މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އިން އިންޓަގްރޭޓެޑް ޓޫރިސްޓް ރަށެއްގެ ގޮތުގައި ތަރައްގީކުރަމުން އަންނަ ލ. ބަރެސްދޫ މަސްރޫއު ނިމޭއިރު އެތަނުގައި 3000 ޓޫރިސްޓު އެނދު ހިމެނޭނެކަމަށް އެމްއައިޓީޑީސީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރާއިދު ވިދާޅުވެއްޖެ އެެވެ.

ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހުގެ މުނާސަބަތުގައި ބުރާސްފަތި ދުވަހުގެރޭ ކޮރޮސްރޯޑްސް މޯލްޑިވްސްގައި ބޭއްވި ގާލާ ނައިޓްގައި ވާހަކަފުޅު ދައްކަވަމުން ރާއިދު ވިދާޅުވީ މާލަސްތަކެއްނުވެ މިސަރުކާރުން ފަށާނެ ފަތުރުވެރިކަމުގެ އެންމެ ބޮޑު މަޝްރޫއު ލ.ބަރެސްދޫގައި ފެށިގެންދާނެ ކަމަށެވެ. އަދި އެ މަޝްރޫއު އަކީ 3000 އެނދާއެކު ތަރައްގީކުރެވިގެންދާނެ ބޮޑު މަޝްރޫއެއް ކަމަށާއި، ބަރެސްދޫ ތަރައްގީކުރާނީ ކުޅިވަރު ޓީމްތައް ކޭންޕް ކުރުމަށާއި، މައިސް ފަތުރުވެރިކަންފަދަ ގިނަ ކަންތައްތަކަކަށް އިސްކަން ދީގެންކަމަށެވެ. ގުދުރަތީ ގޮތުން އުފެދިފައިވާ ބަރެސްދޫ އެއްވެސް ފަޅެއް ހިއްކުމެއްނެތި، ތަރައްގީކުރުމުން ލ އަތޮޅުގައި 4000 އަށް ވުރެ ގިނަ ވަޒީފާ އުފެދިގެންދާނެކަން ރާއިދު ފާހަގަކުރެއްވިއެވެ.

ލ. ބަރެސްދޫއަކީ އެތައް މިލިޔަން ބަޖެޓެއްގެ ދަށުން ހޮލީވުޑްގައި ޕްރޮޑިއުސް ކުރެވުނު ސްޓާވާސް ސީރީޒްގެ ފަހުގެ ފިލްމުގެ ރޯގްވަންގެ ބޮޑުބައެއް ކުޅެފައިވާ ރަށަކަށް ވާތީ، ދުނިޔޭގައި ތިބި ސްޓާވާސް ގެ އެތައް މިލިޔަން ފޭނުންނަށް އަމާޒުކޮށްގެން ކަންތައްތަކެއް ބަރެސްދޫގައި ތަރައްގީކުރެވިގެންދާނެކަމަށްވެސް ރާއިދު ވިދާޅުވިއެވެ.

ބަރެސްދޫފަދަ ބޮޑު މަޝްރޫއު އެއް ހިންގަން ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިވާކަން ފާހަގަކުރައްވައި ރާއިދު ވިދާޅުވީ ގޮންޖެހުންތަކެއް ހުރި ނަމަވެސް ރައީސުލްޖުމްހޫރިއްޔާގެ ޓީމާއެކު ވަރަށް ގިނަ މަސައްކަތްތަކެއް ކޮށް ސަރުކާރަށް އެއްވެސް ބުރައެއް ކުރިމަތި ނުވާނެފަދަ އުސޫލަކުން އެ މަސައްކަތް ހަވާލުކުރާ ކުންފުނީގެ ހަރަދުގައި ބަރެސްދޫ ތަރައްގީކުރުމުގެ އެންމެފަހުގެ ދިރާސާތައް ކުރަމުންގެންދާމަށެވެ. ލޯކަލް ޓްއަރިޒަމް އިތުރަށް ފުޅާކުރުމުގެ ގޮތުން ގެސްޓުހައުސް އިތުރުކޮށް ސިޓީ ހޮޓަލާއި، ބުޓީކް ހޮޓެލް އަދި ހޯމް ސްޓޭ ތާރަފްކުރުމަކީ މި ސަރުކާރުގެ އެއް ވައުދުކަންވެސް ރާއިދު ފާހަގަކުރެއްވިއެވެ.

