ފީފާ ވޯލްޑް ކަޕް އަދި އޭއެފްސީ އޭޝިއަން ކަޕް ޖޮއިންޓް ކޮލިފިކޭޝަނުގައި ސީރިއާ އާއި ދެކޮޅަށް ކުޅޭ މެޗަށް ތައްޔާރުވާން ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމު ސައުދީ އަރަބިއްޔާގައި ކޭމްޕް ކުރުމަށް ފުރައިފި އެވެ.

ކޮލިފައިންގައި ރަށުންބޭރުގައި ސީރިއާ އާއި ދެކޮޅަށް ރާއްޖެ ނިކުންނާނީ މި މަހުގެ 10 ވަނަ ދުވަހުއެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ ޔުނައިޓެޑް އަރަބި އެމިރޭޓްސްގައެވެ.

މި މެޗަށް ތައްޔާރުވުމަށް ގައުމީ ޓީމު ސައުދީއަށް މިއަދު ހެނދުނު ފުރިއިރު، ވީސްޕޯޓްސްއަށް ދިން އިންޓަވިއުއެއްގައި ގައުމީ ޓީމުގެ ކޯޗު ޕީޓާ ސެގާޓް ބުނީ ފަރިތަކުރުންތަކަށް މަދު ދުވަސްކޮޅެއް ލިބުނު ނަމަވެސް، މެޗަށް ޓީމުން ކުރިމަތިލާނީ ފުރިހަމައަށް ތައްޔާރުވެގެން ކަމަށެވެ. އަދި ކޮލިފައިންގައި ރާއްޖޭގެ ޓާގެޓަކީ ގުއާމް އަދި ފިލިޕީންސް އަތުން މޮޅުވުން ކަމަށާއި، އެކަމަކު ސީރިއާ އަތުންވެސް ޕޮއިންޓެއް ހޯދުމަށް މަސައްކަތްކުރާނެ ކަމަށްވެސް ބުންޏެވެ.

އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް ވިދާޅުވީ ސައުދީގައި ކުރާ ކޭމްޕްގައި އެކުވެރިކަމުގެ މެޗެއް ކުޅުމުގެ އިންތިޒާމު ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. މީގެ ކުރިން ކޮލިފައިންގައި ގުއާމް އަދި ޗައިނާއާ ދެކޮޅަށްވެސް ރާއްޖެ ނުކުމެފައިވަނީ އެކުވެރިކަމުގެ މެޗެއް ނުކުޅެއެވެ. ޖަވާ ވިދާޅުވީ ޓީމުގެ ފަރިތަކުރުންތައް ބިނާކުރަނީ ކޯޗުގެ އިރުޝާދުގެ ދަށުން ކަމަށާއި ކޯޗުގެ ޕްލޭނާ އެއްގޮތަށް އެފްއޭއެމްއިން އަމަލުކުރާނެ ކަމަށެވެ.

ސީރިއާއާ ދެކޮޅަށް ނުކުންނަ މެޗުގައި ގައުމީ ޓީމުގެ ކެޕްޓަން އަކްރަމް އަބްދުލް ޣަނީ އާއި އިބްރާހީމް މަހުދީ ހުސެއިން (ފޭދޫ އިއްބެ) އަށް ސަސްޕެންޝަނުގެ ސަބަބުން ނުކުޅެވޭނެއެވެ. އެންމެ ފަހުން ޗައިނާއާ ދެކޮޅަށް ކުޅުނު މެޗުގައި އަކޫއަށް ވަނީ ދެ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދައްކާފައެވެ. އަދި އަނިޔާގެ ސަބަބުން މި މެޗުގައި އިބްރާހީމް ވަހީދު ހަސަން (އިއްބެ) ވެސް ނުކުޅޭނެއެވެ.

މީގެ އިތުރުން މިފަހަރުގެ ސްކޮޑުންވެސް ކްލަބު އީގަލްސްގެ އަލީ ފާސިރު (ސެންޓޭ) އާއި އަހުމަދު ރިޒުވާން (ރިޒޭ) އަށް ފުރުސަތު ދީފައެއް ނުވެއެވެ. ގުއާމާ ދެކޮޅަށް ކުޅުނު މެޗަށް އެ ދެ ކުޅުންތެރިން ޓީމާ ނުގުޅުމުގެ ސަބަބުން މީގެ ކުރިން ވަނީ އެ ދެ ކުޅުންތެރިން ޖޫރިމަނާވެސް ކޮށްފައެވެ. ޗައިނާ މެޗުގައިވެސް އެ ދެ ކުޅުންތެރިންނަށް ފުރުސަތު ދީފައިނުވާއިރު، އެ ދެ ކުޅުންތެރިން ވަނީ އެފްއޭއެމްއިން ކުރި ޖޫރިމަނާ ފައިސާ ދައްކާފައެވެ.

ގައުމީ ޓީމު ސައުދީގައި ކޭމްޕް ކުރުމަށް ފުރިއިރު، ތަޖިކިސްތާނުގައި މިހާރު ކުރިއަށްދާ އޭއެފްސީ 19 އަހަރުން ދަށުގެ ޗެމްޕިއަންޝިޕް ކޮލިފިކޭޝަނަށްފަހު 19 އަހަރުން ދަށުގެ ޓީމުގައި ހިމެނޭ ބައެއް ކުޅުންތެރިން ސީނިއާ ޓީމާ ގުޅޭނެ ކަމަށް އެފްއޭއެމުން މައުލޫމާތުދެއެވެ.

ފީފާ ވޯލްޑް ކަޕް އަދި އޭއެފްސީ އޭޝިއަން ކަޕް ޖޮއިންޓް ކޮލިފިކޭޝަނުގައި ކުޅުނު ފުރަތަމަ މެޗުން ގުއާމް އަތުން ރާއްޖެ 1-0 އިން މޮޅުވިއިރު، މާލޭގައި ޗައިނާއާ ދެކޮޅަށް ކުޅުނު މެޗުން ރާއްޖެ ބަލިވީ 5-0 ގެ ނަތީޖާއަކުންނެވެ.

މި ގްރޫޕްގެ ތާވަލުގެ އެއްވަނައިގައި އޮތް ޗައިނާ އާއި، ދެވަނައިގައި އޮތް ސީރިއާ، އަދި ތިންވަނައިގައި އޮތް ފިލިޕީންސް އާއި ހަަރުވަނައިގައި އޮތް ރާއްޖެއަށްވެސް އަދި ލިބިފައިވަނީ 3 ޕޮއިންޓެވެ. އެކަމަކު ރާއްޖެ އާއި ފިލިޕީންސްއިން ވަނީ މިހާތަނަށް ދެ މެޗު ކުޅެފައެވެ.