ހއ ކެލާއިން ރުއްގަސް އުފުރައިގެން ގެންދާތީ އެކަން އެންވަޔަރަމަންޓް ޕްރޮޓެކްޝަން އޭޖެންސީ އީޕީއޭއިން ހުއްޓުވައިފިއެވެ.

ހއ. ކެލަ އާއި އެ އަތޮޅު ބާރަށުގެ އިތުރަށް ށ. ފޯކައިދޫން ރުއްގަސް އުފުރައިގެން ރިސޯޓުތަކަށް ގެންދާކަމަށް ބުނެ ތިމާވެއްޓަށް ލޯބި ކުރާ ފަރަތްތަކުން ވަނީ ކަންބޮޑުވުންފާޅުކޮށް އެކަން އީޕީއޭގެ ސަމާލުކަމަށް ގެނެސްފައެވެ.

ރާއްޖޭގެ ރަށްރަށުން ރުއްގަސް އުފުރައިގެން ރިސޯޓުތަކަށް ގެންދިއުމަކީ ވަރަށް ކުރިއްސުރެ ކުރަމުން އަންނަ ކަމެކެވެ. އެކަމަކު މީގެ 2 އަހަރެއްވަރު ކުރިން އެކަންވަނީ އިތުރުވެގެންގޮސްފައެވެ. ރާއްޖޭގެ ބައެއް ރިސޯޓުތައް ތަރައްގީކުރުމަށް ރަށްރަށުން ރުއްގަސް ގެންދިއުމުގެ އިތުރަށް ރާއްޖެއިން ބޭރަށް ވެސް އެ ރުއްގަސްތައް ގެންދަނިކޮށް ހިފަހަށްޓާފައިވެސް ވެއެވެ.

މިގޮތަށް ރުއްގަސް އުފުރާ ރަށްރަށުން އެކަންކުރަނީ ކޮނެމެވެސް އުމުރާނީ ތަރައްގީއަށް ބޭނުންވާ ބިން ހުސްކުރުމަށް އީޕީއެގެވެސް ހުއުްދައާއި އެކުއެވެ. އެކަމަކު ގަވާއިދާ ހިލާފަށް ރުއްގަސް އުފުރާ ވިއްކާ ކަމުގެ ޝަކުވާތައްވެސް މިހާރު އާއްމުކޮށް ދަނީ ފެންމަތިވަމުންނެވެ.

ހއ. ކެލަ އާއި އެ އަތޮޅު ބާރަށުގެ އިތުރަށް ށ. ފޯކައިދޫން ރުއްގަސް އުފުރައިގެން ރިސޯޓުތަކަށް ގެންދާކަމަށް ބުނެ އީޕީއޭގެ ސަމާލުކަމަށް ގެނައުމުން އީޕީއޭއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެންވަޔަރަމަންޓު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ އަބްދުﷲ ނަސީރު ވިދާޅުވީ އަމިއްލަ ފަރާތަކުން ކެލާއިން ރުއް ނަގައިގެން ގެންދާކަމަށް އީޕީއޭއަށް އެނގިފައިވާ ކަމަށެވެ. ނަމަވެސް މިހާރު އެކަން އީޕީއޭއިން ހުއްޓުވާފައިވާ ކަމަށް ވަނީ ބުނެފައެވެ.

ނަސީރު ވިދާޅުވީ ކެލާގައި ރުއްތަކެއް އުފުރަމުންގެންދާތީ އީޕީއޭއިން އެކަން ބެލިބެލުމުން މައްސަލަތަކެއް އުޅޭތީ ހުއްޓުވާފައިވާނެ ކަމަށެވެ. އަދި އެކަމާ ގުޅިގެން ކުރަންޖެހޭ އެހެން ކަންތައްތައް އީޕީއޭއިން ކުރަމުން ގެންދާ ކަމަށްވެސް ނަސީރު ވިދާޅުވިއެވެ.

ނަސީރު ވިދާޅުވީ ބާރަށުން ރުއްތައް އުފުރައިގެން ގެންދަނީ ތިމާވެއްޓަބެހޭ ވުޒާރާއިން އެންވަޔަރަމަންޓް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) އެއް ހަދާ ނަރުދަމާގެ މަސައްކަތަކަށް 600 އަށްވުރެ ގިނަ ރުއް ނަގާފައި ވަނީ ހުއްދަ ހޯދައިގެން ކަމަށެވެ.

