19 އަހަރުން ދަށުގެ އޭއެފްސީ ޗެމްޕިއަންޝިޕް ކޮލިފިކޭޝަނުގައި ކުޅުނު ފުރަތަމަ މެޗުން ތަޖިކިސްތާން އަތުން ރާއްޖޭގެ ޒުވާން ޓީމު ބަލިވެއްޖެ އެވެ.

19 އަހަރުން ދަށުގެ އޭއެފްސީ ޗެމްޕިއަންޝިޕް ކޮލިފިކޭޝަނުގައި ރާއްޖެ މިފަހަރު ލައްވާލާފައިވަނީ ގްރޫޕް ސީގައެވެ. ތަޖިކިސްތާނުގެ ވެރިރަށް ޑުޝާންބޭގައި ކޮލިފިކޭޝަން ކުރިއަށްދާއިރު، މި ގްރޫޕްގައި ރާއްޖޭގެ އިތުރުން ހިމެނެނީ ތަޖިކިސްތާން، ސީރިއާ އަދި ލުބުނާނެވެ.

ކޮލިފިކޭޝަނުގެ ފުރަތަމަ މެޗުގައި އިއްޔެ ތަޖިކިސްތާނާ ދެކޮޅަށް ރާއްޖެ ނުކުތްއިރު، މި މެޗު ތަޖިކިސްތާނުން ކާމިޔާބުކޮށްފައިވަނީ 9-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މި މެޗަށް ރާއްޖޭގެ ޒުވާން ޓީމު ނުކުމެފައިވަނީ ގިނަ ބަދަލުތަކަކާއެކު އެވެ. އެގޮތުން ޓީމުގެ ކެޕްޓަން ހަސަން ނަޒީމް (ޗޯޓު) އާއި މެދުތެރޭގައި މުހިންމު ދައުރެއް އަދާކުރާ ސަމާހުވެސް ފެނިގެންދިޔައީ ބެންޗުންނެވެ.