ސިނަމާލެ ބްރިޖުގައި ހަރުކޮށްފައިވާ ބަންޕަރުތައް ނެގުމުން ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ބްރިޖުގައި ހުރި ބަމްޕަރުތައް ނަގާފައިވަނީ ބަންޕަރުތައް ބަހައްޓާފައި ހުރި ގޮތުން އެކްސިޑެންޓުތައް ހިގުމަށް މަގުފަހިވާތީ ޓްރާންސްޕޯޓް މިނިސްޓްރީ އާއި ޕްލޭނިން މިނިސްޓްރީއާ މަޝްވަރާކުރުމަށް ފަހު ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

މިކަމާ ގުޅިގެން މުއިއްޒު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ ބްރިޖުގައި ހުރި ސްޕީޑް ބްރޭކަރުތައް ނެގުމުން ބާރު ސްޕީޑްގައި ދުއްވާ މީހުން ވަކިން ހާއްސަކޮށް ބާރަށް ސައިކަލް ދުއްވާ މީހުންގެ ސަބަބުން އެކްސިޑެންޓްތައް ހިނގުމަށް އިތުރަށް މަގުފަހިވާނެ ކަމަށެވެ. އެހެންކަމުން ބްރިޖު ބޭނުންކުރާ މީހުންނަށް ރައްކާތެރިކަން ގެއްލިގެންދާނެ ކަމަށާއި އަދި ބްރިޖަށް ލިބޭ ގެއްލުންވެސް އިތުރުވާނެ ކަމަށް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.