މުޅިން އައު ރަށެއްގެ ގޮތުގައި ހިއްކައި ތަރައްގީކުރަން ފެށި ހުޅުމާލެއަކީ ގިނަ ބައެއްގެ އުންމީދުތައް އެތަނަކާ ގުޅިފައިވާ ތަނެކެވެ. މާލޭގެ އަވަށެއްގެ ގޮތުގައި މިތަން ތަރައްގީ ކުރަމުންދިޔަކަމުގައިވީ ނަމަވެސް މާލެއާއި ހުޅުމާލެއާއި ހާސްބައި ތަފާތެވެ. އެގޮތުން މާލެއަށް ވުރެ ހުޅުމާލެ އެތައްގޮތަކުން ހިތްގައިމުއިރު ހުޅުމާލޭގެ އެއްކޮޅުން އަނެއްކޮޅަށް ފެތުރިފައިވާ ބީޗު ސަރަހައްދަކީވެސް އެކަމުގެ ހެއްކެކެވެ.

ހުޅުމާލޭގެ ބީޗަށް ނިކުމެލައިފި ނަމަ ކުޑައެއް ބޮޑެއް މުސްކުޅިއެއް ޒުވާނެއް ނެތި އެތަނުގެ ހިތްގައިމުކަމުގައި ހިތްހަމަޖެހުން ހޯދަމުންދާ މަންޒަރު ފެނިގެންދާނެއެވެ. އެއް ބަޔަކު މޫދަށް އެރި އުފަލާއި މަޖަލުގައި އުޅޭއިރު، ތުއްތު ކުދިން ގޮނޑުދޮށުގައި ވެލިކުޅެން ތިބެއެވެ. ހަވީރުގެ އެންމެ ހިތްގައިމު ވަގުތުގައި ހުޅުމާލެ ބީޗު ފަޅުފިލުވައިދެނީ އެތަނުގެ ގަސްތަކުގެ ހިޔަލުގައި އެ ފިނިވައިގެ ހިތްހަމަޖެހުމުގައި ތިބޭ މީހުންނެވެ. އެހެންނަމަވެސް މި މަންޒަރު ބަދަލުވެގެންދިޔައީ ހުޅުމާލެ ބީޗުގައި ގޮނޑިތަކާއި މޭޒުތަކުން ފުރާލި ހިސާބުންނެވެ. އާންމުންގެ ހިތްހަމަޖެހުމަށް އޮތް އެންމެ ބޮޑު އެއް ސަރަހައްދު ވިޔަފާރިވެރިން ހިސޯރުކުރި ހިސާބުންނެވެ.

ހުޅުމާލޭގެ އެ ބޮޑު ބީޗު ސަރަހައްދު ވިޔަފާރިވެރިންގެ ހަބަކަށް ބަދަލުވެގެންދިޔައިރު ބީޗުގެ އެއްކޮޅުން އަނެއްކޮޅަށް ގޮސް ބެލިޔަސް ހިތްހަމަޖައްސާލަން ވެލިގަނޑުގައި އިށީންނާނެ ޖާގައެއްވެސް ނުލިބޭ މިންވަރަށް ބީޗު ހަލަބޮލިވެ ވިޔަފާރިވެރިން އެތަނަށް ވެރިވެގަތީއެވެ. މި ބަދަލާއިއެކު އާންމުންނަށް އޮންނަ މިނިވަންކަން ގެއްލިގެން ގޮސް ހިންހަމަޖައްސާލުމަށް ބީޗަށް ނިކުންނަ މީހުން މަދުވެގެންދިޔައެވެ. އަދި އާންމުންގެ ޝަކުވާތައްވެސް އިންތިހާއަށް އިތުރުވެގެންދިޔައެވެ.

މި ޝަކުވާތައް އިތުރުވެ ބީޗުގައި ޖަހާފައި ހުރި މޭޒުތަކާއި ހަޓުތައް ނަގަން ހައުސިންގ ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ)ން އެންގި އެންގުމާއި އެކު ހަޓުތަކާއި މޭޒުތައް ނަގައި އާންމުންގެ ބީޗު އާންމުންނަށް އަނބުރާ ލިބުނެވެ. މިކަމުގެ ސަބަބުން ވިޔަފާރިވެރިންނަށް ބޮޑެތި ގެއްލުންތަކެއް ލިބި ޝަކުވާ ކުރި ކަމުގައިވީނަމަވެސް އެޗްޑީސީން ބުނެފައިވަނީ ބީޗުގައި ހަޓުތަކާއި މޭޒުތައް ޖަހައިގެން އުޅުނީ އެޗްޑީސީގެ ހުއްދަ ލިބިގެން ނޫން ކަމަށެވެ.

މިކަމާ ގުޅިގެން ވީނިއުސްއަށް ދެއްވި ހާއްސަ ބަސްދީގަތުމެއްގައި އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ސުހައިލް އަހުމަދު ވިދާޅުވީ ބީޗުތައް ހުސްކުރުމުން އާންމުން އެކަމާ ވަރަށް ހިތްހަމަޖެހޭކަން ފާހަގަވެގެންދިޔަ ކަމަށެވެ. އެގޮތުން އާންމުންގެ ގިނަ ބަޔަކު ނިކުމެ ބީޗުގައި އުޅޭކަންވެސް ފާހަގަވެގެންދިޔަ ކަމަށް ސުހައިލް ވިދާޅުވިއެވެ.

ސުހައިލް އިތުރަށް ވިދާޅުވީ ހުޅުމާލެ ތަރައްގީކުރުމުގެ ތެރެއިން ކުރަމުން އަންނަ މަސައްކަތުގައި ހުޅުމާލެ ބީޗަކީ އާންމުނަށް އުޅެން ފަސޭހަ ހިތްގައިމު ތަނަކަށް ހެދުމަށްވެސް މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެގޮތުން ދެވަނަ ފިޔަވައްސަށް ފެނާއި ނަރުދަމާއަށް ބޭނުންވާ ހޮޅި ވަޅުލައި ނިންމުމަށް ފަހު ބީޗު ސަރަހައްދުގައި އާންމުންނަށް ބޭނުންކުރެވޭގޮތަށް ބެންޗު ޖަހާނެ ކަމަށާއި ވިޔަފާރިވެރިންނަށް އެތަން ދޫކުރުމުގެ އެެއްވެސް ވިސްނުމެއް ނުގެންގުޅުއްވާ ކަމަށް ސުހައިލް ވިދާޅުވިއެވެ.

ހުޅުމާލޭގެ ބީޗުގައި ހުރި ކެފޭ، ރެސްޓޯރަންޓުތައް ހިންގުން މަނާކޮށް، ބީޗުގައި ހުރި ސާމާނުތައް ނަގަން އެޗްޑީސީން އެންގުމުން ވިޔަފާރިއަށް ނުހަނު ބޮޑު ގެއްލުންތަކެއް ވެއްޖެ ކަމަށް ބުނެ ހުޅުމާލެ ބީޗުގައި ވިޔަފާރި ހިންގަމުންދިޔަ ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ހުޅުމާލޭގެ އިރުމަތީ ފަރާތު ގޮނޑުދޮށުގައި ކެފޭތައް ހިންގަން ފެށީ މީގެ ފަސް އަހަރު ކުރިންނެވެ.