ރާއްޖޭގައި ޤަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް އެކުލަވާލި ސިޔާސަތުގެ ދަށުން، ބިދޭސީން ޤަވާއިދަށް ފެއްތުމަށް ރަޖިސްޓްރީ ކުރުމަށް ހިންގާ ޕްރޮގްރާމް ފެށިތާ ހަފްތާއެއް ވީއިރުވެސް ދުވަހެއް ދުވަހަކަށް ކިއޫ ދަނީ ބޮޑު ވަމުންނެވެ. މިއަދު މަޖީދީމަގާއި އަބަދަށް އުފާ މަގާއި ދެމަގުގައި ހާހެއްހާ ބިދޭސީން ކިއޫ ހަދައިގެން ތިބީ ބިދޭސީންގެ ރެޖިސްޓްރޭޝަންގެ މަސައްކަތް ހިންގާ އޮފީހުން ދޫކުރާ 150 ނަމްބަރު ހޯދުމަށެވެ.

އިއްޔެ ހެނދުނު، ނަމްބަރު ދޫކުރުމަށް ފަހުވެސް، ނަމްބަރު ނުލިބުނު މީހުންގެ ތެރެއިން އެތައް ސަތޭކަ ބަޔަކު ކިއޫ ދޫކޮށް ނުލައި އެއޮފީސް ދޮށުގައި ތިއްބެވެ. މިގޮތުން އިއްޔެރޭ މެންދަމު 12:00 ޖެހި އިރުން ފެށިގެން މިއަދުގެ ހެނދުނު 10:00 ޖެހުމާއި ހަމައަށްވެސް ބައެއް މީހުން ކިއޫގައި ތިއްބެވެ. އެމީހުން އެތަނުން ފޮނުވާވާލުމަށް ފުލުހުން މަސައްކަތް ކުރުމުން ބައެއް ބިދޭސީން ވަނީ ހިތްހަމަ ނުޖެހި ނުރުހުން ފާޅުކޮށްފައެވެ.

ޤަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން ރަޖިސްޓްރީ ވުމަށް، 6 މަސް ދުވަހުގެ މުހުލަތެއް ދީފައި ވީ ނަމަވެސް، ބިދޭސީންގެ ތެރެއިން ކޮންމެ މީހަކުވެސް ބޭނުން ވަނީ އަވަހަށް އެއޮފީހުގައި ރަޖިސްޓްރީވެ ރަސްމީ ލިޔުމެއް ހޯދާށެވެ. އިކޮނޮމިކް މިނިސްޓްރީން ބުނެފައި ވަނީ، ކިއޫއަށް އަރާ އެންމެނަށް އެއްފަހަރާ ނަމްބަރު ދޫކޮށް ޚިދުމަތްދޭ ވަަރުގެ ޤާބިލްކަމެއް ނެތް ކަމަށެވެ.