ރައީސުލްޖުމްހޫރިއްޔާގެ މަގާމު ފުރުއްވާފައިވާ ބޭފުޅަކު ދައުލަތުގެ އެހެން މަގާމެއް އަދާކުރައްވާނަމަ ކޮންމެވެސް އެއް އިނާޔަތެއް އިހްތިޔާރުކުރަން ޖެހޭ ގޮތަށް ކުރީގެ ރައީސުންނަށް ދޭން ޖެހޭ ރައްކާތެރިކަމާއި އިނާޔަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ބަދަލުކުރުމަށް ހުށަހަޅައިފި އެވެ.

މިބިލް ދިރާސާކުރަމުން ގެންދާ ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި މިބިލަށް އެ އިސްލާހު ގެނައުމަށް ހުށަހެޅުއްވީ އެމްޑީޕީގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހްމަދު އީސަ އެވެ. މިއިސްލާހަށް ތާއީދުކުރެއްވީ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު އެވެ.

ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އީސަ ވިދާޅުވީ ކުރީގެ ރައީސަކު ދައުލަތުގެ އެހެން މަގާމެއް އަދާކުރައްވާނަމަ އެ ބޭފުޅަކު ބޭނުންވާ މަގާމަކާ ގުޅޭ އިނާޔަތެއް އިހްތިޔާރުކުރަން ފުރުސަތު ދޭން ޖެހޭ ކަމަށެވެ. ދައުލަތުގެ މާލީ ހާލަތު ހުރި ގޮތުން ކުރީގެ ރައީސެއް ނަމަވެސް ދެ އިނާޔަތް ނެގިގެން ނުވާނެ ކަމަށްވެސް ވިދާޅުވި އެވެ.

"ރައީސް ނަޝީދު މިވަގުތު އެ ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުގައި. މިހާލަތުގައި އިހުތިޔާރު ދޭންވީ ނަންގަވާނީ ކުރީގެ ރައީސްގެ އިނާޔަތްތޯ ނޫނީ މަޖިލީހުގެ ރައީސްގެ މުސާރަތޯ. އަޅުގަނޑު ފާހަގަކޮށްލަން ރައީސް ނަޝީދު މިހާރު ވެސް ދެ އިނާޔަތް ނުނަންގަވާކަން. ނަމަވެސް ކޮންމެ ބޭފުޅަކު އަދި އެގޮތަށް އަމަލު ކުރާނެ ކަމަށް ބަލައިގެން ގާނޫނު މިހެން ބާއްވައިގެން ނުވާނެ،" އީސަ ވިދާޅުވި އެވެ.