މޯލްޑިވްސް ޑިމޮކްރެޓިކް ނެޓްވޯކުން، ރާއްޖޭގައި ދީނީ ހަރުކަށި ފިކުރު އޮތްގޮތް ކަމަށްބުނެ ރިޕޯޓެއް ތައްޔާރުކޮށްފައިވަނީ 2015 ވަނަ އަހަރުއެވެ. މިއީ ރާއްޖޭގައި ދީނީގޮތުން ހަރުކަށި ފިކުރު ފަތުރާ ގޮތްތަކާއި، އެ ފިކުރުގެ އަސަރު ރާއްޖޭގައި އަށަގެންފައިވާ މިންވަރު ބެލުމަށް ކޮށްފައިވާ ދިރާސާއެއް ކަމަށް އެ ޖަމްއިއްޔާއިން ބުނެއެވެ.

"ޕްރިލިމިނަރީ އެސެސްމެންޓް އޮން ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް" ގެ ނަމުގައި ތައްޔާރުކޮށްފައިވާ މި ރިޕޯޓުގައި ރާއްޖޭގެ ތައުލީމީ ނިޒާމުގައި ކިޔަވައިދިނުމަށް ބޭނުންކުރާ ބައެއް ފޮތްތަކުގައި ހަރުކަށި ވިސްނުމަށް ބާރުދޭ ވާހަކަތައް ހުންނަ ކަމަށެވެ. މީގެ ތެރޭގައި، ކީރިތި ޤުރުއާނުގެ ނައްސުން އައިސްފައިވާ ބައެއް ކަންތައްތަކާއި ހަދީސްތަކުގައި ބަޔާންކުރައްވާފައިވާ ބައެއް ކަންތައްތައް ވަނީ ފާހަގަކޮށްފައެވެ. މިގޮތުން ރަސޫލާގެ އިސްރާއާއި މިއުރާޖުގެ ދަތުރުފުޅަކީ ސައިންޓިފިކް ގޮތުން ގަބޫލުކުރެވޭނެ ވާހަކައެއް ނޫން ކަމަށް ވަނީ ބުނެފައެވެ. އަދި ދޫރައްކާތެރިކުރުމާ ގުޅޭގޮތުން ސުންނަތުގައިވާ ކަންތައްތަކާ ދެކޮޅުހަދައި، އެއީ ޑިމޮކްރެސީއާ ތައާރަޒުވާ ކަމެއް ކަމަށް ބުނެފައި ވެއެވެ.

މިނޫނަސް އިސްލާމްދީނާ ދެކޮޅު ވާހަކަތަކެއް އެމްޑީއެންގެ ރިޕޯޓުގައި ހިމަނާފައިވާއިރު، ދީނީ އިލްމުވެރިންނާއި ސިޔާސީ މީހުންނާއި، އާންމުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ދީނީ އިލްމުވެރިޔާ ޑރ.މުހައްމަދު އިޔާޒު ވިދާޅުވީ ޤުރުއާނަށް ފާޑުކިޔައި ރަސޫލާއަށް ފުރައްސާރަކޮށް، އިލްމުވެރިންގެ އަގުވައްޓާލަން މަސައްކަތްކޮށް ރިޕޯޓު ނެރެފައިވާ މައްސަލާގައި ޖިނާއީ ތަހުގީގެއް ހިންގުމަށް އިސްލާމިކް މިނިސްޓްރީއަށާއި ފުލުހުންނަށް ގޮވާލައްވާ ކަމަށެވެ.

ޝައިޚް އަލީ ޒައިދު ވިދާޅުވީ ޤުރުއާނާއި ހަދީސުން ކަނޑައެޅިގެން ސާބިތުވާ ކަންކަން، އެއީ ތޯތޯ ވާހަކައަށް އެއްވެސް ބަޔަކަށް ނުހެދޭނެ ކަމަށެވެ. އަދި ދީނީ އެއްބައިވަންތަކަން ނަގާލަން ނޫޅުމަށާއި އެ ޖަމްއިއްޔާ އުވާލުމަށް ވަނީ ގޮވާލައްވާފައެވެ.

