ދީނަށް ފުރައްސާރަކުރާ ފަރާތްތައް ހުއްޓުވުމަށް ދީނީ އެއްބަައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވުމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ނިންމަވައިފި އެވެ.

އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލު އިސްމާއިލް އަފްރާހު ވީ ނިއުސްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ދީނަށް ފުރައްސާރަ ކުރާ މައްސަލައިގައި ޤާނޫނީގޮތުން ކުރެވެން ހުރި ހުރިހާ ކަމެއް ކުރައްވާނެކަމަށް އިސްލާމިކް މިނިސްޓަރ ވިދާޅުވެފައިވާ ކަމަށެވެ.

"އަދި ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރާ ޤާނޫނަށް އިސްލާހު ހުށަހެޅުމަށް ބިލް ޑްރާފްޓް ކުރައްވާނެކަމަށް މިނިސްޓަރ ވިދާޅުވި." އަފްރާހް ވިދާޅުވި އެވެ.

ބިލް ޑްރާފްޓްކޮށް މަޖިލީހަށް ހުށަހަޅާނެ ތާރީޚަކާ ބެހޭގޮތުން ސުވާލު ދެންނެވުމުން އަފްރާހް ވިދާޅުވީ ތަފްސީލްތައް ހާމަކުރުމަށް ތައްޔާރުވަމުންދާ ކަމަށެވެ.

އިސްލާމް ދީނަށް ފުރައްސާރަ ކުރުމާ ދެކޮޅަށް ގާނޫނަށް އިސްލާހު ގެނައުމުގެ މަސައްކަތް މިފެށީ މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓެއްގައި، ކީރިތި ރަސޫލާ ޞައްލަﷲ އަލައިހިވަޞައްލަމް އަށާއި އިސްލާމް ދީނަށް ފުރައްސާރަވާ ގޮތަށް ލިޔެފައިވާތީ ގިނަބަޔަކު އެކަމާ ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށެވެ.

އެކަމާގުޅިގެން މިއަދު އިސްލާމިކް މިނިސްޓަރ ވަނީ ރާއްޖޭގެ ދީނީ އިލްމުވެރިންނާއެކު ބައްދަލުވުމެއް ބާއްވާ އިލްމުވެރިންގެ ކަންބޮޑުވުންތައް ހިއްސާކޮށް، ދީނަށް ފުރައްސާރަކުރުން ހުއްޓުވުމާ ބެހޭގޮތުން މަޝްވަރާ ކުރައްވާފައެވެ.

"ޕްރިލިމިނަރީ އެސްސެމެންޓް އޮން ރެޑިކަލައިޒެޝަން އިން ދަ މޯލްޑިވްސް" ގެ ނަމުގައި އެމްޑީއެން އިން ނެރުނު ރިޕޯޓުގައި، އިސްލާމްދީނާ ދެކޮޅު ވާހަކަތަކެއް ލިޔެފައިވެއެވެ. އެގޮތުން، ރާއްޖޭގެ ތައުލީމީ ނިޒާމުގައި ކިޔަވައިދޭ ފޮތްތަކުގައި ހަރުކަށި ވިސްނުމަށް ބާރުއަޅާ ވާހަކަ ހުރި ކަމަށް ބުނެ، ކީރިތި ޤުރުއާނުގެ ނައްސުން އައިސްފައިވާ ބައެެއް ކަންތައްތަކާއި ހަދީސްތަކުގައިވާ ބައެއް ކަންކަން ރިޕޯޓުގައި ފާހަގަކޮށްފައި ވެއެވެ.

އެގޮތުން އެރިޕޯޓްގައި ދީނާ ޚިލާފަށް ފާހަގަކޮށްފައިވާ އެއްކަމެއްގައި ބުނެފައިވަނީ، މުޙަންމަދު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އިސްރާ އާއި މިއުރާޖްގެ ދަތުރުފުޅު ސައިންޓިފިކް ގޮތުން ގަބޫލު ނުކުރެވޭ ކަމަށެވެ.

މިރިޕޯޓްގެ މައްސަލަ ތަހުގީގު ކޮށްދިނުމަށް އެދި އިސްލާމިކް އެފެއާޒް މިނިސްޓްރީން ފުލުހުންނަށް ވަނީ ހުށަހަޅާފައެވެ. މައްސަލަ ހޫނުވުމުން އެމްޑީއެންއިން ވަނީ އެ ޖަމިއްޔާގެ ވެބްސައިޓުން ރިޕޯޓް ނަގައި، މައާފަށް އެދިފައެވެ.

މިރިޕޯޓާ ގުޅިގެން ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިޔާގައި މިކަން ކުށްވެރިކޮށް މިމައްސަލަ ބެލުމަށް ގޮވާލަމުންނެވެ. އެގޮތުން ހޭޝްޓެގް ބޭންއެމްޑީއެން ބޭނުންކޮށްގެން ގިނަ ބަޔަކު އަންނަނީ އެމީހުންގެ ޝުޢޫރު ފާޅުކުރަމުންނެވެ. އޭގެެތެރޭގައި އާންމު ރައްޔިތުންނާއި ދީނީ ޢިލްމުވެރިންނާއި ސިޔާސީ ބޭފުޅުންވެސް ހިމެނެއެވެ.

އަދި މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓެއްގައި ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އާއި އިސްލާމްދީނަށް ފުރައްސާރަ ކޮށްފައިވާތީ އެޖަމިއްޔާ އުވާލުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހަށް ގޮވާލާ ޕެޓިޝަނެއްގައި ސޮއިކުރަން ވެސް ވަނީ ފަށާފައެވެ.