މާލެއަކީ ޒަމާނުއްސުރެ ރާއްޖޭގެ އެކި ރަށްރަށުން ރައްޔިތުން ހިދުމަތްތައް ލިބިގަތުމަށް އަންނަމުންދާ އާބާދީ އެންމެ ބޮޑު ރަށެވެ. ކޮންމެ ދުވަހަކުހެން މާލެއަށް އެތައް ބަޔަކު އަންނަމުންދާއިރު އެ ދަތުރުވެރިންނަށާއި މާލޭގައި އުޅޭ މީހުންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން ނުވަދިހައިގެ އަހަރުތަކުގެ ތެރޭގައި ސަރުކާރުން ވަނީ އާންމު ފާހާނާތައް ނުވަތަ ޕަބްލިކް ޓޮއިލެޓް ގާއިމްކޮށްފައެވެ. ބޮޑު ހޭދައެއް ކޮށްގެން ހަދާފައިވާ މި ތަންތަނުގެ މިހާރުގެ ހާލަތަކީ ކޮބައިތޯ އެވެ.

މާލޭގެ އާންމު ފާޚާނާތަކުގެ ހާލަތު ވަޒަންކޮށްލުމަށް މާލޭގެ އެކި ސަރަހައްދުތަކުގައި ހުރި އާންމު ފާހާނާތަކަށް ޒިޔާރަތްކޮށްލީމެވެ. މާލޭގެ އެކި ސަރަހައްދުތަކުގައި ހުރި ގިނަ ފާޚާނާތައް ހުރީ އިންސާނުން ބޭނުންކުރަން އެކަށީގެންވާ ހާލަތަށްވުރެ ދަށު ދަރަޖައިގައެވެ. އެތަންތަނުން ދުވި ނުބައިވަހުން ކެތްކޮށްލެވުނީ ކިރިޔާއެެވެ. ހާލަތަށް ބަލާއިރު ބައެއް ފާހާނާތަކުގައި ފާހާނާ ތަށި ފިޔަވާ އެހެން ވަސީލަތެއް ނެތެވެ. އެންމެ ކުޑަމިނުން ފެންބޭނުން ކުރެވޭނެ ވަސީލަތެއްވެސް ނެތެވެ.

ބައެއް ފާާހާނާތައް ކުނިބުނިން ފުރިފައިވާއިރު މަދިރި އެހާމެ ގިނައެވެ. އަދި ބައެއް ފާހާނާތަކުގައި ބަހައްޓާފައި ހުރި ތަށިތައް ހުރީ ގިނަދުވަސް ވުމުގެ ސަބަބުން ރެދުލާފައެވެ. މިހާލަތުގައި ބޭނުން ކުރާނަމަ އެ ބޭނުންކުރާ މީހަކަށް ހީނުކުރާފަދަ އަނިޔާއެއް ލިބުމަކީވެސް އެކަށީގެންވާ ކަމެކެވެ. ބައެއް ފާހާނާތައް ބިދޭސީން ނިދަން ބޭނުންކުރާއިރު އަނެއްބައި ފާހާނަތަކުގައި ސެލޫން ހުޅުވައިގެން ވިޔަފާރި ކުރަމުންދަނީ އެއްވެސް ހަމައެެއް ލަމައެެއް ނެތިއެވެ.

ޕަބްލިކް ފާޚާނާތަކުގެ ހާލަތު ރަގަޅު ކުރުމަށް އެތަންތަނުގެ ބަލަދުވެރި ފަރާތް ކަމަށްވާ މާލޭ ސިޓީ ކައުންސިލުން މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް އެއްވެސް މަސައްކަތެއް ކުރަންތޯ ސުވާލު ދެންނެވުމުން މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް ވިދާޅުވީ ސަރުކާރު ބަދަލުވެ ސިޓީ ކައުންސިލާއި ޒިންމާތައް ހަވާލު ކުރުމުން އާންމު ފާހާނާތަކުގެ ހާލަތު ދެނެގަތުމަށް އެސެސްމެންޓްތަކާއި ތަފްސީލީ ރިޕޯޓެއްވެސް ހަދާފައިވާ ކަމަށެވެ. އެތަންތަން ހުރީ ބޭނުން ކުރާވަރަށްވުރެ ހާލަތު ގޯސްކޮށްކަން އެގުނު ކަމަށާއި ދާއިމީކޮށް ބޭނުންކުރެވޭނެ ފަދަ ގޮތަކަށް އެ ތަންތަން ތަރައްގީ ކުރުމަށް ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ. އަދި ބައެއް ފާހާނާތަކުގެ ހާލާތު ގޯސްކަމުން ބަންދު ކޮށްފައިވާނެ ކަމަށް ވެސް ޝަމާއު ވިދާޅުވިއެވެ.

