މާލެ ސަރަހައްދުގައި މިދިޔަ ހަފްތާގެ ތެރޭގައި ހިނގި 44 އެކްސިޑެންޓަކާ ގުޅިގެން ހަތް މީހެއްގެ ލައިސަންސް ހިފަހައްޓައިފި އެވެ.

ފުލުހުންގެ ޓްރެފިކް ޑިޕާޓްމަންޓުން އާންމުކޮށްފައިވާ މިދިޔަ ހަފްތާގެ ތަފާސްހިސާބުތަކުގައިވާ ގޮތުން މިދިޔަ މަހުގެ 28 ވަނަ ދުވަހުން ފެށިގެން މިމަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށް މާލެ ސަރަހައްދުގައި ހިނގި 44 އެކްސިޑެންޓްގެ ތެރެއިން ފަސް އެކްސިޑެންޓުގައި ވަނީ މީހުންނަށް އަނިޔާވެފަ އެވެ.

މާލޭގެ މަގުމަތީގައި ގަވާއިދާ ޚިލާފަށް ޕާކް ކޮށްފައި ހުރި 458 އުޅަނދެއްގައި މިދިޔަ ހަފުތާގެ ތެރޭގައި ސްޓިކާ ޖަހާފައިވާއިރު މިމުއްދަތުގެ ތެރޭގައި 105 އުޅަނދު ވަނީ ޓޯ ކޮށްފަ އެވެ.

މާލެ ސަރަހައްދުގައި މިދިޔަ ހަފްތާގެ ތެރޭގައި 1332 އުޅަނދު ބަލައި ފާސްކޮށްފައިވާއިރު މި އުޅަނދުތައް ދުއްވި މީހުންގެ ތެރެއިން 40 މީހަކު ލައިސަންސް ނެތި އުޅަނދު ދުއްވާފައިވާ ކަމަށް ތަފާސްހިސާބުތަކުގައިވެ އެވެ. އަދި އަތުގައި ލައިސަންސް އަތުގައި ނެތި ވެހިކަލް ދުއްވި 31 މީހަކު އުޅަނދު ފާހަގަކުރެވިފައިވާއިރު 18 އަހަރުން ދަށުގެ ކުދިން އުޅަނދު ދުއްވި ދެ މައްސަލައެއް ވެސް ފާހަގަކޮށްފައިވެ އެވެ.

ޓްރެފިކް ނިޝާންތަކާ ޚިލާފަށް 16 މީހަކު އުޅަނދު ދުއްވާފައިވާއިރު އަހަރީ ފީ ނުދައްކާ 28 މީހަކު ވަނީ އުޅަނދު ދުއްވާފަ އެވެ. އުޅަނދުގެ އިންޝުއަރެންސް އަދި ރޯޑް ވާތިނަސް ސްޓިކާ ނެތި 45 މީހަކު އުޅަނދު ދުއްވާފައިވާއިރު 15 މީހަކު އުޅަނދު ދުއްވާފައިވަނީ ހެޑް ސެޓް ޖަހައިގެންނެވެ. ހެލްމެޓު އަޅައިގެން ދުއްވަންޖެހޭ ސަރަހައްދުތަކުގައި ހެލްމެޓު ނާޅާ ދުއްވި 14 މައްސަލައެއް ވެސް ފުލުހުންގެ ތަފާސްހިސާބުތަކުގައި ފާހަގަކޮށްފައިވެ އެވެ.