"އީޕީއޭއިން އީއައިއޭއެއް ހަދާ ހުއްދަދިނުމަށް ފަހު ދެން ހިނގަމުންދަ ކަންތައްތަކުގެ ތެރޭގައިވެސް ހުންނާނެ އަޅުގަޑުމެންނަށް ބާރު ނުފޯރުވޭނެ ކަންތައްތައް، މިސާލަކަށް ރުއްއުފުރުމަށްފަހު ދެން ހަދަނީކިހިނެއްތޯ ރުއް ނެގި ރަށުގައި އިންދަނީތޯ ނުވަތަ އެހެން ތަނަކަށް ގެންދަނީތޯ މިހުރިހާ ކަމަކީ އަޅުގަނޑުމެންގެވެސް ބާރުން ބޭރުގައިވާ ކަންކަމަށްވެސް ވެދާނެ، އަޅުގަނޑުމެން އެދޭ ގޮތަކީ އުފުރާ ކޮންމެ ރުކަކަށް ދެ ރުއް އިންދުން." ނަސީރު ވިދާޅުވިއެވެ.

ނަސީރު ވިދާޅުވީ ގިނަ އަދަދަކަށް ރުއް ނަގަން ޖެހެނީ ކޮންމެވެސް ބޯހިޔާވަހިކަމުގެ މަޝްރޫއަކަށް ނުވަތަ މަގު ހެދުމާއި އުމްރާނީ ވަސީލަތްތައް ގާއިމް ކުރުމަށް ކަމަށެވެ.

އަދި މިގޮތައް ހުއްދަދޭއިރު އީޕީއޭއިން ބަލަންޖެހޭ ހުރިހާ ކަމެއް ބަލަމުންގެންދާ ކަމަށް ނަސީރު ވިދާޅުވިއެވެ.

އީޕީއޭގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް އިބްރާހީމް މުހައްމަދު ވިދާޅުވީ ރުއްގަސް ނެގުމަށް ހުއްދަދެނީ ތަރައްގީގެ މަޝްރޫއެއް ހިންގާއިރު އެއީ ލޭންޑްޔޫސް ޕްލޭންގައި އެޕްރޫވް ކުރެވި އެ މަޝްރޫއަށް ބަޖެޓު ހަމަޖެހި ކުރިއަށްގެންދެވޭނެ މަޝްރޫއުތަކަށް ކަމަށެވެ. އަދި ރުއްގަސްނެގުމާއި އުފުރުމާ އެހެން ތަންތަނަށް ގެންދިއުމުގެ ގަވައިދު ބަދަލުކުރަމުން އަންނަ ކަމަށާއި، ނަމަވެސް ރަށްތަކުން ނަގާ ރުއްތަކުގެ ވިހި އިންސައްތަ އެރަށެއްގައި އިންދަން ޖެހޭނެ ކަމަށް މިހާރުވެސް އަންގާފައިވާނެ ކަމަށް އިބްރާހީމް މުަހައްމަދު ވިދާޅުވިއެވެ.

އީޕީއޭއިން ހުއްދަދީގެން ރުއް ނެގި ތިން ރަށުގައި، ނެގި ކޮންމެ ރުކަކަށް ދެ ރުއް އިންދާފައިވާކަން އެރަށްރަށުން ހެއްކާއިއެކު އީޕީއޭއަށް ޔަގީން ކޮށްދީފައިވާ ކަމަށްވެސް އިބްރާހީމް ވިދާޅުވިއެވެ.

ހއ ކެލާއިން ރުއް ނެގުން އީޕީއޭއިން ހުއްޓުވާފައިވާ އިރު ބާރަށުން ގިނައަދަދެއްގެ ރުއް ނަގައިގެން ރިސޯޓަށް ގެންގޮސްފައި ވަނީ އެރަށުގެ ނަރުދަމާ އެޅުމަސް ބޭނުންވާ ބިމުންނެވެ. އެސަރަހައްދުން ބިންހުސްކޮށް ބާރަށުގައި ނަރުދަމާގެ މަސައްކަތް ކުރުމުން ގެންދާތާ މިހާރުވަނީ އަހަރަކަށްވުރެ ގިނަދުވަސްވެފައެވެ. ބާރަށު ނަރުދާ އެޅުމުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފައި ވަނީ 2017 ވަނަ އަހަރުއެވެ.

ރާއްޖޭގެ އެކި ރަށްރަށުން ގަވާއިދާ ހިލާފަށް ރުއް ނަގައި ރާއްޖެއިން ބޭރަށާއި ބައެއް ރިސޯޓު ތަކަށް ވިއްކާ މައްސަލަތަކެއް އީޕީއޭއިންވެސް ވަނީ ތަހުގީގު ކުރަންވެސް ފަށާފައެވެ. އަދި އެފަދަ މައްސަލައެއް ފެންމަތިވެ އީޕީއޭއިން ވަނީ މިއަހަރު ކުރީކޮޅު ބައެއް ކައުންސިލްތައް ޖޫރި މަނާ ވެސް ކޮށްފައެވެ.

ރައްތަކުން ރުއްގަސް އުފުރުމުން އެރަށްތަކުގެ ފެން ތަގައްޔަރުވެ ފަސް ގަނޑު ދޫވެ ތިމާވެއްޓަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާކަން ބައެއް ރަށްރަށުން ވަނީ ފަހަގަ ކޮށްފައެވެ.