އަންނަ ހުކުރު ދުވަހުގެ ރޭ ކާނިވާ ސަރަހައްދުގައި "އަންނަނީ އަންނަނީ" ގެ ނަމުގައި އެއްވުމެއް ބާއްވަން ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ނިންމައިފިއެވެ.

ޕީއެންސީ އަދި ޕީޕީއެމްއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ހުސެން ޝަރީފު ވިދާޅުވީ "އަންނަނީ އަންނަނީ"ގެ ނަމުގައި ބާއްވާ މި އެއްވުމުގައި ރައީސް ޔާމިންވެސް ބައިވެރިވެ ވަޑައިގަންނަވާނެކަމަށެވެ.

މުހައްމަދު ހުސެން ޝަރީފު ވިދާޅުވީ، މި ބައްދަލުވުމުގައި ވާހަކަ ދެއްކުމަށް ހަމަޖެހިފައި ވަނީ މިހާރު މި މުޖުތަމަޢުއިން ފާހަގަކުރެވޭ ހާއްސަ މައުލޫއުތަކަށް ކަމަށެވެ. އަދި މިއީ ވަރަށް ފޯރިގަދަ ބައްދަލުވުމަކަށް ވެގެންދާނެކަމަށެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަަވަމުން ޕީއެންސީގެ ނައިބު ރައީސް ވިދާޅުވީ އިތުރަށް ޕީޕީއެމް އަދި ޕީއެންސީ އަކީ ޒިންމާދާރު މައި އިދިކޮޅު ޕާޓީތައް ކަމަށެވެ. އަދި މިގޮތަށް ބާއްވާ އެއްވުންތަކުގައި ވާހަކަދައްކާނީ އެވަގުތަކު ރައްޔިތުންނާއި ގުޅުންހުރި ހުރިހާ މައުލޫއުތަކަށް ކަމަށެވެ.

"އެއްވުންތަކުގައި އެވަގުތެއްގަ ރާއްޖޭގެ ސިޔާސީ މަސްރަހުން ޖުމްލަ ގޮތެއްގަ އަދި ރައްޔިތުންނާ ގުޅުންހުރި ހުރިހާ މައުޟޫޢުތަކަކަށްވެސް އަލި އަޅުވާލެވޭތޯ ބަލަން. އެގޮތުން އަޅުގަނޑުމެންނަކީ ހަމައެކަނި ޒިންމާދާރު މައި އިދިކޮޅު ޕާޓީތައްކަމަށްވާތީ ސަރުކާރު ޒިންމާދާރުކުރުމުގެ ގޮތުން އެވަގުތަކު ރައްޔިތުންގެ އިހުސާސްތަކާ ޝުއޫރުތަކާ ގުޅޭ ހަމަ ހުރިހާ ކަމަށްވެސް އަލި އަޅުވާލާނަން. މިގޮތުން ރައްޔިތުންގެ ވިންދާ ގުޅުންހުރި ހުރިހާ މައުލޫއަކަށްވެސް މިވަގުތު އަލި އަޅުވާލާނަން." ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ހުސެން ޝަރީފު ވިދާޅުވިއެވެ.

ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ހުސެން ޝަރީފު ވިދާޅުވީ އެ ކޯލިޝަނުން އެކި ރަށްރަށަށް ކުރާ ދަތުރުތަކުގައިވެސް، ރައްޔިތުންގެ ވަރަށް ގިނަ ކަންބޮޑުވުންތަކެއް މި ސަރުކާރާއިމެދު ހުރިކަން ފާހަގަވެފައިވާކަމަށެވެ.