ރާއްޖޭގައި މިވަގުތު ތިބި އެންމެ ފާހަގަކޮށްލެވޭ އެތުލީޓުންނަށް ދައުވަތުދީގެން އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ކުރިއަށްގެންދިޔަ ދެވަނަ ގައުމީ ގްރޯން ޕްރީ އެތުލެޓިކްސް މުބާރާތުގެ އެންމެ މޮޅު ފިރިހެން އެތުލީޓަކަށް ހުސެއިން ފަޒީލް ހާރޫން ހޮވުނުއިރު، އެންމެ މޮޅު އަންހެން އެތުލީޓަކަށް އައިޝަތު ހިމްނާ ހަސަން ހޮވިއްޖެ އެވެ.

މި މުބާރާތުގައި ކުރިއަށް ގެންދިޔައީ ދުވުމުގެ 100 މީޓަރު، 200 މީޓަރު، 400 މީޓަރު، 800 މީޓަރު، 1500 މީޓަރު އަދި 3000 މީޓަރު ރޭހާއި ލޯންގް ޖަމްޕެވެ. ކޮންމެ އިވެންޓެއްގައި ދެ ޖިންސުން ވަކިވަކިން ރޭސްތައް ވަނީ ކުރިއަށް ގެންގޮސްފައެވެ.

ހުކުރު ދުވަހާއި ހޮނިހިރު ދުވަހު ކުރިއަށްދިޔަ މި މުބާރާތުގެ އެންމެ މޮޅު ފިރިހެން އެތުލީޓުގެ މަގާމު ހޯދި ފަޒީލް ވަނީ މިއަދު ކުރިއަށްދިޔަ ފިރިހެނުންގެ 3000 މީޓަރު ދުވުމުން ރަން މެޑަލް ހޯދުމުގެ އިތުރަށް، މި ބައިގެ ގައުމީ ރިކޯޑުވެސް އާކޮށްފައެވެ. އޭނާ ގައުމީ ރެކޯޑް އާކުރީ 9 މިނެޓު 11.44 ސިކުންތުން ރޭސް ނިންމައިގެންނެވެ. މީގެ ކުރިންވެސް މި ރިކޯޑް އޮތީ އޭނާގެ އަތުގައެވެ. އެއީ މިދިޔަ އަހަރު އޮތް ގްރޯން ޕްރީ މުބާރާތުގައި 9 މިނެޓު 29.21 ސިކުންތުން ރޭސް ނިންމައިގެންނެވެ.

މިއަދު ކުރިއަށްދިޔަ ފިރިހެނުންގެ 3000 މީޓަރު ދުވުމުން ރިހި މެޑަލް ހޯދީ މުހައްމަދު ރަޝީދެވެ. އޭނާ ރޭސް ނިންމީ 9 މިނެޓު 12.05 ސިކުންތުންނެވެ. އަދި ލޯ މެޑަލް ހޯދި އައިމަން ޚާލިދު ރޭސް ނިންމީ 10 މިނެޓު 14.63 ސިކުންތުންނެވެ.

މި މުބާރާތުގެ އެންމެ މޮޅު އަންހެން އެތުލީޓުގެ މަގާމު ހޯދި އައިޝަތު ހިމްނާ ހަސަން ވަނީ ތިން ރަން މެޑަލް ހޯދާފައެވެ. އިއްޔެ ހިމްނާ ވަނީ އަންހެނުންގެ 100 މީޓަރު ދުވުމާއި އަންހެނުންގެ 400 މީޓަރު ދުވުމުން ރަން މެޑަލް ހޯދާފައެވެ. މިއަދު އޮތް އަންހެނުންގެ 200 މީޓަރު ދުވުމުން ހިމްނާ ރަން މެޑަލް ހޯދީ 26.09 ސިކުންތުން ރޭސް ނިންމައިގެންނެވެ.

އަންހެނުންގެ 200 މީޓަރު ދުވުމުން ރިހި މެޑަލް ހޯދީ ނަޝާ ނިޒާރެވެ. އޭނާ ރިހި މެޑަލް ހޯދީ 27.40 ސިކުންތުން ރޭސް ނިންމައިގެންނެވެ. އަދި ލޯ މެޑަލް ހޯދި ރިފާ މުހައްމަދު ރޭސް ނިންމީ 28.06 ސިކުންތުންނެވެ.

މިފަހަރުގެ މުބާރާތުގައި ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއި ވަނީ 3 ރަން މެޑަލް ހޯދާފައެވެ. އެއީ ފިރިހެނުންގެ 100 މީޓަރު، 200 މީޓަރު އަދި 400 މީޓަރު ދުވުމުންނެވެ. މިއަދު ކުރިއަށްދިޔަ ފިރިހެނުންގެ 200 މީޓަރު ދުވުން ސާއިދު ނިންމާފައިވަނީ 22.68 ސިކުންތުންނެވެ. މި ބައިން ރިހި މެޑަލް ހޯދީ އިބްރާހީމް އަޝްފާން އަލީ އެވެ. އަދި ލޯ މެޑަލް ހޯދީ އިބާދުﷲ އާދަމެވެ.

މީގެ އިތުރުން ފިރިހެނުންގެ 800 މީޓަރު ދުވުމުން ހަސަން ރިޒާ ރަން މެޑަލް ހޯދިއިރު، އަންހެނުންގެ 800 މީޓަރު ދުވުމުން ރަން މެޑަލް ހޯދީ އާމިނަތު ޖައިޝާ ޖުނީޒް އެވެ.