ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ބީގެ އެއް ވަނަ މަގާމަށް ޖަރުމަންގެ ބަޔާން މިއުނިކް ޖެހިލައިފި އެވެ.

ބަޔާން ގުރޫޕްގެ އެއް ވަނަ މަގާމަށް ކުރިއަށް ޖެހިލީ ރޭ ފަހަތުން އަރައި ޓޮޓެންހަމް ހޮޓްސްޕާ އަތުން 7-2 ލަނޑުން ފަސޭހަ ކަމާއެކު މެޗް ކާމިޔާބު ކޮށްގެންނެވެ.

މިމެޗުގެ ފުރަތަމަ ލަނޑު ޖަހާ ޓޮޓެންހަމްއިން ލީޑް ނެގީ 12 ވަނަ މިނެޓުގައެވެ. އެލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ފޯވާޑް ސޮން ހިއުން މިން އެވެ. މެޗުގެ ލީޑް ޓޮޓެންހަމްއިން ނެގިތާ ތިން މިނެޓް ފަހުން ބަޔާން މިއުނިކުން ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. އެލަނޑު ބަޔާންއަށް ކާމިޔާބު ކޮށްދިނީ ޑިފެންޑަރު ޖޯޝުއާ ކިމިޗްއެވެ.

މެޗުގައި ބަޔާނުން ލީޑް ނެގީ 45 ވަނަ މިނެޓުގައެވެ. އެލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޕޮލެންޑުގެ ފޯވާޑް ރޮބާޓް ލެވަންޑޯސްކީއެވެ.

ދެ ޓީމްގެ ފަރާތުން ވެސް ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މިމެޗުގައި ބަޔާންގެ ތިން ވަނަ ލަނޑު 53 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ ސާޖް ގްނަބްރީ އެވެ. އަދި އޭގެ ދެ މިނެޓު ފަހުން ގްނަބްރީ ވަނީ ބަޔާންގެ ހަތަރު ވަނަ ލަނޑު އެޓީމަށް ކާމިޔާބު ކޮށްދީފައެވެ.

ތިން ލަނޑުގެ ލީޑަކާއެކު ބަޔާން ކުރީގައި އޮއްވައި ޓޮޓެންހަމްއަށް 61 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ހެރީ ކޭން ވަނީ ލަނޑެއް ޖަހާ ނަތީޖާގެ ފަރަގު ޓޮޓެންހަމްއިން ކުޑަކޮށްދީފައެވެ. އެހެން ނަމަވެސް ދެ ވަނަ ހާފުގައި މޮޅަށް ކުޅެމުންއާ ބާޔާނުން ވަނީ 83 ވަނަ މިނެޓުގައި އެޓީމްގެ ފަސް ވަނަ ލަނޑު ޖަހައިފައެވެ. އެލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ގްނަބްރީ އެވެ. އަދި އޭގެ ހަތަރު މިނެޓް ފަހުން ލެވަންޑޯސްކީ ވަނީ ބަޔާންގެ ހަ ވަނަ ލަނޑު ކާމިޔާބު ކޮށްދީފައެވެ.

މެޗުގައި ބަޔާންއިން ޖެހި ހަތް ވަނަ ލަނޑު 88 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ މެޗުގައި ހެޓްރިކް ހެދި އެޓީމުގެ ގްނަބްރީ އެވެ.

މިމޮޅާއެކު ގްރޫޕް ބީގެ އެއް ވަނަ މަގާމްގައި ބަޔާން މިއުނިކް އޮތީ ކުޅުނު ދެ މެޗުން ލިބުނު ހަ ޕޮއިންޓާއެކު އެވެ. އަދި މި ގްރޫޕްގެ ދެ ވަނަ މަގާމްގައި އޮތީ ދެ މެޗުން ތިން ޕޮއިންޓް ހޯދައިފައިވާ ސާބިއާގެ ކާވޭނާ ޒެވެޒްޑާއެވެ. އަދި ގްރޫޕްގެ ތިން ވަނަ މަގާމްގައި އޮތް ޓޮޓެންހަމް އާއި ގްރޫޕްގެ އެންމެ ފުލުގައި އޮތް އޮލިމްޕިއާކޯސްއަށް ދެ މެޗް ކުޅެގެން އަދި ލިބިފައި ވަނީ އެއް ޕޮއިންޓެވެ.

މީގެ އިތުން ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލައިލާ އިރު، ގްރޫޕް ޑީ ގައި އިޓަލީ ޗެމްޕިއަން ޔުވެންޓަސް ވަނީ ޖަރުމަންގެ ބަޔާ ލެވަކޫސަން އަތުން 3-0 ލަނޑުން މޮޅުވެފައެވެ. އަދި ގްރޫޕު ސީ ގައި ރޭ މެންޗެސްޓާ ސިޓީ ވަނީ ކްރޮއޭޝިއާގެ ޑިނަމޯ ޒަގްރެބް އަތުން 2-0 ލަނޑުން މޮޅުވެފައެވެ.