"ފަތުރުވެރިކަން މިހާރަށްވުރެ ބޮޑަށް ފުޅާކުރުމުގެ ގޮތުން ޓޫރިޒަމް ދާއިރާ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޕްރޮމޯޓްކޮށް، ކަލްޗަރ ޓުއަރިޒް، މެޑިކަލް ޓުއަރިޒަމް، އިސްލާމިކް ޓުއަރިޒަމް އަދި ސްޕޯޓްސް ޓުއަރިޒަމް ފަދަ އެކިއެކި ބާވަތްތަށް ތާރަފްކޮށް ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއް ހިމެނޭގޮތަށް ސަރުކާރުގެ ފަސް އަހަރު ނިމިގެންދާއިރު، 35000 އެނދު ތަރައްގީކޮށް، 60،000 އާ ވަޒީފާ އުފެދިގެން ދިއުމަކީ ސަރުކާރުގެ އެއް ވައުދު" ރާއިދު ފާހަގަކުރެއްވިއެވެ.

ރާއިދު ފާހަގަކުރެއްވިގޮތުގައި އެމްއައިޓީޑީސީގެ އެންމެ ބޮޑު އަމާޒަކީ މީހުން ދިރިއުޅޭ ރަށްރަށުގައި ހަލުވިކަމާއެކު ތަރައްގީކުރެވޭ ގެސްޓުހައުސްތަަކަށް ކޮންމެހެން ބޭނުންވާ އިތުރު ހިދުމަތްތަށް، ޤާއިމްކުރުމެވެ.

"ޑައިން ސެންޓަރ، ވޯޓަރ ސްޕޯޓްސް، ސްޕާ، ރެސްޓޯރަންޓް ފަދަ ހިދުމަތްތައް ގާއިމްކޮށް ރައްޔިތުންނަށް ހެޔިއަގުގައި މިތަންތަން ކުއްޔައްދީގެން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ފަތުރުވެރިކަމުގެ ދާއިރާއިން ފުރުސަތުތައް ތަނަވަސްކޮށްދީ މިމަސައްކަތްތައް ކުރިޔަށް ގެންދިއުން" ރާއިދު ވިދާޅުވިއެވެ.

ގާތްގަނޑަކަށް 75 ހެކްޓަރުގެ ލ. ބަރެސްދޫގައި ތަރައްގީކުރަން ނިމިދިޔަ ސަރުކާރުން ނިންމާފައި އޮތީ 25 އެނދުން ފެށިގެން 50 އެނދާ ދެމެދުގެ 50 ވަރަކަށް ގެސްޓްހައުސް އާއި 100 އެނދުގެ ބޮޑު ދެ ހޮޓަލެވެ. މި ރަށް ތަރައްގީކޮށް ނިންމަން އޭރު ކަނޑައަޅާފައި ވަނީ 18 މަސް ދުވަހުގެ ތެރޭގަ އެވެ. ނަމަވެސް، 2016 ގައި ފެށި އެ މަޝްރޫގެ އަމަލީ އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެ އެވެ.

އެމްއައިޓީޑީސީ އުފައްދާފައި ވަނީ މެދުފަންތީގެ ޓޫރިޒަމް ރާއްޖެއަށް ތައާރަފުކޮށް ހިންގުމުގެ މަގުސަދުގައެވެ. މި ސަރުކާރުން ހަވާލުވިއިރު އެ ކުންފުނި އޮތީ 25 މިލިޔަން ރުފިޔާއިން ދަރަނިވެރިވެފައި ކަމަށް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރާއިދު ވަނީ ވިދާޅުވެފައެވެ. ނަމަވެސް ކުންފުނިން ކުރިއަށްއޮތް ތަނުގައި ރައްްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތައް ފޮރުކޮށްދޭނެކަމުގެ ޔަގީންކަން އެ ކުންފުނިންދެއެވެ.