މިއަހަރުގެ އޮގަސްޓްމަހުގެ ނިޔަލަށް ރާއްޖެއިން މަސް ބޭރުކުރި މިންވަރު މިދިޔަ އަހަރުގެ އެމުއްދަތާ އަޅާބަލާއިރު 3.4 އިންސައްތަ ދަށަށް ހިނގައްޖެއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއިން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުގެ އޮގަސްޓުމަހުގެ ނިޔަލަށް ރާއްޖެއިން 39،443.7 މެޓްރިކް ޓަނުގެ މަސް އެކްސްޕޯޓްކޮށްފައިވެއެވެ. ނަމަވެސް މިއަހަރުގެ އޮގަސްޓްމަހުގެ ނިޔަލަށް އެކްސްޕޯޓްކޮށްފައި ވަނީ 38،083 މެޓްރިކް ޓަނުގެ މަހެވެ. މިއީ 3.4 އިންސައްތައިގެ ދަށްވުމެކެވެ.

މިއަހަރުގެ އޮގަސްޓްމަހުގެ ނިޔަލަށް ރާއްޖެއިން އެކްސްޕޯޓްކުރި ބާވަތްތަކުގެ ތެރޭގައި 18 ހާސް މެޓްރިކް ޓަނުގެ ކަޅުބިލަސް މަހާއި، 11 ހާސް މެޓްރިކް ޓަނުގެ ރީނދޫ އުރަހަ ކަންނެލި ހިމެނެއެވެ. ކަޅުބިލަ މަހާއި ކަންނެލީގެ ބާވަތްތައް ނުހިމެނޭ ގޮތަށް އެކްސްޕޯޓްކޮށްފައި ވަނީ 885 މެޓްރިކް ޓަނުގެ މަހެވެ. ކަޅުބިލަ މަހާއި ކަންނެލީގެ ބާވަތްތައް ނުހިމެނޭ ގޮތަށް އެކްސްޕޯޓްކޮށް މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް އެކްސްޕޯޓްކޮށްފައި ވަނީ 1385 ޓަނުގެ މަހެވެ. އެހެންކަމުން މިއީ މިދިޔަ އަހަރުގެ އޯގަސްޓުމަހު އެކްސްޕޯޓްކުރި މިންވަރާ އަޅާ ބަލާއިރު 36.2 އިންސައްތައިގެ ދަށް އަދަދެކެވެ.

ގަނޑުކުރި މަސް އެކްސްޕޯޓްކުރި މިންވަރު ވެސް މިއަހަރުގެ އޯގަސްޓު މަހުގެ ނިޔަލަށް ވަނީ ދަށްވެފައެވެ. އެހެންނަމަވެސް ދަޅު އަދި ޕޯޗްގައި ބަންދުކޮށްފައި އެކްސްޕޯޓްކުރި މިންވަރު ވަނީ އިތުރުވެފައެވެ. އެގޮތުން މިއަހަރުގެ އޯގަސްޓު މަހުގެ ނިޔަލަށް ވަނީ 5702 މެޓްރިކް ޓަނުގެ މަސް ދަޅު އަދި ޕޯޗްގައި ބަންދުކޮށް، އެކްސްޕޯޓްކޮށްފައެވެ.