ކޮމިއުނިސްޓް ޕާޓީން ޗައިނާގައި ވެރިކަންކުރާތާ 70 އަހަރު ފުރުން ފާހަގަކުރުމަށް ބާއްވަމުންދާ ކުލަފަދަ އިހުތިފާލުތަކުގެ ތެރެއިން، ވެރިރަށް ބެއިޖިންގައި މިއަދު ވަރަށް ވަރުގަދަ އަސްކަރީ ޕެރޭޑެއް ބާއްވައިފިއެވެ.
މިއީ، ޗައިނާއަށް ލިބިފައިވާ އަސްކަރީ ގާބިލްކަމާއި ކުޅަދާނަކަން ދުނިޔެއަށް ދައްކާލުމަށް ބޭއްވި ޕެރޭޑެކެވެ.
މިއަދުގެ ޕެރޭޑް ޝަރަފްވެރި ކޮށްދެއްވީ، ޗައިނާގެ ރައީސް ޝީ ޖިންޕިންއެވެ. އޭނާވަނީ، ޗައިނާގެ ސަލާމަތީ ބާރުތަކުން ޗައިނާގެ އިސްތިގްލާލު ހިމާޔަތް ކުރަންޖެހޭނޭ ކަމަށް ވިދާޅުވެފައެވެ.
ކޮމިއުނިސްޓް ޕާޓީން ޗައިނާގައި ވެރިކަން ކުރަންފެށުން ފާހަގަކުރާ އަހަރީ ދުވަހަކީ، ޗައިނާގައި އަހަރުތެރޭގައި ބާއްވާ އެންމެ މުހިންމު އިވެންޓެވެ.
މިއަހަރުގެ އަހަރީދުވަސް މިއައީ، ދުނިޔޭގައި ޗައިނާއަށް ބޮޑެތި އެތައް ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައެވެ. އޭގެ ތެރޭގައި، ޗައިނާ ސަރުކާރާ ދެކޮޅަށް ހޮންގްކޮންގައި ކުރިއަށްދާ ހަތަރުމަސްވީ މުޒާހަރާތަކާއި، އެމެރިކާއާއި ޗައިނާއާ ދެމެދު ހިނގަމުންދާ ވިޔަފާރީގެ ހަނގުރާމަ ހިމެނެއެވެ. މި ހަނގުރާމައިގެ ސަބަބުން ޗައިނާގެ އިގްތިސާދަށްވެސް ނުރައްކާތަކާ ދަނީ ކުރިމަތިވަމުންނެވެ.
އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި އަސްކަރީ ޕެރޭޑް ބައްލަވާލެއްވުމަށް ޗައިނާގެ ރައީސް ޝީ ޖިންޕިންއާއެކު، ޗައިނާގެ ކުރީގެ ރައީސުން ކަމުގައިވާ ހޫ ޖިންޓާއޯއާއި، ޖިއާން ޒެމިންވެސް ވަޑައިގެންނެވިއެވެ.