އިރާގު ސަރުކާރާ ދެކޮޅަށް ވެރިރަށް ބަޣުދާދާއި، އެހެން ރަށްތަކުގައި އެގައުމުގެ އާންމުން ކުރަމުންދާ މުޒާހަރާގެ ތެރޭގައި މަރުވި މީހުންގެ އަދަދު 93 އަށް އަރައިފިއެވެ.

މަރުވި މީހުންގެ ތެރޭގައި އިރާގުގެ ސަލާމަތީ ފައުޖުތަކުގެ ހަ މެމްބަރުންވެސް ހިމެނެއެވެ.

މުޒާހަރާތައް ފެށުނުތާ މިއަދަށް ފަސްދުވަސް ވެގެންދިޔައިރު، ސަލާމަތީ ބާރުތަކާއި އާންމުންނާ ދެމެދު ހިނގަމުންދާ ވަރުގަދަ ކުރިމަތިލުންތަކުގައި މިހާތަނަށް ޒަޚަމްވި މީހުންގެ އަދަދު ހަތަރު ހާހާ ގާތްކޮށްފައިވާ ކަމަށް، އިރާގު ޕާލަމެންޓްގެ ހިއުމަން ރައިޓްސް ކޮމިޝަނުން ބުނެފައި ވެއެވެ.

ވެރިރާގުގެ ދެކުނުގެ ސިޓީއެއް ކަމަށްވާ ނާސިރިއްޔާގެ އިތުރުން، ވެރިރަށް ބަޣުދާދާއި އެހެން ސިޓީތަކުގައި އިއްޔެކުރި ވަރުގަދަ މުޒާހަރާގެ ތެރެއަށް ސަލާމަތީ ބާރުތަކުން ބަޑިޖެހުމުގެ ސަބަބުން އާންމުންގެ 44 މީހުން މަރުވިއެވެ. އެ އަދަދު މިއަދުގެ ކުރިމަތިލުންތަކާއެކު މިވަނީ އިތުރުވެގެން ގޮސްފައެވެ.

އިރާގުގެ ސަލާމަތީ ބާރުތަކުން މިހާތަނަށް 540 މީހުން ހައްޔަރުކޮށްފައިވާ ކަމަށް އިރާގުގެ ހިއުމަން ރައިޓްސް ކޮމިޝަނުން ބުނެއެވެ.

އިރާގުގެ ބޮޑުވަޒީރު އާދިލް އަބްދުލް މަހްދީ މިއަދުވަނީ ވެރިރަށް ބަޣުދާދުގައި އިޢްލާންކޮށްފައިވާ ކާފިއު އުވާލައްވާފައެވެ.

އެހެން ނަމަވެސް، ރަޔަޓް ފުލުހުން މިހާރުވެސް ތިބީ ބަޣުދާދުގެ މެދުތެރޭގައި އޮންނަ ތަހްރީރު މައިދާން ބްލޮކް ކޮށްގެންނެވެ. މިހާރު ކުރިއަށްދާ މުޒާހަރާގައި އެންމެ ހޫނު ސަރަހައްދަކީވެސް ތަހްރީރު މައިދާނެވެ.

ކާފިއު އުވާލުމާއެކު ބަޣުދާދުގެ އާންމުން ވިޔަފާރިކުރުމާއިގެން މަގުތައް ފުރާލިއެވެ. މުޒާހަރާތައް ފެށުނުފަހުން ތަކެތީގެ އަގުތައްވެސް ދެގުނަ ބޮޑުވެފައިވާ ކަމަށް އިރާގުގެ މީޑިއާއިން ބުނެއެވެ.

ފާއިތުވެދިޔަ ހަތަރު ދުވަހު އާންމުންނާއި ސަލާމަތީ ބާރުތަކާ ދެމެދު ހިނގި ވަރުގަދަ ކުރިމަތިލުންތަކުގައި، މުޒާހަރާގެ ބައިވެރިން މަގުތަކުގައި އަންދާފައިވާ ޓައިރުތަކާއި، އަޅާފައިވާ ކުނިބުނިތައް ނަގައި ސާފުކުރުމުގެ މަސައްކަތް ކުނިކަހާ މީހުން މިއަދު ވަނީ ފަށާފައެވެ.

އެހެން ނަމަވެސް، މުޒާހަރާތައް އަދި ނިމުނީ ނޫން ކަމަށާއި، ދިރިއުޅުމުގެ ހާލަތު ރަނގަޅުވަންދެން މުޒާހަރާތައް ކުރިއަށް ދާނޭ ކަމަށް ވެއެވެ.

މިދިޔަ އަންގާރަ ދުވަހުން ފެށިގެން އިރާގުގެ ވެރިރަށް ބަޣުދާދާއި، އިރާގުގެ އެހެން ރަށްތަކުގެ މަގުތަކަށް އާންމުން، ޚާއްސަކޮށް ޒުވާނުން ނުކުމެ މުޒާހަރާ ކުރަމުންދަނީ ސަރުކާރުގެ ތެރޭގައި ކޮރަޕްޝަން އާންމުވުމާއި، ވަޒީފާ ނެތުމާއި، ރައްޔިތުންނަށް ދޭންޖެހޭ އަސާސީ ޚިދުމަތްތައް ކަމަށްވާ ކަރަންޓާއި ބޯފެނުގެ ޚިދުމަތުގެ ފެންވަރު ދަށްވެގެން އެކަމާ ނުރުހުން ފާޅުކުރުމުގެ ގޮތުންނެވެ.

އާންމުން މުޒާހަރާ ކުރަމުންދާ މައްސަލާގައި އިރާގުގެ ޝީޢީންގެ އިސް ލީޑަރެއް ކަމަށްވާ މުގްތަދާ އައްސަދުރްވަނީ، ސަރުކާރު އިސްތިއުފާދީ އަވަސް އިންތިޚާބަކަށް ގޮވާލައްވާފައެވެ. އިރާގު ޕާލަމެންޓްގެ ގިނަ ގޮނޑި ހިއްސާކުރަނީ ސަދްރްގެ ކޯލިޝަނުންނެވެ.

އޭނާވަނީ، މުޒާހަރާގެ ބައިވެރިންގެ ގޮވާލުންތަކަށް ސަރުކާރުން އިޖާބަ ދެންދެން، ޕާލަމެންޓްގެ ޖަލްސާތައް ބޮއިކޮޓް ކުރުމަށް މެމްބަރުންނަށް ގޮވާލައްވާފައެވެ.