އިރާގުގައި މުޒާހަރާ ކުރަމުންދާ އާންމުންގެ ތެރެއަށް ސަލާމަތީ ބާރުތަކުން ބަޑިޖެހުމުގެ ސަބަބުން 44 މީހުން މަރުވެ، އިތުރު އެތައްސަތޭކަބަޔަކު ޒަޚަމްވެއްޖެއެވެ.

އިރާގުގެ ސަލާމަތީ ބާރުތަކުން އާންމުންގެ ތެރެއަށް ބަޑިޖަހާފައިވަނީ މުޒާހަރާތައް ހުއްޓުވުމުގެ ގޮތުންނެވެ.

މިދިޔަ އަންގާރަ ދުވަހުން ފެށިގެން އިރާގުގެ ވެރިރަށް ބަޣުދާދާއި، އިރާގުގެ އެހެން ރަށްތަކުގެ މަގުތަކަށް އާންމުން، ޚާއްސަކޮށް ޒުވާނުން ނުކުމެ މުޒާހަރާ ކުރަމުންދަނީ ސަރުކާރުގެ ތެރޭގައި ކޮރަޕްޝަން އާންމުވުމާއި، ވަޒީފާ ނެތުމާއި، ރައްޔިތުންނަށް ދޭންޖެހޭ އަސާސީ ޚިދުމަތްތައް ކަމަށްވާ ކަރަންޓާއި ބޯފެނުގެ ޚިދުމަތުގެ ފެންވަރު ދަށްވެގެން އެކަމާ ނުރުހުން ފާޅުކުރުމުގެ ގޮތުންނެވެ.

މުޒާހަރާތައް ރޫޅާލުމަށް ސަލާމަތީ ބާރުތަކުންވަނީ، ޕްރެޝަރުގައި ފެންޖެހުމާއި، ކަރުނަގޭހާއި، ރަބަރު ވަޒަނުގެ އިތުރުން، އަސްލު ވަޒަން ބޭނުންކޮށްގެންވެސް ހަމަލާ ދީފައެވެ.

އެންމެ ގިނަމީހުން މަރުވެފައިވަނީ، އިރާގުގެ ދެކުނުގެ ސިޓީއެއް ކަމަށްވާ ނާސިރިއްޔާގައި ކުރިއަށްދިޔަ މުޒަހަރާގައެވެ. ސަލާމަތީ ބާރުތަކުން ބަޑިޖެހުމުގެ ސަބަބުން ނާސިރިއްޔާއިން އާންމުންގެ 18 މީހުން މަރުވެފައި ވާއިރު، ވެރިރަށް ބަޣުދާދުގައި ކުރިއަށްދާ މުޒާހަރާގެ ތެރެއަށް ބަޑިޖެހުމުގެ ސަބަބުން 16 މީހުން މަރުވެފައި ވެއެވެ. އަދި އިރާގުގެ އެހެން ރަށްތަކުން މަރުވި މީހުންނާއެކު ޖުމްލަ 44 މީހުން މަރުވެފައި ވެއެވެ. އަދި އިތުރު އެތައްސަތޭކަ މީހުން ޒަޚަމްވެފައިވެސް ވެއެވެ.

މުޒާހަރާތައް ހޫނުވެ ވަރުގަދަ ވުމުގެ ސަބަބުން ސަރުކާރަށް ނުރައްކާ ވެއްޖެކަމަށް ބެލެވުމުން، އިރާގުގެ ބޮޑުވަޒީރު އާދިލް އަބްދުލް މަހްދީވަނީ ވެރިރަށް ބަޣުދާދުގައި ކާފިއު އިޢްލާން ކުރައްވާފައެވެ. އަދި އާންމުން އެއްވުމަށް ހުރަސްއެޅުމާއި، މުޒާހަރާގެ ވީޑިއޯތައް ޕޯސްޓްކުރިޔަ ނުދިނުމުގެ ގޮތުން ބޮޑު ސަރަހައްދަކުން އިންޓަރނެޓްގެ ޚިދުމަތްވެސް ވަނީ ކަނޑާލާފައެވެ.

ބޮޑުވަޒީރު ވިދާޅުވީ، އިރާގަށް ދިމާވެފައިވާ މައްސަލަތައް ޖާދުލަކުން ހައްލު ނުކުރެވޭނޭ ކަމަށެވެ. އެހެން ނަމަވެސް، ކޮރަޕްޝަން ނައްތާލުމާއި، ގެދޮރުވެރިކަމާއި، ނިކަމެތި އާއިލާތަކަށް އަސާސީ އާމްދަނީ ލިބޭނޭގޮތް ފަހިކުރުމަށް ގާނޫނުތައް ހައްދަވާނޭ ކަމަށް ވައުދުވެވަޑައި ގެންފައި ވެއެވެ.