މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރެފައިވާ ރިޕޯޓްގައި މައްސަލަތަކެއް ހުރި ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެންމެ ފަހުން އެއްބަސްވެވަޑައިގެންފި އެވެ.

ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީއެންގެ ރިޕޯޓް އެމަނިކުފާނު ކިޔާފައިވާ ކަމަށާއި ރިޕޯޓްގައި "ނުރަނގަޅުކޮށް ކަންކަން ހުރިކަން" ފާހަގަކުރެވިފައިވާ ކަމަށެވެ. އެއިން އެއް ކަމަކީ މާތްﷲ އާއި ކީރިތި ރަސޫލާއާއި ގުޅޭގޮތުން އެކަށީގެން ނުވާ ބަސްތަކެއް ގެނެސްފައި ހުރުން ކަމުގައިވެސް ވިދާޅުވި އެވެ.

"އެއީ މުސްލިމުން ކޮށްގެން ވާނެ ކަމެއް ނޫން،" ރައީސް ނަޝީދު ވިދާޅުވެފައިވެ އެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ އިސްލާމް ދީނުގައި ކަންކަން އޮންނަ ގޮތާ ގުޅޭގޮތުން ލިޔެފައިވާ ވާހަކަތަކަކީ ދީން ދެނެވަޑައިގަންނަވާ ބޭފުޅުން ބަހުސްކުރައްވާ ނުކުތާތަކެއް ކަމަށެވެ. އެފަދަ ކަންކަމަށް އާންމު މީހުން ވާހަކަ ދެއްކުން ރަނގަޅު ނުވާނެ ކަމުގައިވެސް ވިދާޅުވެފައިވެ އެވެ.