އަންނަ އަހަރުގެ ޓޫރިޒަމް ދުވަަސް ފާހަގަކުރުމަށް ބާއްވާ ހަރަކާތްތަކުގެ ތެރޭގައި ގައުމީ ފުޓުބޯޅަ ޓީމާއި ދުނިޔޭގެ މަޝްހޫރު ކުޅުންތެރިން ހިމެނޭ ޓީމެއް ހިމެނޭގޮތަށް ހާއްސަ ފުޓުބޯޅަ މެޗެއް ކުޅުމަށް ނިންމާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިކަން އިއުލާނުކޮށްދެއްވާފައި ވަނީ ދާދިފަހުން ހުޅުވި ކްރޮސްރޯޑްސް މޯލްޑިވްސްގައި ބޭއްވި ދުނިޔޭގެ ޓޫރިޒަމް ދުވަހުގެ ގާލާ ނައިޓްގައި ވާހަކަފުޅުދައްކަވަމުންނެވެ.

އަލީ ވަހީދު ވިދާޅުވީ ސަރުކާރާ ހަވާލުވުމަށްފަހު ދިވެހިރާއްޖެއަށް ކުރިން ނާންނަ މަންޒަރުތައް ގެންނަން ވިދާޅުވެފައިވާނެ ކަމަށާއި ލަންޑަން ފަދަ ތަންތަނުގައި ވެސް އެރީނާތަކުގައި އޮންނަ ފަތުރުވެރިން އެ މެޗެއް ބަލަން އަންނަ ވަރުގެ ވޯލްޑް ކަޕް، ޕްރިމިއާ ލީގު ނުވަތަ ސްޕެނިޝް ލީގުގައި ކުޅެފައި ތިބި ކުރީގެ ތަރިންނާއެކު ރާއްޖޭގެ ގައުމީ ޓީމު އަންނަ އަހަރުގެ ފަތުރުވެރިކަމުގެ އީދުގައި ކުޅޭ މަންޒަރު ދިވެހިރާއްޖެއިން ފެންނާނެ ކަމަށެވެ.

އަންނަ އަހަރުގެ ޓޫރިޒަމް ދުވަސް ފާހަގަކުރުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު 26 އިން ފެށިގެން އޮކްޓޯބަރު 3ގެ ނިޔަލަށެވެ. މިއީ އެ ދުވަސް ފާހަކުރުމުގެ ގޮތުން ބާއްވާ އެއް ހަރަކާތެވެ.

އަލީ ވަހީދު ވިދާޅުވީ އަންނަ އަހަރުގެ ޓޫރިޒަމް ދުވަހުގެ ހަރަކާތްތައް އައްޑޫ، ހުވަދޫ އަދި ފުވައްމުލަކުގައި ބޭއްވުމުގެ މަސައްކަތްކުރާނެ ކަމަށެވެ. އަދި ރާއްޖެއަށް ފަތުރުވެރިން އަންނާނެ ސަބަބެއް، ނުވަތަ ރާއްޖޭގެ ރައްޔިތުން އުފަލާއެކު ފާހަގަކުރާނެ ކަމަކަށް މިކަން ވާންޖެހޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ސްޕޯޓްސް ޓޫރިޒަމް ރާއްޖޭގައި ފުޅާކުރުމަށް މިހާރުގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަޙީދު ވަރަށް ބޮޑަށް މަސައްކަތްފުޅު ކުރައްވައެވެ. އެގޮތުން މިއަހަރުގެ ޓޫރިޒަމް ދުވަސް ފާހަގަކުރުމުގެ ގޮތުން ކިޑްސް ފިއެސްޓާގެ ނަމުގައި ކުޑަކުދިންގެ ފުޓުބޯޅަ މުބާރާތެއް ވަނީ ބާއްވާފައެވެ. މި ހަރަކާތުގެ ތެރެއިން ޑްރީމް ޓީމުގައި ހިމެނުނު ކުޅުންތެރިންނަށް ސްޕެނިސް ލީގުގެ ސެލްޓަ ވިގޯގެ ވެރިންގެ އިތުރުން ރެއާލް މެޑްރިޑްގެ ލެޖެންޑް މިޝެލް ސަލްގާޑޯގެ އެކަޑަމީގައި ތަމްރީނު ފުރިހަމަކުރުމުގެ ފުރުސަތު ވަނީ ލިބިގެންގޮސްފައެވެ.