މޯލްޑިވްސް އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރުގެ ބޯޑަށް ލަފާދިނުމަށް އެކުލަވާލާ ކޮމިޓީގެ މެންބަރުކަމަށް ކުރިމަތިލުމަށް މިއަދު ފުރުސަތު ހުޅުވާލައިފި އެވެ.

އާބިޓްރޭޝަން ސެންޓަރުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ އާބިރޭޝަން ގަވާއިދުތައް މުރާޖައާކޮށް ބޯޑު މެންބަރުންނަށް ލަފާ ދިނުމަށް 10 މެންބަރުންގެ ދާއިމީ ކޮމިޓީއެއް އެކުލަވާލުމަށް ބޭނުންވާ ކަމަށެެވެ.

މިކޮމިޓީގެ މެންބަރު ކަމަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލާފައިވަނީ މި މަހުގެ 14 ވަނަ ދުވަހުގެ މެންދުރުފަހު 1:30ގެ ކުރިންނެވެ.

ކޮމިޓީގެ މެމްބަރުކަމަށް ކުރިމަތިލާ ބޭފުޅުންނަކީ ގާނޫނީ ދާއިރާއިން ނުވަތަ ގާނޫނާއި ޝަރީއާގެ ދާއިރާއިން 10 އަހަރުގެ ތަޖުރިބާ ލިބިފައިވާ އަދި އާބިޓްރޭޝަން ދާއިރާގެ އަމަލީ ތަޖުރިބާ ލިބިފައިވާ ބޭފުޅުންނަށް ވާންޖެހެ އެވެ.

އާބިޓްރޭޝަން ސެންޓަރުގެ ބޯޑަށް ލަފާ ދިނުމަށް އެކުލަވާލާ ކޮމިޓީގެ މެންބަރުކަމަށް ކުރިމަތިލާ ބޭފުޅުން ކަމާ ގުޅޭ ލިޔުންތައް ހުށަހަޅަން ޖެހޭނީ ބަންޑާރަނައިބްގެ އޮފީހުގެ ކޮއުންޓަރަށް ނުވަތަ އީމެއިލް މެދުވެރިކޮށްނަމަ [email protected] އަށެވެ. ލިޔުންތައް އީމެއިލް މެދުވެރިކޮށް ފޮނުވާނަމަ ހުރިހާ ލިޔުންތައް އެއް އީމެއިލްގައި ޕީޑީއެފް ފޯމެޓްގައި ފޮނުވުމަށްވެސް ވަނީ އެދިފަ އެވެ.

އާބިޓްރޭޝަންގެ ކަންކަން ހަރުދަނާކުރުމަށްޓަކައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވަނީ އާބިޓްރޭޝަން ގާނޫނުގެ ދަށުން މޯލްޑިވްސް އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރުގެ ނަމުގައި އާބިޓްރޭޝަން ސެންޓަރެއް ގާއިމުކޮށް އެތަނަށް ބޯޑު މެންބަރުން އައްޔަންކުރައްވާފަ އެވެ. އެގޮތުން އާބިޓްރޭޝަން ސެންޓަރުގެ ބޯޑު ެމެންބަރު ކަމަށް އައްޔަންކުރައްވާފައިވަނީ ޗެއާޕާސަން ޝަހުދީ އަންވަރާއި، ވައިސް ޗެއާޕާސަން ހުސައިން ސިރާޖުގެ އިތުރުން މެންބަރު ސަފާ ޝަރީފް އެވެ.