ދިރާސާތަކުން ދައްކާގޮތުން މި ސަރަހައްދުގައި އިންޓަނެޓުގެ އަގު އެންމެ ބޮޑު ގައުމަކީ ދިވެހިރާއްޖެއެވެ. އިންޓަނެޓުގެ އަގު ބޮޑުވެގެން ރައްޔިތުން، ޚާއްސަކޮށް ޒުވާނުންގެ ޝަކުވާ ބޮޑުވެ "ނެޓް ހެޔޮކުރޭ" ގެ ނަމުގައި ސޯޝަލް މީޑިއާގައި ވަނީ ކެމްޕޭނެއް ވެސް ކުރިއަށް ގެންގޮސްފައެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފުރަތަމަ އަހަރުތެރޭ ކުރުމަށް ވައުދުވެފައިވާ ކަންކަމުގެ ތެރޭގައި އިންޓަނެޓުގެ އަގުހެޔޮކުރުން ހިމެނުނު ނަމަވެސް، ސަރުކާރަށް އަހަރުވުމަށް މަސްދުވަހަށް ކުޑަތަންވެފައިވާއިރު، އަދިވެސް ސަރުކާރުގެ އެ ވައުދެއް ނުފުއްދެއެވެ. ސަރުކާރު ވެރިކަމަށް އައި ފުރަތަމަ ދުވަހުން ފެށިގެންވެސް ބުނަމުންދަނީ އިންޓަނެޓުގެ އަގުހެޔޮކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. މިގޮތުން ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ވެސް ވިދާޅުވެފައިވަނީ އެމަނިކުފާނު މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު އެންމެ ފުރަތަމަ ބައްދަލުކުރެއްވީ ވެސް މުވާސަލާތީ ޚިދުމަތްދޭ ކުންފުނިތަކުގެ އިސްބޭފުޅުންނާ ކަމަށެވެ.

އޭގެ ފަހުންވެސް ދުވަސްތަކެއް ފާއިތުވެދިޔުމަށްފަހު މިއަހަރުގެ އޭޕްރީލް މަހުގެ 10 ވަނަ ދުވަހު އިންޓަނެޓު އަގުހެޔޮކުރުމުގެ ރަސްމީ މަޝްވަރާތައް ސަރުކާރުން ވަނީ ފަށާފައެވެ. ކަސްޓަމްސް ބިލްޑިންގުގައި ބޭއްވި މި މައްދަލުވުމުގައި ރާއްޖޭގައި މުވާސަލާތީ ޚިދުމަތްދޭ މައި ދެކުންފުނި، ދިރާގާއި އުރީދޫގެ އިސްވެރިން ބައިވެރިވެވަޑައިގެންފައި ވެއެވެ.

އޭގެ ފަހުން މެއި މަހުގެ ތެރޭ މިނިސްޓަރު ވިދާޅުވެފައިވަނީ އިންޓަނެޓުގެ އަގު ހެޔޮކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން އެކަން ކުރުމަށް އިތުރު ކުންފުނިތަކަކަށް ޖާގަދޭންޖެހޭނަމަ އެކަމަށް ވެސް ފަސްނުޖެހޭނެ ކަމަށެވެ. އާރުއޯއެލް ވެސް ހިމެނޭގޮތުން ކުރިއަށްގެންދާ މަޝްވަރާތަކުގެ ފަހުގެ މަރުހަލާއަށް ދެވިފައިވާ ކަަމަށް ވިދާޅުވެފައި ވެއެވެ.

މަލީހު ވިދާޅުވީ މި މަޝްވަރާތަކުގެ ތެރެއިން ސަރުކާރުން ބޭނުންވާ ކަންތައްތައް އެ ކުންފުނިތަކަށް ހުށަހަޅާފައިވާނެ ކަމަށާއި އެ ހުށަހެޅުންތައް ބިނާކޮށްފައިވަނީ މިނިސްޓްރީއާއި ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް ގުޅިގެން ކުރިއަށް ގެންދިޔަ ދިރާސާއެއްގެ މައްޗަށް ކަމަށެވެ. 26 ގައުމެއްގައި އިންޓަނެޓްގެ ޚިދުމަތް ދެމުންދާގޮތަށް ބަލައި ހަދާފައިވާ މި ދިރާސާއިން ހާމަވާގޮތުގައިވެސް ރާއްޖޭގައި އިންޓަނެޓްގެ ޚިދުމަތް ދެމުންދަނީ ނިސްބަތުން ބޮޑު އަގެއްގައި ކަމަށް މިނިސްޓަރު ވެސް ވިދާޅުވެފައި ވެއެވެ. އަދި ވަރަށް އަވަސް މުސްތަގްބަލެއްގައި އިންޓަނެޓްގެ އަގު ރައްޔިތުން އުފާވާ މިންވަރަށް ތިރިކޮށްދޭނެކަމުގެ ޔަގީންވެސް މިނިސްޓަރު ވަނީ ދެއްވާފައެވެ.

"އަޅުގަނޑު މި ފުރުސަތުގައި ފާހަގަކޮށްލަން މި ދާއިރާއިން އިތުރު ކުންފުނިތަކަކަށް ޖާގަދޭންޖެހޭނަމަ އެކަމަށްވެސް ފަސްނުޖެހޭކަން" މިނިސްޓަރު ވިދާޅުވިއެވެ.

