ހުކުރު ދުވަހު ފެށި ގައުމި ގްރޯން ޕްރީ އެތުލެޓިކްސް މުބާރާތުގެ 100 މީޓަރު ދުވުމުން ރަން މެޑަލް ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދާއި ގައުމީ މުބާރާތުގެ އެއްވަނަ އައިޝަތު ހިމްނާ ހަސަން ހޯދައިފި އެވެ.

ރާއްޖޭގައި މިވަގުތު ތިބި އެންމެ ފާހަގަކޮށްލެވޭ އެތުލީޓުންނަށް ދައުވަތުދީގެން އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ކުރިއަށްގެންދާ މި މުބާރާތް މިއަދު ފެށިއިރު، މުބާރާތުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ދުވުމުގެ 100 މީޓަރު، 200 މީޓަރު، 400 މީޓަރު، 800 މީޓަރު، 1500 މީޓަރު އަދި 3000 މީޓަރު ރޭހާއި ލޯންގް ޖަމްޕެވެ. ކޮންމެ އިވެންޓެއްގައި ދެ ޖިންސުން ވަކިވަކިން ރޭސްތައް ކުރިއަށް ގެންދިޔުމަށް ވަނީ ނިންމާފައެވެ.

ހުކުރު ދުވަހު ހަވީރު 4:30 ގައި ފެށި ފިރިހެނުންގެ 100 މީޓަރު ދުވުމުން ސާއިދު ރަން މެޑަލް ހޯދީ 10.58 ސިކުންތުން ރޭސް ނިންމައިގެންނެވެ. ރިހި މެޑަލް ހޯދީ އިބާދުﷲ އާދަމެވެ. އޭނާ ރޭސް ނިންމާފައިވަނީ 11.21 ސިކުންތުންނެވެ. ލޯ މެޑަލް ހޯދި ނުޖޫމް ހަސަން ރޭސް ނިންމީ 11.25 ސިކުންތުން ރޭސް ނިންމައިގެންނެވެ.