ސްޕެއިންގެ ރެއާލްމެޑްރިޑަށް ދާދިފަހުން ބަދަލުވި ބެލްޖިއަމްގެ އެޑެން ހަޒާޑް އެ ކުލަބަށް ކާމިޔާބުކޮށްދިން ފުރަތަމަ ގޯލާއެކު ސްޕެނިޝް ލީގުގައި ގްރަނާޑާގެ މައްޗަށް 4-2 އިން ކުރިހޯދައިފިއެވެ.

ރެއާލްގެ ދަނޑުގައި ކުޅުނު މި މެޗުގެ ވަރަށް ކުރީކޮޅު އެ ޓީމުން ވަނީ ލީޑު ނަގާފައެވެ. އެގޮތުން މެޗުގެ ދެވަނަ މިނެޓުގައި މި ގޯލު އެ ޓީމަށް ކާމިޔާބުކޮށްދިނީ ކަރިމް ބެންޒެމާ އެވެ. މެޗުގައި ރެއާލްގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިނީ ހަޒާޑް އެވެ. އޭނާ މި ގޯލު ކާމިޔާބު ކުރީ ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުކޮޅުގެ ތެރޭގައެވެ.

މެޗުގެ ފުރަތަމަ ހާފު ނިމުނީ 1-1 އިން ދެ ޓީމު އެއްވަރުވެެގެންނެވެ. ހަޒާޑުގެ ޕާހަކުން މެޗުގެ 61 ވަނަ މިނެޓްގައި ރެއާލްގެ ތިންވަނަ ގޯލު ލުކަ މޮޑްރިޗް ކާމިޔާބުކުރިއިރު އެޓީމުގެ ފަހު ގޯލު މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގައި ކާމިޔާބުކޮށްދިނީ ހަމޭސް ރޮޑްރިގޭޒްއެވެ.

މެޗުގައި ގްރަނާޑާގެ ފުރތަަމަ ގޯލު 69 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ޑާވިން ކާމިޔާބުކޮށްދިން އިރު އެ ޓީމުގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިނީ ޑޮމިންގޮސް އެވެ.

މި މޮޅާއެކު ރެއާލް މެޑްރިޑް އޮތީ ތާވަލުގެ އެއްވަނައިގައި 18 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި ގްރަނާޑާ އޮތްއިރު ވާދަވެރި ބާސެލޯނާ އޮތީ ތާވަލުގެ ހަތަރުވަނައިގައެވެ.