މާލެ، ވިލިމާލެ އަދި ހުޅުމާލެ ހިމެނޭގޮތަށް ނަރުދަމާގެ ނިޒާމު ހިންގާ ބެލެހެއްޓުން އިތުރަށް ހަރުދަނާކޮށް ތަރައްގީކުރުމުގެ ގޮތުން ސާވޭއެއް ކުރަން ފަށައިފި އެވެ.

މާލޭ ވޯޓާ ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްޑަބްލިއުއެސްސީ) އިން ބުނީ މިސާވޭ ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ މިއަދުން ފެށިގެން އަންނަ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.

މިސާވޭގައި ވިޔަފާރި އުސޫލުން ހިންގާ ތަންތަނުގެ ބަދިގެ ތަކުގައި އޮއިލް ޓްރެޕް ހުރިތޯ ފާސްކުރުމާއި، ވިޔަފާރީގެ ކަންކަމަށް ބޭނުންކުރާ ބަދިގެތައް ދެނެގަތުމާއި، އަދި އިމާރާތްތަކުގެ ދިޔަދޮވިތައް ގުޅާފައިވާ ގޮތް ބެލިގެން ދާނެ ކަމަށްވެސް އެމްޑަބްލިއުއެސްސީއިން މައުލޫމާތުދެ އެވެ.

އެމްޑަބްލިއުއެސްސީން ބުނީ ދޮރުން ދޮރަށް ހިނގައި، އިމާރާތްތަކުގެ ނަރުދަމާގެ ނިޒާމަށް މައްސަލަތައް ދިމާވުމަށް މެދުވެރިވާ ސަބަބުތަކާ ގުޅޭގޮތުން އާންމުން ހޭލުންތެރިކުރުވުމަށް ވެސް މިސާވޭގައި މަސައްކަތްތަކެއް ކުރެވެމުންދާނެ ކަމަށެވެ.

މިސާވޭ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އެމްޑަބްލިއުއެސްސީގެ މުވައްޒަފުން ކަމަށާއި މިސާވޭގައި ފައިސާގެ އެއްވެސް މުއާމަލާތެއް ނުކުރާނެ ކަމަށްވެސް އެމްޑަބްލިއުއެސްސީން މައުލޫމާތުދެ އެވެ.

އެމްޑަބްލިއުއެސްސީން އިތުރަށް ބުނީ މިފަދަ ކަންކަމުގައި ކަސްޓަމަރުން އެކުންފުންޏަށް ދެމުންގެންދާ އެއްބާރުލުމަށް ޝުކުރު އަދާކުރާ ކަމަށެވެ.