އިނގިރޭސި ޕްރިމިއާ ލީގުގައި މެޗުގެ ފަހުވަގުތު ލިވަޕޫލަށް ލިބުނު ޕެނަލްޓީއަކީ ނަސީބު ރަނގަޅުކަމުން އެ ޓީމަށް ލިބުނު ޕެނަލްޓީއެއް ކަމަށް ލެސްޓާ ސިޓީގެ ކޯޗު ބްރެންޑަން ރޯޖާސް ބުނެފި އެވެ.

މި މެޗު ނިމުނީ 2-1 އިން ލިވަޕޫލް މެޗު ކާމިޔާބުކޮށްގެންނެވެ. މެޗުގައި ފުރަތަމަ ގޯލުޖަހާ ލީޑުނެގީ ވެސް ލިވަޕޫލް އެވެ. މެޗުގެ 40 ވަނަ މިނެޓުގައި މި ގޯލު އެ ޓީމަށް ކާމިޔާބުކޮށްދިނީ ސަޑިއޯ މާނޭ އެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނީ އެއް ގޯލުގެ ލީޑަކާއެކު ލިވަޕޫލް ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފުގެ 80 ވަނަ މިނެޓުގައި ލެސްޓާ ސިޓީގެ ޖޭމްސް މެޑިސަން ވަނީ އެ ޓީމުގެ ހަމައެކަނި ގޯލު ކާމިޔާބުކޮށްދީފަ އެވެ. މެޗުގައި ލިވަޕޫލް މޮޅުވި ގޯލު ޖަހާފައިވަނީ ފުރިހަމަ ވަގުތު ހަމަވެގެން ލިބުނު އިތުރު ވަގުތުކޮޅުގެ ތެރޭގައި ލިބުުނު ޕެނަލްޓީއަކުންނެވެ. މި ޕެނަލްޓީއަކީ ލެސްޓާގެ މާކް އޯލްބްރައިޓަން ލިވަޕޫލްގެ ސަޑިއޯ މާނޭއަށް ކުރި ފައުލަކާއި ގުޅިގެން ދިން ޕެނަލްޓީ އެކެވެ. މި ޕެނަލްޓީ ޖަހާފައިވަނީ ޖޭމްސް މިލްނާ އެވެ.

މެޗަށްފަހު ލެސްޓާގެ ކޯޗު ވަނީ މެޗުގެ އެންމެ ފަހުކޮޅު ލިވަޕޫލަށް ލިބުނު ޕެނަލްޓީއާއި ގުޅިގެން ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. އޭނާ ބުނީ ލިވަޕޫލަށް ލިބުނީ ވަރަށް އާދައިގެ ޕެނަލްޓީއެއް ކަމަށާއި އެއީ ޔަގީންކަމާއެކު ރެފްރީއަށް ދެވެންޖެހޭނެ ޕެނަލްޓީއެއް ނޫން ކަމަށެވެ. އަދި ޕެނަލްޓީއެއް ދޭން ޖެހޭވަރުގެ ފައުލެއް ނުކުރާ ކަމަށާއި ވީއޭއާރު މެދުވެރިކޮށް ބަލައިފިނަމަ އެއީ ޕެނަލްޓީއަކަށް ވާނެ އެއްގޮތެއްވެސް ނޯންނާނެ ކަމަށެވެ.

ލެސްޓާ ސިޓީއަކީ ކުރު މުއްދަތެއްގެ ތެރޭގައި ބޮޑެތި ކުރިއެރުންތަކެއް ހޯދި ކުލަބެއްކަން ފާހަގަކުރަމުން ރޮޖާސް ބުނީ ޔޫރަޕްގެ ޗެމްޕިއަނުންނާ ދެކޮޅަށް އޭނާގެ ކްލަބުން ދެއްކި ކުޅުމާމެދު ފަހުރުވެރިވާ ކަމަށެވެ. އަދި މި ނަތީޖާއިން ހާމަވީ ކުލަބުގެ ފެންވަރު ކަމަށާއި އަދިވެސް ރަނގަޅުކުރަން ޖެހޭ ގިނަ ކަންކަން އެބަހުރި ކަމަށެވެ.

މެޗަށްފަހު ލިވަޕޫލްގެ ކޯޗު ކްލޮޕް ވެސް ވަނީ މެޗުގައި ރެފްރީގެ ނިންމުންތަކަށް ފާޑުކިޔާފަ އެވެ. އެގޮތުން މެޗު ނިމެން އުޅެނިކޮށް ލެސްޓާގެ ހަމްޒާ ޗޯދުރީ މުހައްމަދު ސަލާހް އަށް ކުރި ފައުލަކީ ސީދާ ރަތް ކާޑެއް ކަމަށާއި ރެފްރީގެ އަތްދަށުން ގިނަ ގޯސްތަކެއް ފެނިގެންދިޔަ ކަަމަށެވެ. މި މޮޅާއެކު ލިވަޕޫލް ވަނީ އެ ޓީމު ބަލިނުވެ ދަމަހައްޓަމުން އަންނަ ރެކޯޑު އާކޮށްފަ އެވެ.

މި މޮޅާއެކު ފުރަތަމައަށް މެޗުން މޮޅުވެ ލިވަޕޫލް އެއްވަނައިގައި އޮތީ 24 ޕޮއިންޓާއެކު އެވެ. ދެވަނައިގައި 16 ޕޮއިންޓާއެކު އޮތް މެންޗެސްޓަރ ސިޓީ ލީގުގައި މިރޭ އަމިއްލަ ދަނޑުގައި ވުލްވްސް ބަލިކޮށްގެން ލިވަޕޫލާ ދެމެދު އޮތް ފަރަގު ފަސް ޕޮއިންޓަށް ކުޑަކުރެވޭނެ އެވެ.