނިން ބުނެފި އެވެ.

ވީނިއުސް އަށް މިއަދު މައުލޫމާތު ދެއްވަމުން އެފްއެސްއެމްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ގަސަމް ވިދާޅުވީ އިއްޔެ އަލިފާން ރޯވި ސަރަހައްދުގައި އެންމެ ގިނައިން ހުންނާނީ އެފްއެސްއެމްގެ ތެޔޮ ބައުޒަރުތަކާއި ތެޔޮ ބާޖުތައް ކަމަށެވެ. އަލީފާނުގެ ހާދިސާ އިއްޔެ ހިނގި ވަގުތު ވެސް އެ ސަރަހައްދުގައި އެފްއެސްއެމްގެ ތެޔޮ ބައުޒަރުތަކާއި ތެޔޮ ބާޖުތައް އޮތް ކަމަށާއި ނަމަވެސް އެކުންފުނީގެ އެއްވެސް އުޅަނދަކަށް ގެއްލުން ނުވެ ސަލާމަތްވީ އެކުންފުނިން އަޅާފައިވާ ސަލާމަތީ ފިޔަވަޅުތަކުގެ ސަބަބުން ކަމަށެވެ.

"ﷲގެ ހެޔޮ ރަހްމަތްފުޅުން އަޅުގަނޑުމެންގެ އެއްވެސް އުޅަނދަކަށް ގެއްލުމެއް ނުވި. މިހާދިސާ ހިނގި ވަގުތަކީ އަޅުގަނޑުމެންގެ މުވައްޒަފުންގެ ޝިފްޓް ބަދަލުވި ވަގުތު. އެހެންކަމުން އެވަގުތު އެތަނުގައި މުވައްޒަފުން ތިބި. އެމީހުންގެ މަސައްކަތުން އެތަނުގައި ހުރި ތެޔޮ ބައުޒަރުތައް ދުރުކޮށް އަދި ހަމަ އެ ސަރަހައްދުގައި އެވަގުތު އޮތް ތެތި ބާޖުތަކެއް ވެސް ވަނީ ރައްކާތެރިކަމާ އެކު ދުރަށް ގެންދެވިފައި،" ގަސަމް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ތިނަދޫގެ މެންބަރުކަން ވެސް ކުރިން ކުރައްވާފައިވާ ގަސަމް ވިދާޅުވީ ޓީޖެޓީގައި އިއްޔެ ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން އެކުންފުނިން އެ ސަރަހައްދުގައި ތެޔޮއަޅާދިނުމުގެ ހިދުމަތް ވަގުތީ ގޮތުން މެދުކަނޑާލާފައިވާ ކަމަށެވެ. އެކުންފުނީގެ ކަސްޓަމަރުންނަށް މިއަދު ތެޔޮ އަޅައިދޭނީ ހުޅުމާލޭގައި ހުންނަ އެފްއެސްއެމްގެ ޝެޑާ ދިމާލުގައިވާ ބަނދަރުން ކަމަށްވެސް ވިދާޅުވި އެވެ.

ގަސަމް ވިދާޅުވީ ޓީޖެޓީ ސަރަހައްދުގައި އިއްޔެ އަލިފާނުގެ ނުރައްކާތެރި ހާދިސާއެއް ހިނގީ އެފަދަ ކަމެއް ހިނގާފާނެ ކަމަށް ސަރުކާރަށް ގަބޫލުކުރެވިގެން އެކަމުގައި ދުރާލާ ފިޔަވަޅުތަކެއް އެޅުމަށް މަސައްކަތް ކުރަމުން ގެންދަނިކޮށެވެ. ޓީޖެޓީ ސަރަހައްދުގައި ތެޔޮ އެޅުމުގެ ހިދުމަތް ދެމުން ގެންދިޔަ ނަމަވެސް އެ ސަރަހައްދަކީ ވަރަށް ގިނަ އަދަދެއްގެ އުޅަނދުތައް ވަދެ ނިކުމެ ހަދާ ސަރަަހައްދަކަށް ވެފައި އެ ސަރަހައްދުގައި އެކަށީގެންވާ ގޮތަކަށް ސަލާމަތީ ކަންކަން ގާއިމުކުރެވިފައި ނެތް ކަމަށްވެސް ވިދާޅުވި އެވެ. އެހެންކަމުން ޓީޖެޓީ ސަރަހައްދުގައި ކޮންމެ ފަދަ ވަގުތަކުވެސް ހިނގާފާނެ އަލިފާނުގެ ހާދިސާއަކަށް ރައްކާތެެރިވުމުގެ ގޮތުން އެފްއެސްއެމް އިން އަބަދުވެސް ސަލާމަތީ ފިޔަވަޅުތައް އަޅައި ކަމަށާއި އަދި އެކަމަށް ހާއްސަ މުވައްޒަފުން ތިބޭނެ ކަމަށްވެސް ވިދާޅުވި އެވެ.

