ޗައިނާ ސަރުކާރާ ދެކޮޅަށް ހޮންގްކޮންގައި ކުރިއަށްދާ ދިގުލީ މުޒާހަރާތައް މިއަދު ހޫނުވެ، މުޒާހަރާ ކުރަމުންދިޔަ މީހުންގެ ތެރެއަށް ފުލުހުން ބަޑިޖަހައިފިއެވެ.

ފުލުހުން ބަޑިޖެހުމުގެ ސަބަބުން މުޒާހަރާގެ ބައިވެރިއެއްގެ މެޔަށް ވަޒަންއެރި މައްސަލަ ވަރަށް ހޫނުވެފައި ވެއެވެ. މިއީ، ފުލުހުން އަސްލު ވަޒަން ބޭނުންކޮށްގެން މުޒާހަރާގެ ތެރެއަށް ބަޑިޖެހި ފުރަތަމަ ފަހަރެވެ.

ހޮންގްކޮންގައި މިއަދު ވަރުގަދަ މުޒާހަރާތަކެއް ފެށުނީ، ޗައިނާގައި ކޮމިއުނިސްޓް ވެރިކަމެއް ގާއިމްކުރިތާ ހަތްދިހަ އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ޗައިނާ ސަރުކާރުން ވެރިރަށް ބެއިޖިންގައި ވަރުގަދަ އަސްކަރީ ޕެރޭޑް ބޭއްވި ވަގުތާ ދިމާކޮށެވެ. މި ޕެރޭޑަކީ ޗައިނާގެ އަސްކަރީ ގާބިލްކަން ދައްކާލުމުގެ ޕެރޭޑެއްވެސް މެއެވެ.

ބެއިޖިންގައި ޗައިނާގެ ރައީސް ޝީ ޖިންޕިން ޕެރޭޑް ޖަހަމުންދިޔަ އަސްކަރީ ފައުޖުތަކަށް ސެލިއުޓް ކުރައްވަމުން ގެންދެވިއިރު، ހޮންގްކޮންގައި މުޒާހަރާ ކުރަމުންދިޔަ މީހުން ގެންދިޔައީ ޗައިނާގެ ރައީސްގެ ބޮޑު ފޮޓޯފުޅަށް ކުކުޅު ބިހުން ހަމަލާ ދެމުންނެވެ.

ފުލުހުން ހުރަސްއެޅުމާ އެކުވެސް މުޒާހަރާގެ ބައިވެރިން ރުޅާލެވޭގޮތެއް ނުވިއެވެ.

މުޒާހަރާގެ ބައިވެރިން ގެންދިޔައީ، ހޮންގްކޮންގެ އެތަން މިތަނަށް އެއްވެ މުޒާހަރާ ކުރަމުންނެވެ. ބައެއް ހިސާބުތަކުގައި އާންމުންނާއި ފުލުހުންނާ ދެމެދު ވަރުގަދަ ކުރިމަތިލުންތަކެއް ހިނގާފައި ވެއެވެ.

އެގޮތުން، ބައެއް ހިސާބުތަކުގައި މުޒާހަރާގެ ބައިވެރިންގެ ހަމަލާތައް ވަރުގަދަވެ ފުލުހުންނަށް ޖެހުނީ ސަލާމަތް ހޯދަން ދުވެ ފިލާށެވެ.

އާންމުންވަނީ އޮށްގަލާއި ޕެޓްރޯލް ބޮމުން ފުލުހުންނަށް ހަމަލާ ދީފައެވެ. އަދި މަގުތައް މަތީގައި ފުލުހުން ޖަހާފައި ހުރި ބެރިކޭޑްތަކުގައިވެސް ރޯކޮށްލާފައި ވެއެވެ.

ރައްދުގައި ފުލުހުންވަނީ، ކަރުނަ ގޭހާއި، ރަބަރު ވަޒަނާއި، ޕްރެޝަރ ފެންހޮޅިން އާންމުންނަށް ހަމަލާދީފައެވެ.

މުޒާހަރާ ހިނގަމުންދިޔަ އެއް ސަރަހައްދުގައި ފުލުހަކުވަނީ މުޒާހަރާގެ ބައިވެރިއެއްގެ ގަޔަށް ވަރަށް ގާތުގައި ހުރެ ބަޑިޖަހާފައެވެ. އެމަންޒަރު ފެންނަ ވީޑިއޯ ސޯޝަލް މީޑިއާގައި އާންމުވެފައި ވެއެވެ.

އޭނާގެ ގަޔަށް ވަޒަން އަރައި ބިންމައްޗަށް ވެއްޓުމާއެކު އެހެން ފުލުހުން އޭނާއަށް ވަގުތުން ފަސްޓްއެއިޑް ދޭން ފެށިއެވެ. އަދި އޭގެފަހުން ޕެރަމެޑިކްސް އައިސް އޭނާ ހޮސްޕިޓަލަށް ގެންދިޔައެވެ. ހޮސްޕިޓަލްގެ އިމަޖެންސީގައި އެމީހާ އޮޕަރޭޝަން ކުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަމަށް ވެއެވެ.

މިއަދުގެ ހަމަޖެހުންތަކުގެ ސަބަބުން ކޮމިއުނިސްޓް ވެރިކަމުގެ ހަތްދިހަވަން އުފަންދުވަސް ފާހަގަކުރުމުގެ އިހްތިފާލުތަކަށް އެކަމުގެ ސަބަބުން ހިޔަނި އެޅިގެންދިޔަ ކަމަށް މީޑިއާއިން ބުނެއެވެ.