ރާއްޖޭގެ އެކިސަރަހައްދުތަކަށް ވިއްސާރަ ކުރުމާއެކު ގުގުރުން އެކަށީގެންވާ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީހުން) ބުނެފި އެވެ.

މެޓް އޮފީހުން ބުނީ މިރޭ 8:00 ޖެހުމާ ހަމައަށް ދެކުނާއި މެދުތެރޭގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ދެކުނުގެ އަތޮޅުތަކަށް ދެކުނާއި ހުޅަނގު ދެކުނުން، އެހެން ހިސާބު ތަކަށް ހުޅަނގު ދެކުނާއި ހުޅަނގުން އަދި އާންމުކޮށް ހުރިހާ ހިސާބަކަށްވެސް ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށެވެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 35 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށްވެސް މައުލޫމާތު ދީފައިވެ އެވެ.

މެޓް އޮފީހުން އިތުރަށް ބުނީ ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަ ވާނެ ކަމަށެވެ.

ދެކުނާއި މެދެތެރޭގެ ބައެއް ސަރަޙައްދުތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާ ކުރެވޭތީވެ، މިސަރަހައްދު ތަކުގެ އެންމެހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފަ އެވެ.