"ހަގީގަތުގައި ޓީޖެޓީ ސަރަހައްދުގައި އަލިފާން ރޯވެއްޖެނަމަ ޕެޓްރޯލް ބޮމެއް ގޮވާހެއް މުޅި ސަރަހައްދު ގޮވުމަކީ މިވަގުތު އެ ސަރަހައްދު އޮތް ގޮތުން ހަމަވެދާނެ ކަމެއް. މިކަން ސަރުކާރަށް ވަރަށް ރަނގަޅަށް ގަބޫލުކުރެވޭތީ ޓީޖެޓީ ސަރަހައްދުން ތެޔޮ އެޅޭނެ ސަލާމަތީ ގޮތުން އެންމެ ރަނގަޅު ގޮތްތަކަކީ ކޮބައިތޯ ބަލަން ސަރުކާރުން ހިއްސާވާ ކުންފުނިތަކާ އެކު ވެސް ސަރުކާރުން ވަނީ މަޝްވަރާކޮށްފައި.،" ގަސަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެފްއެސްއެމްގެ ދުރުރާސްތާ ޕްލޭނަކީ ގިނަ އަދަދެއްގެ ތެޔޮ އަޅަންޖެހޭ އުޅަނދުތަކަށް މާލެއިން ތެޔޮ އަޅާދިނުމުގެ ބަދަލުގައި ހުޅުމާލެއާއި ތިލަފުށީގައި އެ ހިދުމަތް ދިނުން ކަމަށެވެ. އެކަމަށް ބޭނުންވާ ބިން ހޯދުމަށް ގްރޭޓާ މާލޭ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް (ޖީއެމްއައިޒެޑް)އާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށްވެސް ވިދާޅުވި އެވެ. އަދި އެސްޓީއޯގެ ބެލުމުގެ ދަށުގައި އޮތް ފޮނަދޫގެ ބަނދަރުން ލޯންޗްތަކަށް ތެޔޮ އަޅާދިނުމުގެ ވިސްނުމެއް އެސްޓީއޯ އިން ގެންގުޅޭ ކަމަށްވެސް ވިދާޅުވި އެވެ.

ގަސަމް އިތުރަށް ވިދާޅުވީ ހުޅުމާލޭގެ ބަނދަރުން އެފްއެސްއެމްގެ ކަސްޓަމަރުންނަށް މިއަދު ތެޔޮއަޅައިދިން ނަމަވެސް އެއީ ދާއިމީ ބަދަލަކަށް ހެދޭނީ އެތަނުން ހިދުމަތްދޭ އިރު ވިޔަފާރިއަށް އަންނަ ބަދަލުތައް އެނގުމުން ކަމަށެވެ.

އެފްއެސްއެމް އަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާގައި ތެޔޮ ސަޕްލައިކޮށްދޭ އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެކެވެ. އަދި ޓީޖެޓީ ސަރަހައްދުގައި ބަހައްޓާފައިވާ ތެޔޮ ބައުޒަރުތަކުގެ ތެރެއިން އެންމެ ގިނަ ތެޔޮ ބައުޒަރުތަކަކީ އެފްއެސްއެމްގެ އުޅަނދުތަކެވެ.