އިންޑިއާއިން ހިފާފައިވާ ކަޝްމީރުގެ ފަޅި، އިންޑިއާގެ ކިބައިން މިނިވަން ކުރުމަށް މަސައްކަތްކުރާ ޖައްމޫ އެންޑް ކަޝްމީރު ލިބަރޭޝަން ފްރަންޓް، ޖޭކޭއެލްއެފްއަށް ތާއީދުކުރާ އެތައްހާސް ބަޔަކު ކަޝްމީރުގެ ޕާކިސްތާނު ފަޅިން ބިޔަ ހިނގާލުމެއް ފަށައިފިއެވެ.

އެމީހުންގެ މިސްރާބު ހުރީ، ޕާކިސްތާނާއި އިންޑިއާއާ ދެމެދު ކަޝްމީރު ބައިކުރާ އިން ނުވަތަ ލައިން އޮފް ކޮންޓްރޯލާ ދިމާއަށް ކަމަށް ވެއެވެ.

ކަޝްމީރުގެ ޕާކިސްތާނު ފަޅިއާއި އިންޑިއާ ފަޅީގައިވެސް ޖައްމޫ އެންޑް ކަޝްމީރު ލިބަރޭޝަން ފްރަންޓަށް ތާއީދުކުރާ އެތައްހާސް ބަޔަކު ތިބެއެވެ.

އެ ޖަމާއަތަށް ތާއީދުކުރާ މީހުން ޕާކިސްތާނު ފަޅިން ހިނގާލުމެއް މި ފެށީ، އިންޑިއާއިން ވެރިކަންކުރާ ކަޝްމީރު ފަޅީގެ ރައްޔިތުން ބަންދުކޮށް، އެމީހުންނަށް ޖައްސާފައިވާ ނިކަމެތި ހާލާ ދެކޮޅު ހެދުމުގެ ގޮތުން ކަމަށް ވެއެވެ

ހިނގާލުމުގެ ބައިވެރިންގެ މިސްރާބުހުރީ، ކަޝްމީރު ބައިކުރާ އިން ހުރަސްކޮށް އިންޑިއާއިން ވެރިކަންކުރާ ޖައްމޫ އެންޑް ކަޝްމީރުގެ ވެރިކަންކުރާ ޝްރީނަގަރާ ހަމައަށް ދިއުމަށް ކަމަށް ރިޕޯޓްތައް ބުނެއެވެ.

އެކަމަކު، ޖައްމޫ އެންޑް ކަޝްމީރަށް ދީފައިއޮތް ޒާތީ މިނިވަންކަން ނިގުޅައިގަނެ، އިންޓަރނެޓާއި މުއާސަލާތީ ޚިދުމަތް ކަނޑާލައި، ކާފިއު ހިންގައި، އިންޑިއާއިން މުޅި ސިޓީ ބަންދުކޮށްފައި އޮންނަތާ ދެމަސް ވެއްޖެއެވެ.

ޖައްމޫ އެންޑް ކަޝްމީރު ލިބަރޭޝަން ފްރަންޓްގެ ސަޕޯޓަރުން ސަރަހައްދީ އިމާ ދިމާއަށް މިސްރާބު ޖަހާފައިވާ މައްސަލާގައި ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އިމްރާން ޚާން ވަނީ ލައިން އޮފް ކޮންޓްރޯލް ހުރަސްކޮށް އިންޑިއާ ފަޅީގެ ތެރެއަށް ނުވަނުމަށް ގޮވާލައްވާފައެވެ.

"ޖައްމޫ އެންޑް ކަޝްމީރުގައި ލާއިންސާނީގޮތުން ކާފިއު ހިންގާފައި އޮންނަތާ ދެމަސްވެފައި ވާއިރު، އަޅުގަނޑަށް އެނގޭ އެމީހުންގެ ހާލަތާމެދު ކަޝްމީރުގެ ރައްޔިތުން ކުރާނެ އިހްސާސް. އެކަމަކު އިންސާނީ އެހީ ދިނުމަށްވެސް އަދި ކަޝްމީރު ރައްޔިތުންނަށް ތާއީދު ކުރުމުގެގޮތުންވެސް އެއްވެސް މީހަކު ލައިން އޮފް ކޮންޓްރޯލް ހުރަސްކޮށްފިނަމަ އެމީހަކު ކުރިމަތިލާންޖެހޭނީ އިންޑިއާއާކަން ދަންނަންޖެހޭނެ" ޕާކިސްތާނުގެ ބޮޑުވަޒީރު ވިދާޅުވެފައި ވެއެވެ.

އަނެއްކޮޅުން، ޖައްމޫ އެންޑް ކަޝްމީރުގައި މިއަދު ބޮމެއް ގޮވައި އާންމުންގެ ދިހަމީހުން ޒަޚަމްވެފައި ވެއެވެ. ޒަޚަމްވި މީހުންގެ ތެރޭގައި ޓްރެފިކް ޕޮލިހަކާއި، ނޫސްވެރިޔަކު ހިމެނޭ ކަމަށް ފުލުހުން ބުނެފައި ވެއެވެ.

އިންޑިއާއިން ވެރިކަންކުރާ ކަޝްމީރު ފަޅީގެ ރައްޔިތުންނަށް ޖައްސާފައިވާ ނިކަމެތި ހާލަށް ނިމުން ގެނައުމަށް އެމެރިކާގެ ފޮރިން ރިލޭޝަންސް ކޮމިޓީންވެސް މިހާރުވަނީ އިންޑިއާއަށް ގޮވާލާފައެވެ. އެގޮތުން، މުވާސަލާތީ ޚިދުމަތާއި، އިންޓަރނެޓްގެ ޚިދުމަތް ގާއިމްކޮށް، ބަންދުތަކާއި، ކާފިއުތައް އުވާލުމަށްވެސް އިންޑިއާ ސަރުކާރަށް ގޮވާލާފައި ވެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ޓީމެއް މި ހަފްތާގައި އިންޑިއާއަށް ގޮސްފައިވެސް ވެއެވެ. އެހެން ނަމަވެސް، އެ ޓީމަށް އިންޑިއާއިން ވެރިކަންކުރާ ކަޝްމީރު ފަޅީގެ ވެރިރަށް ޝްރީނަގަރަށް ދިއުމަށް އިންޑިއާ ސަރުކާރުން ހުއްދައެއް ނުދިނެވެ.