ދޮށީ އުމުރުގެ މީހުންގެ ދުވަސް ފާހަގަ ކުރުމަށް "ތްރީ ޖެނެރޭޝަން ވޯލްކް"ގެ ނަމުގައި ހިނގާލުމެއް ބޭއްވުމަށް ނިންމައިފިއެވެ.
މިމަހުގެ 18 ވަނަ ދުވަހު ހުޅުމާލޭގައި މި ހިނގާލުން އޮންނާނީ އެދުވަހުގެ ހަވީރު 4:00 އިން އިރުއޮއްސި 6؛00 އަށެވެ.
ދޮށީއުމުރުގެ މީހުންގެ ދުވަސް ފާހަގަކުރުމަށް ޕެންޝަން އޮފީހާއި ސްޕޯޓްސް ކޯޕަރޭޝަނާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރުމަށް މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ޕެންޝަން އޮފީހުގެ ސީއީއޯ މުހައްމަދު މަނިކު ވިދާޅުވި 18 ވަނަ ދުވަހު ބާއްވާ ތްރީ ޖެނެރޭޝަން ވޯކްގައި ދޮށީއުމުރުގެ މީހުންނާއި އެމީހުންގެ ދަރިންގެ އިތުރުން އާއިލާއިން ބައިވެރިވާނެ ކަމަށެވެ.
މުހައްމަދު މަނިކު ވިދާޅުވީ މި ހިނގާލުމުގެ ބޭނުމަކީ ދޮށީއުމުރުގެ މީހުންގެ ސިއްހަތު ރަނގަޅު ކުރުމަށާއި ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ހޭލުންތެރި ކުރުން ކަމަށެވެ.
ސްޕޯޓްސް ކޯޕަރޭޝަންގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު ސްޕޯޓްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މައުރޫފް އަހުމަދު (މާއްޓޭ) ވިދާޅުވީ ދޮށީއުމުރުގެ މީހުން ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަކީ އެކޯޕަޜޭޝަންގެވެސް މަގުސަދެއް ކަމަށެވެ. މި ހިނގާލުމުގައި ތިން ޖެނެރޭޝަން ބައިވެރިވާއިރު ދުޅަހެޔޮސިއްހަތެއްގައި ތިބުމަކީ ކިހާ މުހިންމު ކަމެއްކަން ކުޑަކުދިންނަށްވެސް އެނގިގެންދާނެ ކަމަށް މައުރޫފް ވިދާޅުވިއެވެ.
މައުރޫފް ވިދާޅުވީ ޕެންޝަން އޮފީހާއި ގުޅިގެން މިފަދަ ހިނގާލުމެއް ބޭއްވުމަށް ނިންމީ މުޅި މުޖުތަމައު ދުޅަހެޔޮ ސިއްހަތެއްގައި ބެހެއްޓުމުގެ މަގުސަދުގައި ކަމަށެވެ.
ޕެންޝަން އޮފީހުން ބުނީ މި ހިނގާލުމުގައި ދޮށީ އުމުރުގެ މީހުން ބައިވެރިވާނެތީ ހުޅުމާލޭގައި އޮންނަ ހިނގާލުމަށް ދާން ބޭނުންވާ މީހުންނަށް ހުޅުމާލޭ ސެންޓްރަލް ޕާކަށް ދިއުމުގެ އިންތިޒާމްތައް ހަމަޖައްސައިދޭނެ ކަމަށެވެ. އަދި ހިނގާބިނގާވެ ނޫޅެވޭ މީހުންނަށްވެސް މި ހިނގާލުމުގައި ބައިވެރިވާން ބޭނުންނަމަ އެމީހުންނަށްވެސް މާލެއިން ހުޅުމާލެއަށް ދިއުމުގެ އިންތިޒާމްތައް ހަމަޖެހޭތޯ މަސައްކަތްކުރަމުންގެންދާކަމަށްވެސް ޕެންޝަން އޮފީހުން ބުނެއެވެ.