މާލެ ސިޓީގައި ބަހައްޓައިގެން ބޭނުންކުރަމުންދާ ގިނަ ތެޔޮ ބައުޒަރުތައް ހުރީ އެތަކެތި ގެންގުޅެންޖެހޭ ގަވައިދުގެ ތެރެއަށް ފެތިފައި ނޫންކަން ހާމަވެއްޖެއެވެ.

މިކަން ހާމަވީ މާލެތެެރޭގައި ހުރި ތެޔޮ ބައުޒަރުތަކުގެ ބޭނުންކުރާ ސަލާމަތީ ކަންކަން ފުރިހަމަކޮށްފައި ހުރިތޯ ބެލުމަށް އެމްއެންޑީއެފް އިން ހިންގި ޕްރޮގްރާމަށްފަހުއެވެ.

އެމްއެންޑީއެފް އިން ބުނީ މާލޭގައި ހުރި ތެޔޮ ބައުޒަރުތައް ޗެކް ކުރުމުގެ މަސައްކަތް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް އިން ފަށައި، ދެ ދުވަސް ތެރޭގައި 42 ބައުޒަރެއް ބަލާ ފާސްކޮށްފައިވާ ކަމަށެވެ.

މިމަހުގެ 2 ވަނަަ ދުވަހުން ފެށިގެން 3 ވަނަ ދުވަހުގެ ނިލަށް މާލެ ސިޓީގައި ކުރިއަށްގެންދިޔަ މި ޕްރޮގްރާމްގައި ތެޔޮބައުޒަރުތަކުގައި ކަނޑައަޅާފައިވާ ސަލާމަތީ ކަންކަން ފުރިހަމަކޮށްފައިވޭތޯ ބަލާ ޗެކްކުރި ކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ. އަދި މި ބަލާފަސްކުރުމަށްފަހު ސަލާމަތީ ގޮތުން ހުންނަށްޖެހޭ މިންގަނޑަށް ވުރެއް ދަށް 30 ތެޔޮ ބައުޒަރެއްގެ ލައިސަންސް ކެންސަލްކޮށްފައިވާކަމަށް ވަނީ ބުނެފައެވެ. އަދި އިތުރު 11 ތެޔޮ ބައުޒަރެއްގެ ސަލާމަތީ ބައެއް ކަންކަން ރަނގަޅު ކުރުމަށްފަހު އަލުން ބޭނުންކުރުމަށް ހުއްދަ ދީފައިވާ ކަމަށް ވަނީ ބުނެފައެވެ.