މިތަނަށް އެއްވެ ތިބި މީހުން އެ ތިބީ ގަލޮޅު ފުޓުބޯޅަ ދަނޑުގައި ކުޅެމުންދާ މެޗެއް ބަލާކަށް ނޫނެވެ. މިތަނުގައި މި ތިބީ ގަވާއިދާއި އެއްގޮތަށް ރަޖިސްޓްރީވުމަށް ކެތްމަދުވެފައިވާ ބިދޭސީންނެވެ. ރާއްޖޭގައި ގަވާއިދާއި ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް އެކުލަވާލި ސިޔާސަތުގެ ދަށުން، ބިދޭސީން ޤަވާއިދަށް ފެއްތުމަށް ރަޖިސްޓްރީ ކުރުމަށް ހިންގާ ޕްރޮގްރާމް ފެށިތާ ދެ ހަފްތާވެފައިވާއިރު ދުވަހެއް ދުވަހަކަށް މި ކިއު ދަނީ ދިގުވަމުންނެވެ.

ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ރަޖިސްޓްރީ ވުމަށް، 6 މަސް ދުވަހުގެ މުހުލަތެއް ދީފައި ވީނަމަވެސް، ބިދޭސީންގެ ތެރެއިން ކޮންމެ މީހަކުވެސް ބޭނުން ވަނީ އަވަހަށް އެ އޮފީހުގައި ރަޖިސްޓްރީވެ ރަސްމީ ލިޔުމެއް ހޯދާށެވެ. އެގޮތުން އެންމެ ފުރަތަމަ އިކޮނޮމިކް މިނިސްޓްރީގައި ފެށި މި މަސައްކަތް މިހާރު ގަލޮޅު ދަނޑަށް ބަދަލުކޮށްފައިވާއިރު ފެންނަ މަންޒަރުތަކަށް އަދިވެސް އެއްވެސް ބަދަލެއް އައިސްފައެއް ނުވެއެވެ. ކިއުއަށް ބަދަލެއް އައިސް މީހުންގެ އަދަދު މަދުވިކަމެއް ފާހަގައެއް ނުކުރެވެއެވެ.

އެހެންނަމަވެސް މިނިސްޓްރީ ދޮށުގައި މަގުމަތީގައި ބިދޭސީން ބޭތިއްބުމުގެ ބަދަލުގައި ގަލޮޅު ދަނޑުފަދަ ބޮޑު ތަނަކަށް އެ މަސައްކަތް ބަދަލުކުރުން ވެގެންދިޔައީ އިކޮނޮމިކް މިނިސްޓްރީން އެ މަސައްކަތަށް ގެނައި ބަދަލަކަށެވެ. އެގޮތުން މަގުމަތީގައި ގިނަ އަދަދެއްގެ ބަޔަކު ހަމައެއްނެތި ބޭތިއްބުމުގެ ބަދަލުގައި ދަނޑުގެ ބޮޑު ޖާގަގައި އެކަމުގެ އިންތިޒާމް ހަމަޖައްސައިގެން އެކަން ކުރަމުންދަނީ ފުލުހުންގެ ބެލުމުގެދަށުންނެވެ.

އެގޮތުން މިއަދު ހެނދުނުވެސް 9 އަކުން ފެށިގެން ހަވީރު 5 ޖަހަންދެން ދަނޑުން ބިދޭސީން ރަޖިސްޓްރީކޮށްދިނުމުގެ ޚިދުމަތް ދިނުމަށް ހަމަޖެހިފައިވާއިރު ޚިދުމަތް ދެމުންދަނީ 30 ކައުންޓަރުންނެވެ. އެކަމަކު ޚިދުމަތް ހޯދަން އޮތް ކިއު ބޮޑުކަމުން ޚިދުމަތް އަވަސް ކުރުމަށް އިތުރު ކައުންޓަރުތައް ބަހައްޓައިގެން މިހާރު 50 އަށްވުރެ ގިނަ ކައުންޓަރުން ދަނީ ޚިދުމަތްދެމުންނެވެ. އަދި 3،000 އަށް ވުރެ ގިނަ ބިދޭސީންނަށް އެއްފަހަރާ ނަންބަރު ދޫކުރުމަށް މަސައްކަތްކުރަމުންދާ ކަމަށްވެސް އިކޮނޮމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.

ބިދޭސީންގެ ކަންބޮޑުވުންތައް އިންތިހާއަށް:

ޤަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން ރެޖިސްޓްރީ ވުމަށް 6 މަސް ދުވަހުގެ މުހުލަތެއް އިކޮނޮމިކް މިނިސްޓްރީން ދީފައިވައިރު ގިނަ ބިދޭސީން ގަވައިދާއި ޚިލާފުވެގެން އުޅެން މެދުވެރިވާ ސަބަބުތަކެއް ހުރިކަން އެމީހުންގެ ވާހަތަކުން އެނގެއެވެ. އެެހެންކަމުން ވިސާގެ މުއްދަތު ހަމަވެފައިވާ ބިދޭސީންވެސް އެމީހުންގެ އަތުގައި ޕާސްޕޯޓެއް ނުވަތަ އެފަދަ އެހެން ލިޔެކުޔުމެއް ނެތްއިރު، އެމީހުން ދަނީ ރަޖިސްޓްރީވުމަށް މި ލިބުނު ފުރުސަތުގެ ބޭނުން ހިފަމުންކަން އެނގެއެވެ. ސަބަބަކީ މި މީހުން ބުނާގޮތުގައި އެމީހުންނަކީ މާލެ ގެނައި އެޖެންޓްގެ މައުލޫމާތު ނޭނގި އަދި ވިސާ އާއި ހުއްދައަށް އެދުމުންވެސް އެތަކެތި ފޯރުކޮށްދީފައި ނުވާ މީހުންނެވެ.

"މިހިރީ ކާޑު ހައްދަން އައިސް، މާލޭގައި 5 އަހަރު، ކުރިންވެސް އިނގޭ ކާޑު ނެތްކަން، ޕާސްޕޯޓު އަތުގަ ނެތީ ކުންފުނި މީހާ ނެގީ، ކުރިން ބުނީމާ އޭނާ ނުދެނީ ޕާސްޕޯޓު" އެތަނުން ވާހަކަ ދެއްކި ބިދޭސީއަކު ބުންޏެވެ.

މި ބިދޭސީންގެ ތެރޭގައި ރާއްޖޭގައި އުޅޭތާ އެތައް އަހަރެއްވެފައިވާ ބިދޭސީން ތިބި އިރުވެސް އޭގެ ތެރޭގައިވެސް ވިސާ ހެއްދުމާއި ރާއްޖޭގައި ބިދޭސީން ތިބުމަށް ހެދިފައިވާ ގަވާއިދުތައް ރަނގަޅަށް ސާފުވެފައި ނުވާ ބިދޭސީން ތިބިކަންވެސް ފާހަގަވިއެވެ. އެގޮތުން ރާއްޖޭގައި ހުރުމަށް ވަކި ހުއްދައެއް ބޭނުންވާކަމާއި އެކަމަށް ވަކި ޚާއްސަ ލިޔެކިޔުންތަކެއް އޮންނަން ޖެހޭކަން ނޭނގޭ މީހުންވެސް މަދު ނޫންކަން ފާހަގަކުރެވުނެވެ.