އިންޓަނެޓު އަގުހެޔޮކުރުމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ވެސް ވަނީ އެކިފަހަރުމަތިން ވާހަކަދައްކަވާފައެވެ. 7 އޮގަސްޓް 2019 ގައި އުރީދޫގެ އީ-ކޮމާރސް ޕްލެޓްފޯމް "މޫލީ" އިފުތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ އިންޓަނެޓްގެ އަގު އަތްފޯރާފަށަށް ތިރިކޮށްގެން ނޫނީ ޖަޒީރާ ރާއްޖޭގެ އައްސޭރި އަތުނުވާނެ ކަމަށެވެ. އޮފީސްތަކާއި ކުންފުނިތަކުގެ ޚިދުމަތްތައް، ސްމާޓް ފޯނުގެ ޒަރީއާއިން ހޯދޭނެ ގޮތްތައް ހަމަޖެހެމުންދާއިރު ރައްޔިތުން އިންޓަނެޓަށް ކުރަންޖެހޭ ހޭދަ ކުޑަކުރެވިގެން ނޫނީ ޑިޖިޓަލް ޓެކްނޮލޮޖީގެ މަންފާ ނުލިބޭނެ ކަމަށެވެ.

"ޑިޖިޓަލް ޓެކްނޮލޮޖީއަށް ދިވެހިން ފަރިތަވެފައި ތިބި މިންވަރަށް ބަލާއިރު، ރާއްޖޭގެ ތައުލީމީ ދާއިރާގެ ކުރިއެރުމަށް، ޚާއްސަ އިސްކަމެއް ދެއްވައިގެން މަސައްކަތްކުރުމަކީ، ޚިދުމަތްދޭ ފަރާތްތަކަށްވެސް ވަރަށް ބޮޑު މަންފާއެއް ކުރާނެ ކަމެއް. އެއީ ރާއްޖޭގެ އިންސާނީ ވަސީލަތްތައް ތަރައްގީކުރުމަށް ކުރެވޭ ވަރަށް ބޮޑު އިންވެސްޓަކަށް ވާނެކަން ޔަގީން" ރައީސް ވިދާޅުވިއެވެ.

އިންޓަނެޓު އަގުހެޔޮކުރުމާ ގުޅޭގޮތުން އެކިފަހަރުމަތިން ވާހަކަތައް ދެކެވި، ސަރުކާރުން މިހާރު މިވަނީ ކުރިއަށް އޮތް ފަސް އަހަރަށް ކަނޑައެޅި ސްޓްރެޓެޖިކް އެކްޝަން ޕްލޭން އިފުތިތާހުކޮށްފައެވެ. އޭގައިވާގޮތުން އިންޓަނެޓުގެ ޚިދުމަތާ ގުޅުންހުރި ގިނަ ކަންކަން ކުރުމަށް ރާވާފައިވަނީ 2020 ވަަނަ އަހަރާއި 2021 ވަނަ އަހަރެވެ.

ކޮމިއުނިކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހު ވިދާޅުވީ އިންޓަނެޓު އަގުހެޔޮކުރުމަށް ކަމާގުޅުންހުރި އިދާރާތަކާ މަޝްވަރާކުރެވި މިހާރު ވަނީ އެއްބަސްވުމަކަށް އާދެވިފައި ކަމަށެވެ. މިނިސްޓްރީން ކުރަންޖެހޭ ހުރިހާ ކަމެއް ނިންމައި ރައީސް އޮފީހަށް ޖޫން މަހުގެ ތެރޭ ފޮނުވާފައިވާ ކަމަށެވެ. ފަހުގެ ނިންމުން ނިންމާނީ ރައީސް އޮފީހުން ކަމަށާއި އެ ނިންމުން އައިހާ އަވަހަަކަށް ތަންފީޒުކުރެވޭނެ ކަމަށް ވިދާޅުވިއެވެ. އިންޓަނެޓުގެ އަގުހެޔޮކުރުމާއި އެއާ ގުޅުންހުރި މަސައްކަތްތައް ކުރަނީ އެކި މަރުހަލާތަކަށް އަހަރުތަކަށް ބަހާލައިގެން ކަމަށް ވެސް ސަރުކާރުން ބުނެއެވެ.

އިންޓަނެޓުގެ އަގު ހެޔޮކުރުމަކީ ސަރުކާރުގެ ފުރަތަމަ އަހަރުތެރޭ ކުރުމަށް ކަނޑައެޅި ކަމެއް ނަަމަވެސް، މިއަދާ ހަމައަށް އެކަން ނުކުރެވިވާއިރު، އިދިކޮޅު ކޯލިޝަނުން ވެސް މިވަނީ މިކަމާ ގުޅޭގޮތުން ވާހަކަތަކެއް ދައްކާފައެވެ. ރައީސް ޔާމީން ވިދާޅުވަނީ ރިޔާސީ އިންތިޚާބު އެމަނިކުފާނަށް ކާމިޔާބުވި ނަމަ، މިހާރު އޮންނާނީ އިންޓަނެޓުގެ އަގުހެޔޮކޮށްފައި ކަަމަށެވެ.