އިންޑިއާ މޯލްޑިވްސް ޓެސްޓް ސީރީސްގައި ބައިވެރިވުމަށް ރާއްޖޭގެ ގައުމީ ކެރަމް ޓީމް މ. އަތޮޅަށް ފުރައިފި އެވެ.

މިމަހުގެ 6 އިން 9 ކަށް މ. މުލީގައި ފަށާ ޓެސްޓިން ސީރީސަގައި އިންޑިއާގެ ސީނިއާ އަދި ޖޫނިއާ ހަތަރު ޓީމް ބައިވެރިވެއެވެ. މި ޓީމްތައް ތިބުމަށް ހަމަޖެހިަފއިވަނީ މެދުފުށި ރިސޯޓްގަ އެވެ.

ކެރަމް އެސޯސިއޭޝަނުން ބުނީ މި ސީރީސް ބޭއްވުމުގެ މަގްސަދަކީ އަންނަ އަހަރު ޑިސެންބަރު މަހު ބާއްވާ އިންޓަރނޭޝަނަލް ކެރަމް ފެޑަރޭޝަން (އައިސީއެފް) ކަޕަށް ގައުމީ ޓީމް ތައްޔާރު ކުރުން ކަމަށެވެ. އަދި މި ސީރީޒަށްފަހު މިއަހަރު އަލަށްފަށާ ކެރަމް ޕްރެޒިޑެންޓްސް ލީގް އޮންނާނެ ކަމަށާއި މި ލީގް ވެސް ކުރިޔަށް ގެންދާނީ މ. އަތޮޅު މުލީގައި ކަމަށެވެ.

ކެރެމް ޕްރެޒިޑެންޓްސް ލީގުގައި އިންޑިއާ އާއި ރާއްޖޭގެ ކުޅުންތެރިންގެ އިތުރުން 2012 ވަނަ އަހަރުގެ ކެރެމް ވޯލްޑް ޗެމްޕިއަންކަން ހޯދި ލަންކާގެ ސީނިއާޓީމްގެ ފިރިހެން ކުޅުންތެރިޔަކާއި އަންހެންޓީމްގެ ކުޅުންތެރިއެއްގެ އިތުރުން ޖޫނިއަރ ޓީމްގެ ކުޅުންތެރިއަކު ބައިވެރިވާނެ ކަމަށް ކެރަމް އެސޯސިއޭޝަނުން ބުނެއެވެ.

އިންޑިއާ މޯލްޑިވްސް ޓެސްޓް ސީރީސް ރާއްޖެގެ އިސްނެގުމުގެ މަތިން ފުރަތަމަ ބާއްވާފައިވަނީ 2016 ވަނަ އަހަރު އެވެ. އެފަހަރު ޓެސްޓް ސީރީސް ކާމިޔާބުކުރީ އިންޑިއާ އެވެ. އިންޑިއާ އަކީ އެންމެ ފަހުގެ ދުނިޔޭގެ ޗެމްޕިއަން އެވެ. ރާއްޖެ އަކީ ދުނިޔޭގެ ތިންވަނަ އެވެ.