"ކައުންސިލާ ހަވާލުވި ފަހުން އެތަންތަން ހުރިގޮތް ބެލުމަށް ސާވޭކުރެވި ރިޕޯޓެއްވެސް ހެދި. ތިބޭފުޅުންނަށް ވެސް ތިފާހަގަވި ގޮތަށް ވަރަށް ހާލަތު ގޯސްކޮށް ހުރީ.

ބައެއް ތަންތަން ފާހާނާ ގޮތުގައެއްވެސް ނޫން ބޭނުންކޮށްފަ ހުރީ، ދެން އެތަންތަނަށް ހެދިފައި ހުރި އެގްރިމެންޓްތައްވެސް ބަލާފަ. ލީގަލް ޓީމުންވެސް ބަލާފަ، ކައުންސިލުން މިހާރު ވަނީ ގޮތެއް ނިންމާފަ. އަޅުގަނޑުމެން ބައެއް ފާހާނާތައް ބަންދުކޮށްފަ ތަޅުވެސް އަޅުވާފަ ހުންނާނީ މިހާރު" ޝަމާއު ވިދާޅުވިއެވެ.

ސިޓީ ކައުންސިލުން ބުނީ އާންމު ފާޚާނާތައް ދޫކޮށްފައި ހުރީ ދިގު މުއްދަތަކަށް އެގްރިމެންޓްތަކެއްވެސް ހަދާފައި ކަމުން އެކަންކަންމުގައި އަމަލުކުރެވޭނެ ގޮތަކާ މެދު ލީގަލް ޓީމުން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ވަގުތީގޮތުން ބައެއް ފާހާނާތަކުގައި ބޮޑުތަޅު އަޅުވާފައިވާނެ ކަމަށެވެ.

ދެން އުފެދޭ ސުވާލަކީ ފާހާނާތަކުގައި ބޮޑު ތަޅު އެޅުވުމުން މައްސަލަ ހައްލުވާނެތޯއެވެ. މާލެއަކީ ކޮންމެ ދުވަހަކު އެތައްސަތޭކަ ފަތުރުވެރިންނެއް ޒިޔާރަތްކުރާ ތަނަކަށް ވާއިރު އެމީހުން ބޭނުންކޮށްލާނެ ފާހާނާއެއްވެސް ހުރުން ވަރަށް މުހިންމެވެ. 2015 ވަނަ އަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިޔަކު މާލެއަށް އައިސް އުޅެނިކޮށް އަމިއްލަ ގަޔަށް ބޮޑުކަމު ހާޖަތަށް ދެވިފައި ހުއްޓައި ނަގާފައިވާ ފޮޓޯތައް ސޯޝަލް މީޑިޔާގައި ދައުރުވިއެވެ. މާލޭގައި ފަތުރުވެރިންނަށް ބޭނުންކުރެވޭނެ ހާލަތެއްގައި ޕަބްލިކް ޓޮއިލެޓްތައް ހުރިނަމަ އެކަން އެގޮތަށް ނުވީސްކަން ގައިމެވެ.

ކުރޫޒް ލައިންތަކުން މާލެއަށް ދަތުރުކުރާ ފަތުރުވެރިންނަށް ހާއްސަކޮށް މަސްވެރިންގެ ޕާކު ތަރައްގީކުރުމަށް ނިންމާފައިވަނީ ކުރޫޒް ލައިންތަކުން މާލެއަށް ދަތުރުކުރާ ފަތުރުވެރިން މާލެއަށް އަރައި ފޭބުމަށް މަސްވެރިންގެ ޕާކު ތަރައްގީ ކުރާއިރު އެތަން ހަދަނީ އާންމު ފާހާނާތަކާއެކު ކްރޫޒް ލައިނާތަކަށް ހާއްސަކޮށްގެން ކަމަށް މާލޭ ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ. އެތަނުގެ މަސައްކަތް ފަށާފައިވީނަމަވެސް އެތަނުގެ މަސައްކަތް ވެސް އެކަށީގެންވާ ގޮތެއްގައި ކުރަމުން ނުދާކަން ފާހަގަކޮށްލެވެއެވެ.