މުސާރަ ބޮޑުކުރަން ސަރުކާރުން އެއްބަސްވުމުން، އުރުދުންގެ ޓީޗަރުން ކުރަމުންދިޔަ މަސްދުވަސްވީ ހަޅުތާލު ހުއްޓާލައިފިއެވެ.

މުސާރައިގެ މައްސަލާގައި ޓީޗަރުންގެ ޔޫނިއަންއާއެކު އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް، އުރުދުން ސަރުކާރުންވެސް އިޢްލާން ކޮށްފައި ވެއެވެ.

އުރުދުންގައި ކުރިއަށްދިޔަ ޓީޗަރުންގެ ހަޅުތާލަކީ ޕަބްލިކް ސެކްޓަރގައި މިހާތަނަށް ހިނގި އެންމެ ދިގުލައިގެންދިޔަ ހަޅުތާލު ކަމަށް ވެއެވެ.

މި ހަޅުތާލުގެ ސަބަބުން 1.5 މިލިއަން ކިޔަވާކުދިންގެ އުނގެނުމަށް ހުރަސްއެޅުނެވެ.

ޓީޗަރުންގެ ޔޫނިއަންތަކުން ހަޅުތާލަކަށް ގޮވާލީ، މުސާރަ ބޮޑުކުރުމަށް ގޮވާލައި އެތައްހާސް ޓީޗަރުން ސަރުކާރުގެ އިމާރާތްތައް ހުންނަ ސަރަހައްދަށް އެއްވެފައިވަނިކޮށް އެމީހުން ރޫޅާލަން ސަލާމަތީ ބާރުތަކުން ކަރުނަގޭސް ޖެހުމާ ގުޅިގެންނެވެ.

ހަޅުތާލު ކުރި ޓީޗަރުންނާ އެއްބައިވުމުގެ ގޮތުން ގިނަ މައިންބަފައިން އެމީހުންގެ ދަރިން ސްކޫލަށްވެސް ނުފޮނުވައެވެ.

ޓީޗަރުން ހަޅުތާލު ފެށުމާ ގުޅިގެން އުރުދުން ސަރުކާރުން ޓީޗަރުންގެ މުސާރަ ބޮޑުކުރިއެވެ. އެހެން ނަމަވެސް، ސަރުކާރުން މުސާރައަށް ގެނައި ބަދަލު ގަބޫލުކުރުމަށް ޓީޗަރުންގެ ޔޫނިއަނުން ދެކޮޅު ހެދީއެވެ.

ޓީޗަރުންގެ ޔޫނިއަނުން ބުނީ، ސަރުކާރުން މުސާރައަށް ގެނައި ބަދަލަކީ ނަމެއްގައި ގެނައި ބަދަލެއް ކަމަށެވެ.

އެކަމަކު، ސަރުކާރުން ބުނީ، ޓީޗަރުންގެ ޔޫނިއަނުން ޑިމާންޑްކުރާ މިންވަރަށް ޓީޗަރުންގެ މުސާރަ ބޮޑުކުރުމުގެ މާލީ ގާބިލްކަން ސަރުކާރުގައި ނެތް ކަމަށެވެ.

އެހެންވެ، އުރުދުން ސަރުކާރުން ދެން މަސައްކަތްފެށީ ޓީޗަރުންގެ ޔޫނިއަންއާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އެޅުމަށެވެ. ސަރުކާރުން މިކަން ފެށުމާ ގުޅިގެން މަސްރަހް އިތުރަށް ނުތަނަވަސްވެގެންދިޔައެވެ.

ޓީޗަރުންގެ ޔޫނިއަންގެ ނާއިބް ނަސަރު އަލް-ނަވަސްރަހް ވިދާޅުވީ، ޓީޗަރުންގެ މުސާރަ 35-75 އިންސައްތައާ ދެމެދުގެ މިންވަރަށް ބޮޑުކުރުމަށް ސަރުކާރާއެކު އެއްބަސް ވެވިއްޖެ ކަމަށާއި، މުސާރަ ކުޑަބޮޑުމިން ކަނޑައެޅޭނީ ޓީޗަރުންގެ ރޭންކަށް ބަލައިގެން ކަމަށެވެ. މިއީ، ތާރީޚީ ނިންމުމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޓީޗަރުންގެ ޔޫނިއަނުން ޑިމާންޑްކުރަމުންދާ މިންވަރަށް މުސާރަ ބޮޑުކުރަން ސަރުކާރުން އެއްބަސްމިވީ، އެކަން އެގޮތަށް ކުރުމަށް އުރުދުންގެ ރަސްގެފާނު އަބްދުﷲ އަމުރު ކުރެއްވުމުން ކަމަށް އޮފިޝަލުން ވިދާޅުވެއެވެ.

އެހެންކަމުން، ޓީޗަރުންގެ މުސާރައަށް މިގެނެވުނު ބަދަލަކީ، އުރުދުންގެ މާލީ ނިޒާމަށް އުރުދުންގެ ބޮޑުވަޒީރު ގެންނަވަމުންދާ އިސްލާހްތަކުގެ ޓެސްޓެއް ކަމަށް މީޑިއާއިން ސިފަކުރެއެވެ. އެ އިސްލާހްތަކަކީ އައިއެމްއެފްގެ ތާއީދާއެކު އަޅަމުންދާ ފިޔަވަޅުތަކެކެވެ. މައިގަނޑު ބޭނުމަކީ ދަރަނި ކުޑަކުރުމެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އުރުދުން ސަރުކާރު މިހާރު އޮތީ ބިރެއްގެ ތެރޭގައެވެ. އެއީ، ޕަބްލިކް ސެކްޓަރގެ އެހެން ފަރާތްތައް ކަމުގައިވާ ޑޮކްޓަރުންވެސް މުސާރަ ބޮޑުކުރަން ހަޅުތާލު ފަށައި، އަދި ރިޓަޔަރ ކޮށްފައިވާ ސިފައިންވެސް އެމީހުންގެ ޕެންޝަން ބޮޑުކުރަން ހަޅުތާލު ފަށާފާނެތީއެވެ.

އުރުދުންގައި ޓީޗަރެއްގެ އެވަރެޖް މަހު މުސާރައަކީ 450 ދީނާރު ނުވަތަ 630 އެމެރިކާ ޑޮލަރެވެ. މިއީ، އުރުދުން ސަރުކާރުގެ ވުޒާރާތަކާއި، އެހެން އޮފީސްތަކުގެ މުވައްޒަފުންނަށް ލިބޭ މުސާރައާ އަޅާ ބަލާއިރު ވަރަށް ކުޑަ އެއްޗެއް ކަމަށް ޓީޗަރުން ބުނެއެވެ.