މިއަހަރުގެ ފެބްރުއަރީމަހުގެ ތެރޭގައި ޕާކިސްތާނާއި، އިންޑިއާއާ ދެމެދު ކަޝްމީރު ބައިކުރާ އިމުގައި ހިނގި ކުރިމަތިލުމުގެ ތެރޭގައި، އިންޑިއާ ސިފައިންގެ ހެލިކޮޕްޓަރެއް ވެއްޓުނު ކަމަށް އިންޑިއާ ވައިގެ ސިފައިންގެ ވެރިޔާ ފުރަތަމަ ފަހަރަށް އިޢްތިރާފްވެވަޑައި ގެންފިއެވެ.
އިންޑިއާގެ ވައިގެ ސިފައިން ބޭނުންކުރާ އެންމެ ޒަމާނީ އެމްއައި-17 ގެ ޗޮޕަރ ހެލިކޮޕްޓަރު ވެއްޓިފައިވަނީ، އިންޑިއާއިން ވެރިކަންކުރާ ކަޝްމީރުފަޅީގެ ވެރިރަށް ޝްރީނަގަރު ކައިރިން ބުޑްގަމް ކިޔާ ސަރަހައްދަކަށެވެ.
އެ ހާދިސާގައި ހެލިކޮޕްޓަރުގައި ދަތުރުކުރި ވައިގެ ސިފައިންގެ ހަ އޮފިސަރުން މަރުވިއެވެ.
އެހެންނަމަވެސް، އަސްކަރީ ހެލިކޮޕްޓަރެއް ވެއްޓުނުކަމެއް އަދި ބަޔަކު މަރުވި ކަމެއްވެސް އިންޑިއާއިން ރަސްމީގޮތުން ހާމަކޮށްފައެއް ނުވެއެވެ. އެކަމާ ގުޅޭގޮތުން އެއްވެސް ވާހަކައެއް މީގެކުރިން ދައްކާފައެއް ނުވެއެވެ.
ހެލިކޮޕްޓަރު ވެއްޓުނު ހާދިސާގައި ޕާކިސްތާނުގެ އެއްވެސް ދައުރެއް ނެތްކަމަށް ޕާކިސްތާނުންވެސް ހާމަކޮށްފައެއް ނުވެއެވެ.
އެހެން ނަމަވެސް، އެ ހާދިސާއާ ގުޅިގެން އިންޑިއާއިންވަނީ މަތީ ފެންވަރުގެ ތަހްގީގެއް ހިންގާފައެވެ. ތަހްގީގު ނިމިފައިވަނީ މިދިޔަ އޮގަސްޓްމަހުއެވެ.
އެ ތަހްގީގުން ހާމަވިގޮތުގައި، އަސްކަރީ ހެލިކޮޕްޓަރު ވެއްޓިފައިވަނި އިންޑިއާގެ ވައިގެ ސިފައިން އެއްގަމުމަގުން ފޮނުވާލި މިސައިލެއް އަރައިގެންނެވެ.
ހެލިކޮޕްޓަރު ވެއްޓުނު މަންޒަރު ފެނުނު އާންމުން ބުނެފައިވަނީ، ހެލިކޮޕްޓަރު ވައިގެ ތެރޭގައި އުދުހެމުންދަނިކޮށް ބާރު އަޑުފަށްގަނޑެއް އިވުމާއެކު އޭތި ތިރިއަށް ވެއްޓެންފެށީ ކަމަށެވެ. ހެލިކޮޕްޓަރު ވެއްޓުނީ ކަޅުދުންގަނޑަކާ އެކުގައި ކަމަށްވެސް ބުނެފައި ވެއެވެ.
މިކަމާ ގުޅޭގޮތުން ނޫސްވެރިންނަށް މިއަދު މައުލޫމާތު ދެއްވަމުން އިންޑިއާ ވައިގެ ސިފައިންގެ ވެރިޔާ އެއަރ ޗީފް މާޝަލް ރާކޭޝް ކުމާރު ސިންހް ބަދައުރިއާ ވިދާޅުވީ، ހެލިކޮޕްޓަރު ވެއްޓުނީ އިންޑިއާ ސިފައިންނަށް ހެދުނު ގޯހަކުން ކަމަށާއި، ހެލިކޮޕްޓަރުގައި ޖެހުނީ އިންޑިއާ ސިފައިން ފޮނުވާލި މިސައިލެއް ކަމަށެވެ.
"މައްސަލަ ތަހްގީގުކޮށް ނިމިއްޖެ. އެކަމުގައި ޝާމިލްވާ ދެ އޮފިސަރުންމާމެދު އަޅުގަނޑުމެން ފިޔަވަޅު އަޅާނަން. މިއީ، އަޅުގަނޑުމެންގެ ފަރާތުން ހެދުނު ވަރަށް ބޮޑު ގޯހެއް ކަމަށް ގަބޫލުކުރަން. މުސްތަގްބަލުގައި މިފަދަ ކަމެއް ތަކުރާރު ނުވާނޭކަމުގެ ކަށަވަރުކަން ގާއިމްކުރާނަން" ބަދައުރިއާ ވިދާޅުވިއެވެ.