އުރީދޫ މޯލްޑިވްސްއިން ތަފާތު ކުލަތަކާއި އެކު ބާއްވާ އުރީދޫ ކަލަރ ރަން އަންނަ ނޮވެމްބަރ މަހުގެ 29 ވަނަ ދުވަހު ބާއްވަން ނިންމައިފި އެވެ.

އުރީދޫއިން ބުނީ 2017 ވަނަ އަހަރު ބާއްވަންފެށި އުރީދޫ ކަލަރ ރަންގެ އަމާޒަކީ، ދުޅަހެޔޮ ދިރިއުޅުމަކަށް ދުވުމަކީ ސިއްހަތަށް ފައިދާހުރި އަދި މަޖާ ހަރަކާތެއްކަން އަންގައިދިނުން ކަމަށެވެ.

އުރީދޫ ކަލަރ ރަންގެ ރަޖިސްޓްރޭޝަން މިހާރު ވަނީ ހުޅުވާލެވިފައެވެ. މިއަހަރު ރަޖިސްޓްރޭޝަން ކުރިއަށްދަނީ އުރީދޫ އެޕްލިކޭޝަން މެދުވެރިކޮށެވެ. މިގޮތުން،ބައިވެރިންގެ ކިޓުތައް ރާއްޖޭގެ ކޮންމެ ހިސާބަކަށްވެސް ހިލޭ ޑެލިވަރ ކޮށްދޭނެ ކަމަށް އުރީދޫން ބުނެއެވެ.

ތަފާތު ފޯރިގަދަ ހަރަކާތްތަކެއް ހިމެނޭ 5 ކިލޯމީޓަރުގެ މި ކުރު ދުވުމަކީ އަލަށް ދުވާ ފަރާތްތަކާއި އާންމުކޮށް ދުވާ ފަރާތްތަކަށްވެސް ބައިވެރިވެވޭފަދަ މަޖާ އިވެންޓެކެވެ. އުރީދޫ ކަލަރ ރަންގައި ކޮންމެ ކިލޯމީޓަރަކަށް ދުވެ ނިމުމުން، ބެހެއްޓިފައިވާ ކުލަ ސްޓޭޝަންތަކުން، ކުލަގަދަ ގޮތެއްގައި އެކަން ފާހަގަ ކުރުަމށް ހަމަޖެހިފައިވާއިރު، ކުލަ ސްޓޭޝަންތަކުގައި ރާއްޖޭގެ ހުނަރުވެރި މިޔުޒިކީ ފަންނާނުންގެ މިއުޒިކް އަޑުއިވިގެންދާނެ ކަމަށް އުރީދީއިން މައުލޫމާތުދެއެވެ. އުރީދޫ ކަލަރ ރަންގެ ފޯރި އިތުރަށް ގަދަކުރުމަށްޓަކައި ދުވުން ނިމުމުން އެންމެ އެންޓަރޓެއިނިންގ ދުވުންތެރިޔާ އަދި އެންމެ ފެންސީ އަންހެން އަދި ފިރިހެން ދުވުންތެރިޔާ ފަދަ މަޖާ އިނާމުތައް ހޮވުމަށް ވަނީ ހަމަޖެހިފައެވެ.

ތަޖުރިބާކާރު ދުވުންތެރިންނާއި، ދުވުމަށް ޝައުގުވެރިވާ ބޭފުޅުން، އަދި އާއިލާ އާއި ރައްޓެހިންނާއި އެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލަން ބޭނުންވާ އެންމެހާ ބޭފުޅުންނަށް ވެސް އުރީދޫ ކަލަރ ރަން ގައި ބައިވެރިވުމަށް އުރީދޫން ވަނީ ދައުވަތު އަރުވާފައެވެ.