ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހުގެރޭ އިރާކޮޅު ހެންވޭރު ތިލަފުށިގޭގެ ގުދަނެއްގައި ރޯވެ ހިނގި އަލިފާނުގެ ބޮޑު ހާދިސާގައި އެކެއްގެ ފުރާނަ ގެއްލި، 4 ގުދަނަކާއި 6 ގެއެއް އެއްކޮށް ވަނީ އަނދައި ހުލިވެފައެވެ. އަދި އެ ހިސާބުގެ އެތައް ގެއަކަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާއިރު، 26 ގެއަކުން ވަނީ މީހުން ހުސްކުރެވިފައެވެ.

ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން ބުނީ ހުސްކުރެވުނު 26 ގޭގައި 87 ގޭބިސީ ދިރިއުޅެމުންދިޔަ ކަމަށެވެ. މި ހާދިސާގައި 400 އަށްވުރެ ގިނަ މީހުންގެ ގެދޮރު ގެއްލިފައިވާއިރު، ވަގުތީ ހިޔާތަކުގައި އަދިވެސް 164 މީހުން އެބަތިއްބެވެ. އެއީ 29 އާއިލާއެވެ. މިއީ 2004 ގެ ސުނާމީ ކާރިސާއަށްފަހު އެންމެ ގިނަ މީހުން ހާލުގައިޖެހި ބަލަހައްޓަން ޖެހުނު ފަހަރު ކަމަށް އެންޑީއެމްއޭގެ ޗީފް އެގްޒެކެޓިވް ހިސާން ހަސަން ވިދާޅުވެއެވެ.

"ސުނާމީގައި ފުރަތަމަ ތިން ދުވަހު 22،000 މީހުން ގެދޮރު ގެއްލި، މާލޭގެ ސުކޫލުތަކުގައާއި އެކި ތަންތަނުގައި ބެލެހެއްޓުނު. މިފަހަރު މިހާދިސާގައި 786 ފަރާތަކަށް އެކި ގޮތްގޮތުން އަޅުގަނޑުމެންނަށް އެހީތެރިކަން ފޯރުކޮށްދެވުނު. ފުރަތަމަ ރޭ ފަތިހާ ހަމައަށް 68 އާއިލާއެއްގެ 375 މީހުންނަށް ބޯހިޔާވަހިކަން ހަމަޖައްސައިދިނިން" ހިސާން ވިދާޅުވިއެވެ.