19 އަހަރުން ދަށުގެ އޭއެފްސީ ޗެމްޕިއަންޝިޕް ކޮލިފިކޭޝަނުގައި ކުޅުނު ދެވަނަ މެޗުން ސީރިއާ އަތުން ހަނި ގޮތަކަށް ރާއްޖެ ބަލިވެއްޖެ އެވެ.

19 އަހަރުން ދަށުގެ އޭއެފްސީ ޗެމްޕިއަންޝިޕް ކޮލިފިކޭޝަނުގައި ރާއްޖެ މިފަހަރު ލައްވާލާފައިވަނީ ގްރޫޕް ސީގައެވެ. ތަޖިކިސްތާނުގެ ވެރިރަށް ޑުޝާންބޭގައި ކޮލިފިކޭޝަން ކުރިއަށްދާއިރު، މި ގްރޫޕްގައި ރާއްޖޭގެ އިތުރުން ހިމެނެނީ ތަޖިކިސްތާން، ސީރިއާ އަދި ލުބުނާނެވެ.

ސިރިއާއާ ދެކޮޅަށް ހުކުރު ދުވަހު ކުޅުނު މެޗުގައި ރާއްޖޭގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެންގޮސްފައެވެ. އެގޮތުން މެޗުގައި އެންމެ ފުރަތަމަ ގޯލް ޖަހާ ލީޑު ނެގީވެސް ރާއްޖެއިންނެވެ. 19 ވަނަ މިނެޓުގައި ރާއްޖެއަށް މި ގޯލް ކާމިޔާބުކޮށްދިނީ ސާވީ އިބްރާހީމެވެ. އެކަމަކު 25 ވަނަ މިނެޓުގައި ރާއްޖޭގެ ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވަން ގޯލާއެކު ސީރިއާއިން ނަތީޖާ އެއްވަރުކުރިއެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ސީރިއާއިން ލީޑު ނެގީ 33 ވަނަ މިނެޓުގައި މުހައްމަދު އަލާވާދު ކާމިޔާބުކުރި ގޯލާއެކުއެވެ. ދެވަނަ ހާފުގައިވެސް ރާއްޖޭގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔައިރު، ދެވަނަ ހާފު ފަށައިގެން 10 ވަނަ މިނެޓުގައި ރާއްޖެއިން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. މި ގޯލް ކާމިޔާބުކޮށްދިނީ ކެޕްޓަން ހަސަން ނަޒީމް (ޗޯޓު) އެވެ. އެކަމަކު ސީރިއާއިން ވަނީ 62 ވަނަ މިނެޓުގައި އަމަރު ރަމަދާން ކާމިޔާބުކުރި ގޯލާއެކު އަލުން ލީޑު ނަގާފައެވެ.

ކޮލިފައިންގައި ކުޅުނު ދެވަނަ މެޗުން ސީރިއާ އަތުން ހަނިގޮތަކަށް ރާއްޖެ ބަލިވިއިރު، ފުރަތަމަ މެޗުން ތަޖިކިސްތާން އަތުން ވަނީ 9-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ބަލިވެފައެވެ. ކޮލިފިކޭޝަނުގެ ފަހު މެޗުގައި އާދިއްތަ ދުވަހު ރާއްޖެ ނުކުނާނީ ލުބުނާނާ ދެކޮޅަށެވެ.

ގްރޫޕްގެ އެއްވަނަ ހޯދާ ޓީމަކަށް 2020 ވަނަ އަހަރު ބާއްވާ 19 އަހަރުން ދަށުގެ އޭއެފްސީ ޗެމްޕިއަންޝިޕުން ޖާގައެއް ލިބިގެންދާއިރު، ދެވަނައަށްދާ ޓީމަކަށް ޖާގައެއް ލިބުމުގެ ހަނި ފުރުސަތެއް އޮންނާނެއެވެ.