ޓީސީ ސްޕޯޓްސް ކްލަބަށް މިހާރު ދިމާވެފައިވާ ހާލަތު ރަނގަޅު ނުކުރެއްވިއްޖެނަމަ، އަންނަ ސީޒަނަށް ފުޓްބޯޅަ ޓީމެއް ނުނެރުމަށް މަޝްވަރާކުރަމުންދާ ކަމަށް ޓީސީ ސްޕޯޓްސް ކްލަބުގެ ބާނީ އަހުމަދު ނަޝީދު (ޑޭވް) ވިދާޅުވެއްޖެ އެވެ.

ޓީސީން 2015 ވަނަ އަހަރު ފުރަތަމަ ޑިވިޝަނުގައި ވާދަކުރަން ފެށިއިރު، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެޓީމުން ވަނީ ބޮޑެތި ކާމިޔާބީތަކެއް ހޯދާފައެވެ. އެގޮތުން މިދިޔަ އަހަރު ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ޓީސީން ހޯދިއިރު، 2017 ވަނަ އަހަރު ވަނީ ބަންގްލަދޭޝްގެ ޝެއިޚް ކަމާލް ގޯލްޑް ކަޕް ކާމިޔާބުކޮށްފަ އެވެ.

ނަމަވެސް މިއަހަރުގެ ޓީމުގެ ހާލަތު ގޯސްވެފައިވާއިރު، 3 މަސް ދުވަހުގެ މުސާރާ ކުޅުންތެރިންނަށް ދެވިފައެއް ނުވެއެވެ. އެންމެ ފަހުގެ ޗެމްޕިއަން ޓީސީގެ ކޯޗެއް މިހާރު ނެތްއިރު، ބައެއް ކުޅުންތެރިން ވަނީ ޓީމު ދޫކޮށްލާފައެވެ. މާލީ މައްސަލަތަކާ ގުޅިގެން ކޯޗު މުހައްމަދު އާތިފް (އާތީ) ވަނީ ދާދި ފަހުން އިސްތިއުފާ ދީފަ އެވެ.

ވީސްޕޯޓްސް ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޑޭވް ވިދާޅުވީ ޓީސީން މަސައްކަތް ކުރަމުން އަންނަނީ މާލީ ހާލަތު ރަނގަޅު ކުރުމަށް ކަމަށާއި، އެކަމަކު މިހާރު އޮތް ހާލަތުން އަރައި ނުގަނެވެއްޖެނަމަ، އަންނަ އަހަރު ފުޓްބޯޅައިން ޓީސީ ނުފެނިދާނެ ކަމަށެވެ. މީގެ ކުރިން ބައިބަލާއިން ޓީސީ މަޝްހޫރުވެގެން އައިރު، ޑޭވް ވިދާޅުވީ ބޭނުންނުވި ނަމަވެސް، ހާލަތަށް ބަލާފައި ފުޓްބޯޅަ ދޫކޮށް ބައިބަލާއަށް ޓީސީ އަމާޒުހިފަން ޖެހިދާނެ ކަމަށެވެ.

ޓީސީގެ ހާލަތު މިހާ ދަށަށް ދިޔަ ސަބަބައެއްގެ ގޮތުގައި ޑޭވް ފާހަގަކުރީ 2017 ވަނަ އަހަރުން ފެށިގެން ލިބެމުންއައި ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް އެސިސްޓަންޓްސް (އެސްއޯއީ) ފައިސާ ނުލިބުން ކަމަށެވެ. 2017 ވަނަ އަހަރު ފެށި އެސްއޯއީ ޕްރޮގްރާމުގެ ދަށުން ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ ޓީމުތަކުގެ ތެރެއިން ކޮންމެ ޓީމަކަށް ދެމިލިއަން ރުފިޔާ ދެއެވެ. އަދި ޕްރިމިއާ ލީގަށް ހޮވިއްޖެނަމަ އިތުރު އެއް މިލިއަން ރުފިޔާ ދެއެވެ. އެކަމަކު މިދިޔަ އަހަރުގެ ނިޔަލަށް އެސްއޯއީގެ ކުރީގެ އެއްބަސްވުންތައް ވަނީ ހަމަވެފައެވެ.

މިއަހަރުގެ ކުރީކޮޅު ސަރުކާރުން އެސްއޯއީގެ ފައިސާ ކްލަބުތަކަށް ދޭނެ ކަމަށް އެފްއޭއެމުން ބުނި ނަމަވެސް، ފަހުން ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފް ވަނީ އެ ސަރުކާރުން ކްލަބުތަކަށް ފައިސާ ދޭން ނިންމާފައިނުވާ ކަމަށް ވިދާޅުވެފައެވެ. ޑޭވް ވިދާޅުވީ ޓީސީގެ ހާލަތު ގޯސްވެގެންދިޔައީ އެސްއޯއީ ފައިސާއަށް ބަރޯސާވުމުން ކަމަށާއި، ކްލަބުތަކަށް މިހާލަތަށް އައުމުގައި ވަޒީރުގެވެސް ޒިންމާއެއް އޮންނަން ޖެހޭނެ ކަމަށެވެ.

ޓީސީގެ ހާލަތު ގޯސްވެފައިވާއިރު، މިއަހަރު ލީގުގައި ވާދަކުރާ ގިނަ ކްލަބުތަކަކަށް ވަނީ މާލީ ގޮތުން ގިނަ މައްސަލަތަކެއް ކުރިމަތިވެފައެވެ. އެގޮތުން ވިކްޓަރީ ސްޕޯޓްސް ކްލަބާއި ފޯކައިދޫ ފުޓްބޯލް ކްލަބުވެސް ފާހަގަކޮށްލެވެއެވެ.