މިކުޑަކުޑަ ދިވެހިރާއްޖެއަކީވެސް ދުނިޔޭގެ އެހެން ގައުމުތަކެކޭ އެއްފަދައިން މުވާސަލާތީ ދާއިރާއިން ކުރިއަރަމުން އަންނަ ގައުމެކެވެ. 1 އޮކްޓޫބަރ 1988 ވަނަ އަހަރު ދިވެހިރާއްޖެއަށް ތައާރަފްކުރި ދިވެހި ރައްޔިތުންގެ ގުޅުން ނުވަތަ ދިރާގަކީ ދިވެހިރާއްޖޭގެ އެންމެ ފުރަތަމަ މުވާސަލާތީ ޚިދުމަތް ދޭންފެށި ކުންފުންޏެވެ. ދިރާގަށް 31 އަހަރު ފުރިފައިވާއިރު މި 31 އަހަރުގެ ތެރޭގައި ރައްޔިތުންނަށް އެކުންފުނިން ފޯރުކޮށްދެމުން އަންނަ މުވާސަލާތީ ޚިދުމަތް ވަނީ ވަރަށް ބޮޑުތަނުން ފުޅާކޮށްފައެވެ.

ރާއްޖޭގެ މުވާސަލާތީ ސިނާއަތަށް އިންގިލާބީ ބަދަލުތަކެއް ގެނެސްދީ މި ކުޑަ ޖަޒީރާ ރާއްޖެ ދުނިޔޭގެ ބޮޑެތި ގައުމުތަކާ ގުޅުވައިދިނުމުގެ ފަހަތުގައިވާ އެއްމެ އިސް ބައިވެރިޔާ ކަމުގައިވާ، ދިވެހިރާއްޖޭގެ ގުޅުން، ދިރާގަށް 31 އަހަރު ފުރިފައިވާއިރު، އެ ކުންފުނިން އަންނަނީ އަހަރަކަށްވުރެ އަހަރެއް ކުރިއަރަމުންނެވެ.

ދިވެހިރާއްޖެއަކީ ކުދި ޖަޒީރާ ރަށްތަކެއްގެ މައްޗަށް އެކުލެވިފައިވާ އަދި ދުނިޔޭގެ ނިސްބަތުން މަދު މީސްކޮޅެއް ދިރިއުޅޭ ގައުމަކަށް ވުމާއެކު މުވާސަލާތީ ޚިދުމަތް ފޯރުކޮށްދިނުމުގައި އަދި ވަކިން ހާއްސަކޮށް މުވާސަލާތީ އިންފްރާސްޓްރަކްޗަރ ގާއިމުކުރުމުގައި، އެހެން ގައުމުތަކާއި ޚިލާފަށް ބޮޑެތި ގޮންޖެހުންތަކެއް ހުރި ގައުމެކެވެ. މި ގޮންޖެހުންތަކާއެކު ވެސް ދިރާގުން ވަނީ އާބާދީ ބޮޑެތި ރަށްރަށުން ފެށިގެން އާބާދީ ކުޑަ ރަށްތަކަށް ވެސް މުވާސަލާތުގެ އަސާސީ އޮނިގަނޑު ގާއިމުކޮށްފައެވެ. އަދި 2012 ވަނަ އަހަރު ދިރާގުން ވަނީ ހއ. އަތޮޅުން ފެށިގެން އައްޑުއަތޮޅާ ދެމެދުގައި 1253 ކިލޯމީޓަރުގެ ސަބްމެރިން ކޭބަލް ވިއުގައަކުން މުޅި ރާއްޖެ ގުޅައިދީފައެވެ.

ދިރާގުގެ އަހަރީދުވަހާ ގުޅިގެން ދިރާގެ ސީއީއޯ އަދި އެމްޑީ އިސްމާއިލް ރަޝީދު ވިދާޅުވީ ދިރާގަށް 31 އަހަރު ފުރިފައިވާއިރު، ރާއްޖޭގެ ކުރިއެރުމާއި ތަރައްގީގައި ދިރާގުގެ ބޮޑު ހިއްސާއެއް ވުމަކީ ދިރާގުގެ ހުރިހާ މުވައްޒަފުންވެސް އެކަމަކަށް ނުހަނު އުފާވާ އަދި ފަޚުރުވެރިވާ ކަމެއް ކަމަށެވެ.

ދިރާގުގެ ކާމިޔާބީގެ ފަހަތުގައި ވަނީ ދިރާގުގެ ހީވާގި މުވައްޒަފުންނާއި ލޮބުވެތި ކަސްޓަމަރުންކަން ފާހަގަކުރައްވަމުން އޭނާ ވިދަޅުވީ ކަސްޓަމަރުން ދިރާގަށް ކެނޑިނޭޅި ދެމުންދާ އިތުބާރުވަރަށް ހެޔޮ ހިތުން ބަލައިގަނެ ފަށްފަށުން ޝުކުރު ދަންނަވާ ކަމަށެވެ. އަދި ދިރާގުގެ އަމާޒަކީ އެ އިތުބާރު ހިފަހައްޓާ، ކަސްޓަމަރުންނަށް އަޅާލައި، ފަސޭހަ އަދި މުސްތަގްބަލާ ރައްޓެހި ޚިދުމަތްތަކެއް ފޯރުކޮށްދިނުމުގައި އަބަދުވެސް ދެމިއޮތުން ކަމަށެވެ.