އެމްޑީއެންގެ ރިޕޯޓާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް އެ ޖަމްއިއްޔާއިން ވަނީ މައާފަށް އެދިފައެވެ. އެމްޑީއެންއިން ނެރުނު ނޫސްބަޔާނެއްގައި ވަނީ ރިޕޯޓުގައި ހިމެނޭ ބައެއް ބައިތަކުގައި ބޭނުންކޮށްފައިވާ ބައެއް ބަހުރުވައާއި ވާހަކަތައް ގެނެވިފައި އޮތް ގޮތަކީ އެންމެ ރަގަޅު ގޮތް ނޫން ކަމަށް ގަބޫލުކުރާ ކަމަށެވެ. އަދި ރިޕޯޓު ގެނެވިފައި އޮތްގޮތުން އާންމުންގެ ތެރޭގައި ހިތްހަމަނުޖެހުން ފާޅުކޮށްފައިވާކަން ދެނެގަނެ، ރިޕޯޓުގައިވާ އެފަދަ ބައިތަކަށް މައާފަށް އެދޭ ކަމަށެވެ. އަދި ވަގުތީގޮތުން ރިޕޯޓު އަނބުރާ ގެންގޮސް، ދީނީ އިލްމުވެރިއެއްގެ އެހީގައި ރިޕޯޓު އިސްލާހުކުރުމަށް ނިންމާފައިވާ ކަަމަށެވެ.

ރިޕޯޓާ ގުޅިގެން ބައެއް ފަރާތްތަކުން އެ ޖަމްއިއްޔައަށާއި ޖަމްއިއްޔާގެ މެންބަރުންނާއި މުވައްޒަފުންނަށް ނުހަނު ގިނައިން ފުރައްސާރަކޮށް، އިންޒާރުދީ، ފުރާނައަށް ގެއްލުންދޭނެ ކަމަށް ބުނަމުންދާ ކަމަށް ވެސް އެމްޑީއެންގެ ނޫސްބަޔާނުގައި ބުނެފައި ވެއެވެ.

އެމްޑީއެންގެ ރިޕޯޓުގެ މައްސަލާގައި އެތައް ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވާއިރު މި މައްސަލަ ބަލައިދިނުމަށް އެތައް ބަޔަކު ވަނީ އިސްލާމިކް މިނިސްޓްރީއަށާއި ފުލުހުންނަށް ގޮވާލާފައެވެ. އިސްލާމިކް މިނިސްޓްރީން ކޮށްފައިވާ ޓުވީޓެއްގައި ވަނީ އެމްޑީއެން އިން ނެރުނު ރިޕޯޓުގައި އިސްލާމްދީނާއި ރަސޫލާއަށް ފުރައްސާރަކޮށް، އިސްލާމްދީނުގެ އަސްލުތަކާ ޚިލާފު އަދި ދިވެހިންގެ ދީނީ އެއްބައިވަންތަކަން ގެއްލޭގޮތަށް ވާހަކަ ދައްކާފައިވާތީ އެކަން ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް މިއަދު 13:46 ގައި ފުލުހުންނަށް މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ. ފުލުހުން ވެސް ވަނީ މި މައްސަލަ ބަލަމުން އަންނަކަން ކަށަވަރުކޮށްދީފައެވެ. އެގޮތުން އެމްޑީއެންގެ މީހުންގެ ފޮޓޯއާއި މައުލޫމާތު ހިމަނައިގެން ނަފުރަތު އުފައްދަން މަސައްކަތްކުރާ ކަމަށްބުނާ މައްސަލައެއް ބަލަމުން އަންނަ ކަމަށެވެ. އަަދި އިސްލާމްދީނާ ޚިލާފު ވާހަކަތައް ރިޕޯޓުގައި ހިމެނި މައްސަލަ ވެސް ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެއެވެ.