މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓުގައި އިސްލާމް ދީނަށް ފުރައްސާރަކޮށް ވާހަކަތަކެއް ލިޔުނު މައްސަލަ ބަލައި ފުރިހަމަ ތަހުގީގެއް ކުރާނެ ކަމަށް ފުލުހުން ބުނެފިއެވެ.

އިސްލާމްދީނަށާއި ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމް އަށް ފުރައްސާރަކޮށް އެމްޑީއެން އިން ނެރެފައިވާ ރިޕޯޓާއި ގުޅިގެން އެމްޑީއެން އާއި ދެކޮޅަށް ފިޔަވަޅު އެޅުމަށްގޮވާލާ އެތައް ބަޔަކު އަޑުއުފުލަމުން ދަނިކޮށް ފުލުހުން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ، އިސްލާމް ދީނަށް ތައުހީނު ކުރުމުގެ ނިޔަތުގައި ދީނަށް ފާޑުކިޔުމާއި އިސްލާމީ އަގީދާ އާއި ދީނުގެ އަސާސްތަކަށް ފާޑުކިޔުމާއި ކީރިތި ރަސޫލާއަށް ފުރައްސާރަ ކުރުން ފަދަ އިސްލާމް ދީނާ އިދިކޮޅު އަމަލުތައް ފުލުހުން ވަރަށް ސީރިއަސް ކަމާއެކު ބަލާނެ ކަމަށެވެ. އަދި މިމައްސަލައިގައި ފުރިހަމަ ތަހުގީގެއް ހިންގައި ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ފުލުހުންގެ ބަޔާނުގައި ބުނެފައި ވެއެވެ.

ފުލުހުން ބުނީ އެމްޑީއެންގެ ރިޕޯޓުގައި އިސްލާމް ދީނާ ހިލާފު ވާހަކަތަކާއި ދީނާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ކީރިތި ގުރުއާނާއި ރަސޫލާގެ ހަދީޡްފުޅުތަކަށް ފާޑުކީ މައްސަލައެއް އާންމު ފަރާތަކުން މިދިޔަ ބުރާސްފަތި ދުވަހު ފުލުހުންނަށް ހުށަހެޅި ކަމަށެވެ. އަދި އެކަމުގެ ތަހުގީގު ފަށައި މައުލޫމާތު ސާފު ކުރަމުން ދަނިކޮށް ހަމަ އެދުވަހު އިސްލާމިކް މިނިސްޓްރީން ވެސް މައްސަލަ ހުށަހެޅި ކަމަށެވެ.

އެމްޑީއެންއާ ގުޅޭ ޝަކުވާތައް ފުލުހުންނަށް ހުށަހެޅިފައިވާކަން ކަމާބެހޭ އިދާރާތަކާ ހިއްސާކޮށްފައި ވާނެ ކަމަށްވެސް ފުލުހުންގެ ބަޔާނުގައި ބުނެފައިވެ އެވެ.

މުޖުތަމައުގެ ހަމަޖެހުމާއި ސުލްހަމަސަލަސްކަމަށް ބުރޫއަރާ ފަދަ ކަމެއް އެއްވެސް ފަރާތަކުން ނުކުރުމަށްވެސް ފުލުހުންގެ ނޫސްބަޔާނުގައި އިލްތިމާސްކޮށްފައި ވެއެވެ.

ހާއްސަކޮށް ރައްޔިތުންގެ ތެރޭގައި ފިތުނަ ފަސާދަ އާއި ބައިބައިވުމާއި ނަފްރަތު އުފެދޭ ފަދަ ވާހަކަތައް އެއްވެސް މީހަކު ނުފެތުރުމަށާއި ރައްޔިތުންގެ ދީނީ އަދި ގައުމީ ވަހްދަތާއި އެއްބައިވަންތަކަން ގެއްލޭ ފަދަ އެއްވެސް އަމަލެއް ނުހިންގުމަށް ވެސް ފުލުހުން ވަނީ އެދިފައެވެ. މިފަދަ އަމަލުތައް ހިންގާނަމަ، ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅު އެޅުމުގައި ފަސް ނުޖެހޭނެ ކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.

"ޕްރިލިމިނަރީ އެސްސެމެންޓް އޮން ރެޑިކަލައިޒެޝަން އިން ދަ މޯލްޑިވްސް" ގެ ނަމުގައި އެމްޑީއެން އިން ނެރުނު ރިޕޯޓުގައި، އިސްލާމްދީނާ ދެކޮޅު ވާހަކަތަކެއް ލިޔެފައިވެއެވެ. އެގޮތުން، ރާއްޖޭގެ ތައުލީމީ ނިޒާމުގައި ކިޔަވައިދޭ ފޮތްތަކުގައި ހަރުކަށި ވިސްނުމަށް ބާރުއަޅާ ވާހަކަ ހުރި ކަމަށް ބުނެ، ކީރިތި ޤުރުއާނުގެ ނައްސުން އައިސްފައިވާ ބައެެއް ކަންތައްތަކާއި ހަދީސްތަކުގައިވާ ބައެއް ކަންކަން ރިޕޯޓުގައި ފާހަގަކޮށްފައި ވެއެވެ.

މިރިޕޯޓާ ގުޅިގެން ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިޔާގައި މިކަން ކުށްވެރިކޮށް މިމައްސަލަ ބެލުމަށް ގޮވާލަމުންނެވެ. އެގޮތުން ހޭޝްޓެގް ބޭންއެމްޑީއެން ބޭނުންކޮށްގެން ގިނަ ބަޔަކު އަންނަނީ އެމީހުންގެ ޝުޢޫރު ފާޅުކުރަމުންނެވެ. އޭގެެތެރޭގައި އާންމު ރައްޔިތުންނާއި ދީނީ ޢިލްމުވެރިންނާއި ސިޔާސީ ބޭފުޅުންވެސް ހިމެނެއެވެ.

އަދި މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓެއްގައި ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އާއި އިސްލާމްދީނަށް ފުރައްސާރަ ކޮށްފައިވާތީ އެޖަމިއްޔާ އުވާލުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހަށް ގޮވާލާ ޕެޓިޝަނެއްގައި ސޮއިކުރަން ވެސް ވަނީ ފަށާފައެވެ.