ދިރާގުން ވަނީ މިއަހަރު "ޑިޖިޓަލް ރާއްޖެ" ނަމުގައި މުޅި ރާއްޖެ ޓެކްނޮލޮޖީގެ އައު ހަރުފަތަކަށް ގެނެސްދިނުމަށް ކެމްޕެއިނެއް ފަށާފައެވެ. އެގޮތުން ދިރާގުން ވަނީ މި އަހަރު އެޕްރީލް މަހު ހައިސްޕީޑް ފައިބަރ އިންޓަނެޓް ރާއްޖޭގެ އާބާދީގެ 75 އިންސައްތައަށް ފޯރުކޮށްދީފައެވެ.

މީގެ އިތުރަށް ރާއްޖޭގެ އެންމެ ފުރަތަމަ އަދި ހަމައެކަނި އައިޕީ ޓީވީގެ ޚިދުމަތްވެސް ފޯރުކޮށްދެމުން ދަނީ ދިރާގުންނެވެ. މާލެއާއި އެއްވެސް ތަފާތުކުރުމެއްނެތި ރާއްޖޭގެ އާބާދީގެ 72 އިންސައްތައަށް ދިރާގު ޓީވީގެ ޚިދުމަތް މިހާރު އަންނަނީ ފޯރުކޮށްދެމުންނެވެ. މުއާސަލާތީ ޚިދުމަތުގައި އެންމެ ކުރީ ސަފުގައި ދިރާގު ދެމިއޮތީ އެފަދަ އެތައް ސަބަބުތަކާ ހެދިއެވެ.

މިއަހަރުގެ އަހަރީދުވަހާ ދިމާކޮށް ދިރާގުން ސޯޝަލް މީޑިއާގައި ވަނީ ވަރަށް ޚާއްސަ ޕްރޮމޯޝަނެއް ފަށާފައެވެ. އެގޮތުން، ދިރާގު ފޭސްބުކް، ޓްވިޓާ އަދި އިންސްޓާގްރާމްގައިވާ ދިރާގުގެ އަހަރީދުވަހުގެ ޕްރޮމޯ ޕޯސްޓަށް، #31WithDhiraagu މި ހޭޝްޓެގް ބޭނުން ކުރެއްވުމަށްފަހު ދިރާގުގެ ސަބަބުން ދިރިއުޅުމަށް ގެނައި އުފާވެރިކަމާއި ހެޔޮބަދަލުތައް ކޮމެންޓް ކޮށްލައްވައިގެން އެލް.ޖީ 65 އިންޗީގެ 4ކޭ ސްމާޓް ޓީވީއަކާއި ބޯސް ސައުންޑް ބަރ އެއް ނަސީބުވެރި އެއް ފަރާތަށް ލިބުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ.

ދިރާގަށް 31 އަހަރު ވެގެންދިއައިރު، އެ ކުންފުނިން ދަނީ ކަސްޓަމަރުންގެ ބޭނުންތަކަށް ބަލައިގެން ޚިދުމަތްތައް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން މިހާރު ރާއްޖޭގެ އެންމެ ބޮޑު އެލަވަންސް އަދި އެންމެ ހަލުވައި އިންޓަނެޓް ސްޕީޑް ލިބޭ ޕެކޭޖްވެސް ފޯރުކޮށްދެނީ ދިރާގުންނެވެ. މީގެ އިތުރުން މުޅި ދެކުނު އޭޝިއާގައި ވެސް އަލަށް 5ޖީ ޓެކްނޮލޮޖީ ތައާރަފްކުރީ ހަމަ އެ ކުންފުނިންނެވެ.

5ޖީ ޚިދުމަތަކީ އަދި މަދު ގައުމަކަށް ލިބޭ ހިދުމަތެކެވެ. މިފަދަ ޒަމާނީ ހިދުމަތެއް ރާއްޖެ ފަދަ ކުޑަ ގައުމަކަށް ލިބުމަކީ ރާއްޖޭގެ ޓެކްނޮލޮޖީގެ ދާއިރާއިން ލިބުނު ބޮޑު ކުރިއެރުމެކެވެ. ދިރާގުގެ ޚިދުމަތަށް މިއަދު 31 އަހަރު ފުރޭއިރު އެ ކުންފުނިން ވަނީ ދިވެހިންގެ ދިރިއުޅުމަށް އިންގިލާބީ ބަދަލުތަކެއް ގެނެސްދީފައެވެ.

"އެންރިޗިން ލައިވްސް" ނުވަތަ ދިރިއުޅުމަށް ފާގަތިކަން ގެނެސްދިނުން އެއީ އެ ކުންފުނީގެ ތަސައްވުރަށް ވުމާއެކު، އެކަން ދިރާގުން ދަނީ ސާބިތުކޮށްދެމުންނެވެ.